ads
ފޮޓޯ: އައްޑޫ ލައިވް
އަގުބޮޑުކޮށް ބޭސް ވިއްކާނަމަ 10،000އާއި 1 ލައްކައާއި ދެމެދުގެ ޖޫރިމަނާއެއް!
ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ނުވަތަ އެންމެ ދަށް އަގު ކަނޑައަޅާފައިވަނިކޮށް އެއާ ހިލާފަށް އަގުބޮޑުކޮށް ބޭސް ވިއްކައިފިނަމަ 10،000 އާއި އެއް ލައްކަ ރުފިޔާއާއި ދެމެދުގެ އަދަދަކުން އެތަނެއް ޖޫރިމަނާކުރެވޭ ގޮތަށް، ގަވާއިދު އާއްމުކޮށްފި އެވެ.

"ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު"ގެ މަގުސަދަކީ ރައްކާތެރި ބޭސް، އަތްފޯރާ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ޤައުމީ ނިޒާމު (އާސަންދަ) ގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ އިތުރުން އަމިއްލަ ފަރުދުންގެ ޖީބުން ބޭހަށް ކުރާ ހަރަދު ކުޑަކުރުމާއި، ދައުލަތުން ބޭހަށް ކުރާ ހޭދަ ކުޑަކުރުމެވެ. 

ބޭހުގެ އެމްއާރުޕީ ނުވަތަ އެންމެ ދަށް އަގު ކަނޑައަޅާ ތަންފީޒު ކުރަން ފަށާނީ 2022 ވަނަ އަހަރުގެ ޖުލައި އެއްވަނަ ދުވަހުން ފެށިގެންނެވެ. ބޭހުގެ އެމްއާރުޕީ ކަނޑައެޅުމުން، މި ތާރީހުން ފެށިގެން އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެންމެހައި ބޭހާއި، އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހައި ބޭހެއް ވިއްކަންވާނީ، ކަނޑައަޅައިފައިވާ އެމްއާރުޕީ އަށްވުރެ ބޮޑު ނޫން އަގެއްގައެވެ.

އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެންމެހައި ބޭހާއި، އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހައި ބޭހުގެ އެމްއާރުޕީ ކަނޑައެޅުމަށްފަހު، ބޭހުގެ އަގުތައް ހިމެނޭ ލިސްޓު، 15 ޖޫން 2022 ގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަން ވާނެ ކަމަށް މިގަވާއިދުގައި ވެއެވެ. 

އެމް.އާރު.ޕީ ކަނޑައެޅުމަށްފަހު، އެ އަގުތައް، ކޮންމެ ތިން އަހަރަކުން އެއް ފަހަރު މިނިސްޓްރީން މުރާޖާ ކުރަންވާނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ބޭހުގެ އަގު ކޮންޓްރޯލު ކޮށްގެން ވިއްކުމުގެ އިތުރުން ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމްއާރްޕީ، ފާމަސީތަކުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނަން ހުންނަންވާނެ ކަމަށް ގަވާއިދުގައި ވެއެވެ. 

މި ގަވާއިދާއި ހިލާފުވެއްޖެނަމަ އަޅާ ފިޔަވަޅު:

  • ފުރަތަމަ ފަހަރު 10،000 ރުފިޔާއިން އެ ތަނެއް ޖޫރިމަނާ ކުރުން
  • ދެވަނަ ފަހަރު 10،000 ރުފިޔާއާއި 50،000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ތަނެއް ޖޫރިމަނާ ކުރުން
  • ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000(ފަންސާސްހާސް) ރުފިޔާއިން އާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ތަނެއް ޖޫރިމަނާ ކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް