ށ.ގޮއިދޫ، ޑޭޒީވިލާ އަލީ މުހައްމަދަކީ ހީވާގި ދަނޑުވެރިއެކެވެ. ދަނޑުވެރިކަން ކުރާތާ 43 އަހަރު ވެފައިވާއިރު އަލީ މުހައްމަދު މި މަސައްކަތް ކުރަމުންދަނީ ވަރަށް ވެސް ޖޯޝާ ފޯރީގައެވެ. ހެނދުނާއި ހަވީރުގެ ވަގުތުތަށް ހޭދަކުރަނީ ދަނޑުމަތީގައެވެ. ދޭއަތްވަކަށް ވެހޭ ވާރޭ އަކަށް ނުބަލާ އަލީ މުހައްމަދުގެ ދެމަފިރިން މިންނެތް މަސައްކަތް ކުރަމުން ގެންދިޔައީ 8 ދަރިން ރަނގަޅު ގޮތުގައި ބަލާ ބޮޑުކުރުމަށެވެ.
އަލީ މުހައްމަދު 2000 ވަނަ އަހަރުގެ ތެރޭގައި ނިކަ ގަހެއްގެ ގޮފިގަނޑެއް ދަށުވިއެވެ. އޭނާ ބަލި އެނދުގައި ތިން މަސް ދުވަސް ހޭދަ ކުރިއެވެ. އެދުވަސްކޮޅު އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އޭނާގެ ކެތްތެރި އަންހެނުންނެވެ. އަލީ މުހައްމަދުގެ އަންހެނުން ސަންފާ އިބްރާހީމްއަކީ ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ. އާއިލާގެ ހުރިހާ ކަމެއް ބެލެހެއްޓީ ހުދް ސަންފާ އިބްރާހީމްއެވެ. އޭރުގައިދެމަފިރިންގެ އެންމެ ހަގު ދަރިއަށް އަހަރެއްވެސް ނުވެއެވެ. ކައިރި ކައިރީގައި ކުދިން ލިބިފައި ހުރުމުގެ ސަބަބުން ކުދިންތައް އޭރު ވަރަށް ހަގެވެ. ތިން މަސް ފަހުން އަލީ މުހައްމަދު އަނެއްކާވެސް އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ލިބުނު އަނިޔާއަށް ބެލުމެއްނެތި މަސައްކަތްކުރީ ދަރިންގެ ހައްގުގައެވެ. އެކީ އެކައްޗަކަށް އުނަގަނޑު ރަނގަޅު ނުވިއެއްކަމަކު އަލީ ގެ މަސައްކަތް ހުއްޓުމަކަށް ގެންނާކަށް އަލީ ބޭނުމެއް ނުވެއެވެ.
ދަނޑު ހެއްދުމަކީ ފަސޭހަ ކަމެއް ކަމަށް ހީކުރިއަސް އޭގެ ބުރަ ކަމާއި އުނދަގޫކަން އަލީ ސިފަކުރަނީ ވަރަށް ވެސް ބުރަ ކަމެއްގެ ގޮތުގައެވެ. އެކަމަކު އަލީ އޭނާގެ މަސައްކަތް ބަލައިގަންނަނީ އޭނާގެ ދެވަނަ އުފާވެރިކަމުގެ ގޮތުގައެވެ. އޭނާގެ ދަނޑު މާނަކުރަނީ އޭނާގެ ދެވަނަ ހިޔާވަހި ކަމުގައެވެ.
އަލީ ދަނޑުވެރިކަމުގެ ކޯހެއް އެންމެ ފުރަތަމަ ފުރިހަމަ ކޮށްފައިވަނީ ވަނީ 1990 ފަހުގެ އަހަރު ތަކުގައެވެ. އަދި މީގެ އިތުރުން ހަނިމާދޫއިން ދަނޑުވެރިކަމާ ގުޅޭ ވޯކްޝޮޕްތައް ފުރިހަމަ ކޮށްފައިވާކަން ފާހަގަ ކުރެއްވި އެވެ. ލިބިފަވާ އިލްމާއި ހުނަރުން އަނެކުންނަށް ބުނެދީ އުނގަންނައިދޭން ހާއްސަ ސަމާލުކަމެއް ބަހައްޓާކަން އަލީ ފާހަގަ ކުރެއެވެ.
ދަނޑުވެރިކަމެއް ނުކުރެވޭނެ ރަނގަޅަކަށް ހުޅަނގު މޫސުމަކު. ދަނޑުވެރިކަމަކީ އިރުވާ މޫސުމުގަ ކުރެވޭ ކަމެއް. ކޮންމެ ހަތަރު މަހަކުން ދަނޑު ސާފުކޮށް އަނެއްކާވެސް އިންދާ" އަލީ މުހައްމަދު ބުންޏެވެ.
އަލީ އަކީ ހަމައެކަނި ދަނޑުވެރިއެއް އެކަންޏެއް ނޫނެވެ. އޭނާ އަކީ ވިޔަފާރިވެރިއެއް ވެސްމެއެވެ. 2007 ވަނަ އަހަރުން ފެށިގެން ވިޔަފާރީގެ މަސައްކަތް ފެއްޓީ ދަނޑު ބޭސް ވިއްކުމުންނެވެ. އަދި ދުވަސްކޮޅެއް ތެރޭގައި އެހެނިހެން ޒަރޫރީ ސާމާނުވެސް ވިއްކަން ފެއްޓިއެވެ. ދަނޑުވެރިކަން ކުރަން ފެށުމުގެ ކުރިން ކޮންމެވެސް ވަރަކަށް މަހަށް ގޮސް އުޅެ ހަދާ ކަމަށް އަލީ މުހައްމަދު ފާހަގަ ކުރިއެވެ. އަދި މީގެ އިތުރުން ރަށުގައި ހިންގާ ސުކޫލު ހަރަކާތްތަކަށާއި ރަށުގައި ހިންގޭ ތަފާތު ހަރަކާތްތަކަށް ވީ ވަރަކުން އެހީ ވެވޭތޯ އަލީ ބަލާކަމަށް ފާހަގަ ކުރިއެވެ. ރަށުގެ އިޖްތިމާއީ ހަރަކާތްތަކުގަޔާއި އީދު ކުޅިވަރުތަކުގައި އަލީ މުހައްމަދުގެ ބައިވެރިވުން ފާހަގަ ކުރެވެއެވެ.
ކޮވިޑުގެ ވަބާ ދުނިޔެއަށް ފެތުރުމާއިއެކު ދުނިޔެއަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ދުނިޔެ ހުއްޓުނެވެ. ހުރިހާ އެންމެންވެސް ދަނީ އެކި ކަހަލަ އުނދަގޫތައް ތަހަންމަލް ކުރަމުންނެވެ. އަލީ ބުނީ ދަނޑުވެރިކަމުގެ ސާމާނު ހޯދަން މިހާރު ވަރަށް އުނދަގޫ ކަމަށާއި، ކޮވިޑުގެ ސަބަބުން ތަކެތި ހޯދުމަށް ވަރަށް އުނދަގޫ ކަމަށެވެ. ކޮވިޑުގެ ސަބަބުން އާމްދަނީ އަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް އަލީ މުހައްމަދު ފާހަގަ ކުރިއެވެ. ބޭހުގެ ހަރަދާއި ދަނޑުތަކުގެ ކަރަންޓުގެ ހަރަދަށް ކަނޑައި ފައިދާއެއްގެ ގޮތުގައި ލިބެނީ ގާތްގަނޑަކަށް ފަސް ހާސް ރުފިޔާ ކަމަށް އަލީ ބުންޏެވެ.
"ބުރަ މަސައްކަތް ކޮށްގެން ހަލާލު ގޮތުގަ ހޯދާ ފައިސާއިން އުޅެވޭތީ އުފާކުރަން. ﷲ އަށް ހަމްދުކުރަން" އަލީ މުހައްމަދު ބުންޏެވެ.
ހެނދުނު މުނާޖާ ކޮނޑު އަޅައިގެން މަސައްކަތަށް ނުކުންނަ ގޮތަށް އާދެވެނީ މެންދުރުވާ އިރަށް ކަމަށް އަލީ މުހައްމަދު ބުންޏެވެ. ދެން އަލީ ދަނޑަށް ދަނީ ހަވީރު އެވެ. ހަވީރު ގޮސް ދަނޑުގެ މަސައްކަތް ކުރުމަށްފަހު އަންނަނީ ނަމާދަށް ވަގުތު ޖެހުމުންނެވެ.
"ހަވީރުވެސް ހަމަ ދަން އަސުރު ކޮށްގެން. ގިނަ ދުވަސް ދުވަހު އާދެވޭނީ ގެއަށް ހަމަ މަގްރިބް ބަންގިއަށް." އަލީ މުހައްމަދު ފާހަގަކުރިއެވެ.
ހީވާގި ކަމާއެކު މަސައްކަތް އެކުރަނީ އެކަމަށް ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުނެނެވެ. 8 ދަރިން ބޮޑުވެ 14 ކާފަ ކިޔާ ދަރިން މިއަދުވަނީ ލިބިފައެވެ. ދަނޑުވެރިކަމަކީ އަޅުގަނޑުމެން ހީވެސް ނުކުރާފަދަ ބުރަ މަސައްކަތެކެވެ. އުނަގަނޑުގައި މައްސަލަތަކެއް ހުރި ކަމުގައިވިޔަސްވެސް އަލީ މުހައްމަދުގެ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ.