
އޭނާގެ ދަރިއެއް ކަމަށްވާ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ސީއެންއެމް އަށް ބުނީ، ބައްޕަގެ ހާލުކޮޅު މިވަގުތު ސީރިއަސް ކަމަށެވެ.
އުމުރުން 72 އަހަރުގެ ކޮޕީ ރަޝީދަށް ފަރުވާ ދެމުންދަނީ އޭޑީކޭގެ އައިސީޔޫގައެވެ.
އިސްމާއިލް ރަޝީދު ބުނީ، މީގެ ދެ އަހަރު ކުރިން ވެސް ސްޓްރޯކެއް ޖެހުނު ކަމަށާއި ރޭ އަނެއްކާވެސް ދެވަނަ ސްޓްރޯކެއް ޖެހުނީ ކަމަށެވެ.
ފުރަތަމަ ސްޓްރޯކަށްފަހު ބައްޕަ ޖިސްމާނީ ގޮތުން ރަނގަޅު ނޫން ކަމަށާއި ނަފްސާނީ ގޮތުން ބައްޕަގެ ހާލު ރަނގަޅު ކަމަށެވެ.
ކޮޕީ ރަޝީދަކީ އެކި އެކި ރޮނގުން ދިވެހި ބަހަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ކޮޕީ ރަޝީދަށް ލިބިވަޑައިގަންފައި ވެއެވެ. އޭގެ އިތުރުން ދިވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ ޢާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާކަމް ފާހަގަކޮށްލެވެއެވެ.
ތަފާތު ދާއިރާތަކުން ޅެން ހައްދަވައި ފޮތް ނެރުއްވި 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށްވެސް ހިދުމަތް ކުރައްވައިފައިވާ އަދި ތަފާތު މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ.
ކޮޕީ ރަޝީދުގެ ހާލުކޮޅު ގޯސްވުމާއެކު އޭނާގެ އެކުވެރިންނާއި ހެޔޮ އެދޭ މިތުރުން އަންނަނީ ހެޔޮދުއާ ކުރަމުންނެވެ.