ads
ކުއްޖާ ފެނުނު ސަރަހައްދު ބަންދުކޮށްފައި-- ފޮޓޯ:ސީއެންއެމް
އެކަށީގެންވާ ޖަލެއް ނެތުމުން 13 އަހަރުގެ ކުއްޖާ މަރާލިކަމަށް ބުނާ ކުއްޖާވެސް ގެއަށް!
ރަހީނު ކުރުމަށްފަހު މަރާލާ، ފޮއްޓަކަށްލާ އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ހައްޔަރުކުރުކޮށް ދައުވާ އުފުލާފައިވާ 17 އަހަރުގެ ކުއްޖާ، ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތްކަމަށް ބުނެ ޖުވެނައިލް ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެކުއްޖާ ގޭ ބަންދަށް ބަދަލު ކުރަން ޖުވެނައިލް ކޯޓުން އަމުރުކޮށްފައިވަނީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް މިވަގުތު ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާތީ އެކަމަށް ރިއާޔަތްކޮށް ކަމަށެވެ. އެހެންކަމުން އެކަށީގެންވާ ޖަލެއް ގާއިމް ކުރެވޭނެ މުއްދަތެއް އަންގައިދޭން ހޯމް މިނިސްޓްރީގައި މިހާރު އެދިފައިވާނެ ކަމަށް އެއޮފީހުން ބުނެއެވެ. 

އެކަށީގެންވާ ޖަލެއް ނެތްކަމަށް ބުނެ ގއ. މާމެންދޫގައި މިދިޔަ މާޗު މަހުގެ އަށް ވަނަ ދުވަހުގެރޭ މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ ދައުވާ ލިބޭ ކުޑަކުއްޖާ، ވެސް ވަނީ މިމަހުގެ ދެވަނަ ދުވަހު ގެއަށް ބަދަލުކުރަން އަމަރު ކޮށްފައެވެ. ކޯޓުން ބުނާގޮތުން ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް ނެތްކަމަށް ބުނެ އެފަދަ ޖަލެއް ގާއިމުކުރުމަށް އެޗްއާރުސީއެމުން ދިން މުއްދަތުގައި އެކަން ނުކުރެވޭނެކަމަށް ކަރެކްޝަންސްއިން ކޯޓަށް ވަނީ އަންގާފައެވެ. އެހެންކަމުން މަރުގެ ދައުވާ ލިބޭ އެކުއްޖާވެސް ގޭބަންދަށް ބަދަލުކުރަން ނިންމީއެވެ.

އޭގެފަހުން އެކަށީގެންވާ ޖަލެއް ނެތިގެން މަރުގެ ދައުވާ ލިބޭ އިތުރު ކުއްޖަކު ގޭބަންދަށް ބަދަލުކުރިއިރު، ރަހީނުކޮށްގެން ގެންގުޅުނު 13 އަހަރުގެ ކުޑަކުއްޖާ ރަހުމުކުޑަގޮތަކަށް މަރާލުމަށް ފަހު ފޮއްޓަކަށްލާ، ހެކި ނެއްތާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 17 އަހަރުގެ ކުޑަކުއްޖާގެ މައްޗަށް މީހަކު މެރުމުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެ ނަމަ 11 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. 

13 އަހަރު ކުއްޖާ މަރާލުމުގައި ބައިވެރިވި 17 އަހަރުގެ ކުއްޖާގެ މައްޗަށް މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާކޮށްފައިވާއިރު، ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ ޖިންސީ ގޮތުންނާއި، ޖިސްމާނީ ގޮތުންވެސް އެތަށް އަނިޔާތަކެއް ދީފަކަމަށް މައުލޫމާތު ލިބެއެވެ. ކުއްޖާ ރަހީނުކޮށްގެން އެދެމީހުން ހަތަރު ވަރަކަށް ދުވަހު ގެންގުޅެފައިވާއިރު، ކުއްޖާ ރަހުމުކުޑަގޮތަކަށް މަރާލާފައި އެއްލާލާފައިވަނީ މިދިޔަ ޖޫން މަހުގެ 23ވަނަ ދުވަހުއެވެ. ކުއްޖާ ގެއްލުނީ 18 ވަނަ ދުވަހުއެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް