ads
ޕެޓިޝަންގައި ސޮއިކުރުމުގެ ތެރެއިން
ބަރުލަމާނީ ޕެޓިޝަނަށް ލިބުން ސޮއި އެއްލައްކަ ފަހަނައަޅައިފި، ސޮއި ހޯދުން އަދިވެސް ކުރިއަށް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ފެނޭތޯ އެމްޑީޕީގެ ބަޔަކު އިސް ސަފަށް ނުކުމެތިބެ އެކުލަވާލި ޕެޓިޝަންގައި ސޮއި ކުރި މީހުންގެ އަދަދު އެއް ލައްކަ ފަހަނަ އަޅައިފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯއްދެވުމުގައި އިސްވެ އުޅުއްވާ ގާނޫނީ ވަކީލު ނިޝާން އިބްރާޙިމް ވިދާޅުވީ، އެބޭފުޅުން ޓާގެޓް ކުރި އެއް ލައްކަ މީހުންގެ ސޮއި މިހާރު ހޯދިފައިވާ ކަމަށާއި އަދިވެސް އެ ޕެޓިޝަންގައި ސޮއިކުރަން ބޭނުންވާ އެތަކެއް ފަރާތެއް ތިބި ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަށް މިހާރުވެސް މިއޮތީ ވާސިލްވެފައި، ސޮއި ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދަނީ" ނިޝާން ވިދާޅުވިއެވެ.

މިހާރު އެ ޕެޓިޝަނަށް ލިބިފައިވަނީ 109،742 ސޮއި ކަން ފާހަގަކޮށްލެވެއެވެ.

އެ ޕެޓިޝަނަށް އެއްލައްކަ ސޮއި ހަމަ ވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން ކުރިން ވަނީ ބުނެފައެވެ.

ނިޝާން ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ، މި ޕެޓިޝަނަށް ސޮއި ހޯދުން ދަނީ އަދިވެސް ބާރު ސްޕީޑުގައި ކުރިއަށް ކަމަށާއި އަތޮޅުތަކުން ވެސް ސޮއިކުރަން ބޭނުން ވެގެން އެދެމުން އަންނަ ކަމަށެވެ.

ނިޝާން ވިދާޅުވީ، އަތޮޅުތަކުގައި ތިއްބަވާ ބޭފުޅުން ބޭނުންވަނީ މާލޭގައި އިސްކޮށް ތިއްބަވާ ޓީމު ކުރިމަތީގައި ސޮއި ކުރަން ކަމަށާއި އެހެން ކަމުން މިހާރެކޭ އެއްފަދައިން އަތޮޅުތަކަށް ޓީމު ކުރަމުންދާ ދަތުރުތައް ހުއްޓާނުލާ ކުރަން ވިސްނާފައިވާ ކަމަށެވެ.

"ރަށްރަށުުގަ ތިއްބަވާ ބޭފުޅުން ބޭނުންވަނީ އަޅުގަނޑުމެންގެ ޓީމާއެކު ސޮއިކުރަން، ބަރުލަމާނީ އަކީ ކޮބައިކަން ރަނގަޅަށް ދެނެގަންނަށް ވަރަށް ގިނަ ބަޔަކު ބޭނުންވާކަން ފާހަގަކޮށްލެވޭ" ނިޝާން ވިދާޅުވިއެވެ.

ނިޝާން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވޯޓު ލެވޭ އާބާދީގައި ދެ ލައްކަ އަށްޑިހަ ހާހަށް ވުރެއް ގިނަ މީހުން ތިބި އިރު އުންމީދު ކުރަނީ އެ އަދަދުގެ ދެބައިކުޅަ އެއްބަޔަށް ބަރުލަމާނީ ނިޒާމަށް ތާއިދު އޮތްކަމަށް ސޮއި ހޯދޭނެ ކަމަށެވެ.

އެހެން ކަމުން މިހާރުވެސް ކުރިއަށްދާގޮތަށް ދާއިރާތަކަށް ފޯކަސް ކޮށްގެން ހއ އިން ފެށިގެން އައްޑޫ އަށް ދަތުރުކޮށް ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދާނެ ކަމަށާއި އެންމެ ރަށަކުން އެންމެ ސޮޔެއް ދިން ކަމުގައި ވިޔަސް އެ ސޮއި ވެސް ހިފައިގެން ކުރިއަށްދާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރެއްވުމުގެ ވިސްނުންފުޅު ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވައެވެ. އެމަނިކުފާނު އަންނަނީ މި ނިޒާމަށް ބަދަލު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭގެ އިތުރުން އެމަނިކުފާނު އަންނަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ބައްދަލު ކުރައްވާ ބަރުލަމާނީ ނިޒާމާ ގުޅޭ މަޝްވަރާތައް ކުރައްވަމުންނެވެ.  

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމެއް ކަނޑައަޅަން 2007 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ތާއީދު ލިބުނީ ރިޔާސީ ނިޒާމަށެވެ. އެއީ 154,123 ވޯޓާ އެކު 62 ޕަސެންޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް