ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު (ނަމްބަރު:2021/21) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގު ކުރައްވައިފައެވެ.
އއެ ގާނޫނުގެ 16 ވަނަ މާއްދާގެ ބ ގައިވާ ގޮތުން ސެކިއުރިޓީ ޑިޕޮޒިޓް އަނބުރާ ދިނުން މަނާކުރާ މާއްދާއެއް ދެފަރާތުން ހަދާ އެއްބަސްވުމުގައި ނުހިމެނޭނެއެވެ.
މި ބިލަކީ ރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާ ގުޅޭގޮތުން ކުއްޔަށްހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ހައްގުތަކާއި އިލްތިޒާމްތައް ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުއާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ.
މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ކުއްޔަށްހިފާ ފަރާތާ ކުއްޔަށްދޭ ފަރާތުގެ ހައްގުތައް ބަޔާންކުރުމާއި ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމަލުކުރަންޖެހޭނެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނާއި، އެ ތަންތަނުގެ ކުއްޔާއި، އެ ތަންތަނުގެ ހާލަތާ ގުޅިގެން، ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން އުފެދޭ މައްސަލަތަކާއި ޝަކުވާތައް އަވަސް ގޮތެއްގައި ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން ވެސް މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މިބިލު ހިންގޭނެ ދާއިރާތަކަކީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގެ މައްޗަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ދަށުން އެކި ފަރާތްތަކާ ހަވާލުކުރެވޭ ތަންތަނާގުޅޭ މުޢާމަލާތްތަކުގެ މައްޗަށްކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު (ނަމްބަރު:2021/21) ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނުނު ވަނީ ގެޒެޓްގައި ޝާއިއު ކުރައްވާފައެވެ.
މި ގާނޫނަށް ޢަމަލުކުރަން ފެށުމަށް ކަނޑައަޅާފައި ވަނީ މި ޤާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) ގެ 28 ވަނަ މާއްދާއާއި "ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދު" ގައި ދިރިއުޅުމަށް ކުއްޔަށްދިނުމާ ގުޅޭގޮތުން ހިމަނާފައިވާ އެންމެހައި މާއްދާތައް އުވިގެންދާނެއެވެ.