ads
ހާހޫރަ ކޮލަމް: ކާފަބޭއާއި ބަޖެޓު ބަހުސް: ދަރަނި މާބޮޑު، ޓާފް ދަނޑާއި މަގުބައްތި، ހިމަނާ!
ކާފަބޭގެ ޚަބަރެއްނެތި އެތަކެއް ދުވަހެއް ވުމަށްފަހު ޕްރެސްއަކަށް ދައުވަތު ދިނުމުން، ކާފަބޭ ދެކިލުމުގެވެސް ނިޔަތުގައި 'ހާހޫރަ' ނޫހުގެ ފަރާތުން ދަޢުވަތު ޤަބޫލުކޮށް ކާފަބޭގެ މަހައްލަށް ހިނގައްޖައިމެވެ. މިއަދުވެސް ޕްރެސް ކޮންފަރެންސަށް ހާޒިރުވީ ހާހޫރަ ނޫހުން އެކަންޏެވެ. އިރުގަނޑަކު މަޑުކުރުމަށް ފަހު، ކާފަބޭ ވާހަކަދައްކަން ފެށިއެވެ.
Advertisement

ކާފަބޭ: "ކަލޯ އާދަނާ، މީ ހަމަ މިހާރުގެ ހާލު. ގިނަ ނޫސްތަކަކީ ވަކި އަޑެއް އިއްވަން، ވަކި ހަމައަކަށް ބެރު ޖަހަން ތައްޔާރު ކޮށްފައި ހުންނަ ތަންތަން. އެހެންވީމާ އަހަރެމެން ކަހަލަ މީހުން ދައްކާނެ ވާހަކައެއް އަޑުއަހާނެ މާ ގިނަ ބަޔަކު ނޫޅޭ. ހާހޫރަ ނޫހުން އަޔަތީ ވަރަށް އުފާކޮށްފިން"

ހާހޫރަނޫސް: "މަގޭވެސް، މެންދުރު ފަހު ކުރާނޭ މާބޮޑު ކަމެއް ނެތަތީ، ކާފަބޭ ނުފެންނަތާ ގިނަދުވަސްވެސް ވެފައިވާތީ ޖައްސާލީ، ކޮންކަމަކާތަ، މިއަދު ޕްރެސަކަށް ގޮވައިގެން ތިއުޅެނީ؟"

ކާފަބޭ: "ކަލޯ އާދަނާ، ބަލަ މީ ބެޖެޓު ދުވަސްވަރެއްނު، މީ ޔެެެއްނު ސިޔާސީ މީހުން އެންމެ މަޖާ ޑްރާމާކުޅެ، ފިލްމް އުފައްދާ ދުވަސް ވަރަކީ؟ އެހެން އިއްޒަތްތެރިން ފަދައިން މަގޭއަށް ވެސް، ބަޖެޓު ވާހަކަ ދައްކަން ލިބުނު ވަގުތު ކޮޅުގައި މިއައިީ ބަޖެޓު ވާހަކަ ދައްކާފައި. ކުޑަކޮށް މަޑުކޮށްލާފައި ކާފަބޭ ކުރިއަށް ގެންދިޔައެވެ. "އަދި ބުނަން، މި ޕްރެސްގައި ދެމީހުން އެކަނި ތިބެން ޖެހުނަސް، ހާހޫރަ ނޫހުން މަގޭ އާ މުޚާތަބު ކުރަންޖެހޭނީ  އިއްޒަތް ތެރި މެންބަރު ކިޔާފާ އިނގޭ." ދެބައިން ބާވެފައިވާ މުންޑެއް އަދެ، އެއް އިރެއްގައި ހުދު ޓީ ޝާރޓެއް ލައިގެން އިނދެ ކާފަބޭ އެންގިއެވެ.

ހާހޫރަ ނޫސް: "ލައްބަ އިއްޒަތް ތެރި މެންބަރު، ފަތްޖެހި އެންދެއްގައި ޕްރެސް ދެއްވަން އިންނެވުމުން ކުޑަކޮށް އޮޅުނީ.  ވިދާޅުވެ ދެއްވަބައްލަވާ، އިއްޒަތްތެރި މެންބަރު ކިކޭތޯ ބަޖެޓާ ބެހޭގޮތުން މަޖިލިސްގައި ވިދާޅުވީ؟"

ކާފަބޭ: "ތިޔަ ކުރެއްވި ސުވާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މަގޭ ބުނިން ބަޖެޓް މާބޮޑެ، ދަރަނި މާ ގިނައޭ. ދިވެހިން ދަރަނީއްޔޭ. ކުޑަ ކުރާށޭ." ވަރަށް ހިތްހަމަ ޖެހިލާފައި އިއްޒަތްތެރި މެންބަރު ވިދާޅުވިއެވެ.

ހާހޫރަވނޫސް: "ތިޔައީވާ ރަނގަޅު ވާހަކައެއް. އެ ހިސާބުން ބަޖެޓު ވާހަކަ ނިންމާލެއްވީ ތޯ؟ ތިޔައީ ވަރަށް ކެރޭ ސިޔާސީ މީހެއް"

ކާފަބޭ: "ބަލަ އާދަނާ، ތިޔައިނީ ހަމައިގައިތަ ..؟"

ހާހޫރަ ނޫސް: "ޕްރެސް ގެ މިވަގުތު، އިއްޒަތްތެރި މެންބަރު، އަޅުގަނޑަށް ވެސް އިއްޒަތްތެރި ކޮށް ހިއްތެވުން އެދެން" ކާފަބޭގެ ވާހަކަ މެދުކަނޑާލާފައި ބުނީމެވެ.

ކާފަބޭ: "ތީ ރަނގަޅު ވާހަކައެއް، އިއްޒަތަކީ ގަންނަން ލިބޭ އެއްޗެއް ނޫންދޯ؟ ހާހޫރަ ނޫހުން ތިކުރެއްވި ސުވާލު ރަނގަޅު. ދާއިރާގެ ފަރާތުން އަހަރެން ބުނިން، ދާއިރާގައި އަޅައިދޭން ބުނި ޓާފް ދަނޑު އަދި ނުނިމެޔޭ އަވަސް ކުރާށޭ. މަގު ބައްތިތަކުގެ ވާހަކަ ވޮށް އަލިވާ ހިސާބަށްވެސް ނާދެޔޭ"

ހާހޫރަ ނޫސް:  "އެނުމީނީތޯ. ޓާފް ދަނޑާއި މަގު ބައްތި އެކަނިތޯ؟

ކާފަބޭ: "ނޫނޭ، ނޫނޭ، ކޮބާ އަދި ރަށު އެއާޕޯޓާއި އިންޑޯ ކުޅިވަރު އެކުވެނި. މިވާހަކަތައް ވެސް ގޮވާލިން"

ހާހޫރަ ނޫސް: "އެ ނިމުނީތޯ؟"

ކާފަބޭ: "ކަލޯ އާދަނާ ހާދަ ރާގަކަށް. މަލާމަތަކީތަ؟"

ހާހޫރަ ނޫސް: "ތިޔަ ވިދާޅުވަނީ އިއްޒަތްތެރި މެންބަރު ވިދާޅުވީމޭ، ޚަރަދު ބޮޑޭ، ޑެފިސިޓް ބޮޑޭ، ބަޖެޓް ކުޑަ ކުރާށޭ. އަދި ހަމަ އެނޭވާ ގައި ޕްރޮޖެކްޓް ގިނަކޮށް ޚަރަދު ބޮޑު ކުރަން އެދުނީމޭ. އެހެންވެ ކުޑަކޮށް ހައިރާންވީ"

ކާފަބޭ: " އާނ ކީއްތަވީ، މަގޭ އެކަނި ތަ އެގޮތަށް ވާހަކަ ދައްކަނީ؟ ހުރިހާ އެންމެންވެސް ކިޔަނީ އެހެންނެއްނު. އެންމެންވެސް ގޮވަނީ ބަޖެޓު ކުޑަ ކޮށް ޑެފިސިޓް މަދުކޮށް، ގައުމީ ދަރަނި ނައްތާލާކަށް ނޫންތަ؟ ހަމަ އެ 5 މިނެޓުގައި، އެ ނޭވާގައެއްނު،  ބަޖެޓުން އިތުރު ޕްރޮކްޓެކްޓް ހިންގަން އެންމެންވެސް އެއޮށް ގޮވަނީ؟"

ހާހޫރަ ނޫސް: "އިއްޒަތްތެރި މެންބަރު ތިޔަ ވިދާޅުވީ ތެދެއް. އެންމެންވެސް ކިޔަނީ ތިޔަ ލަވަ. އެކި ރާގަށް ކީ ނަމަވެސް ކިޔަނީ ހަމައެއް ލަވައެއް. ޖަހަނީ ހަމަ އެއް ބެރެއް. ވިދާޅުވެ ދެއްވަބައްލަވަ؟ ދައުލަތުގެ ހަރަދު ކުޑަކޮށްފައި، ޕްރޮޖްކެޓް ގިނަ ކުރަނީ ކިހިނަކުންތޯ؟ ޓެކްސް އިތުރު ކުރަން ތައްޔާރު ތޯ؟"

ކާފަބޭ: ". ނޫން. ނޫން. އެއްވެސް ހާލެއްގައި ޓެކްސް އިތުރު ކުރާކަށް ވޯޓެއް ނުލާނަން. ކޮށްގެންވެސް ނުވާނެ."

ހާހޫރަ ނޫސް: "ދެން ކިހިނަކުންތޯ ދައުލަތުން ހަދާނީ؟"

ކާފަބޭ: "ކަލޯ އާދަނާ. އެނގިއްޖޭ، ކަލޯ ތިޔަ އިނީ އިއްޒަތްތެރި މެންބަރު ކިޔާށޭ ބުނީމާ ހިތާ ނުވެފައިދޯ؟ ބަލަ މި ވޭތުވެ ދިޔަ ތަނުގައިވެސް ތިޔައީކީ އެއްވެސް މީހަކު ވިސްނަން ޖެހުނު ކަމެއް ނޫނެއްނު؟ ޕްރޮޖެކްޓް ހިންގަން ބޭނުންވާ ފައިސާ ހޯދާނެ ގޮތެއް، ރައްޔަތު މީހާ ކީއްކުރަން ޚުދު އަނބިމީހާ ވެސް  އަހާކަށް ބޭނުމެއް ނުވެެއެއްނު؟ ހުރިހާ ސިޔާސީ މީހުންގެ ބަސްމަގު މިހާރު މިހިރީ މިހެންނު؟ އެެހެެން މެންބަރުން ފަދައިން ދާއިރާގެ މީހުން އަހަން ބޭނުންވާ އަޑު، މަގޭ ވެސް އިއްވާނޭނު؟ އެއީޔެއްނު ރައްޔަތުން ބޭނުންވާ ގޮތަކީ؟ އެހެންވީ އިރު، އެންމެން ކިޔާރާގަށް މަގޭ ވެސް ލަވަ ކިޔުުމަކުން އާދަނު މާ ހިތްހަމަ ނުޖެހިގެން ތިޔަ އުޅެނީ ކިޔެއް ވެގެން ކަމެއް ނުވިސްނުނު"

ކާފަބޭ: "އެނގިއްޖޭ، އާދަނާ، ކަލޯ ތިއިނީ ބަނޑުހައިވެ ނިވައްތައިގަންނަ ގޮތް ވެފައި. ވަރަށް މީރު އަތަ ފަންޏެއް އެބަހުއްޓޭ. ހިނގާ އެތެރޭ ގޭ ތެރަށް." މިހެން ބުނެ ކާފަބޭ ޕްރެސް ނިންމާލައިފިއެވެ.

އެޑިޓަރުގެ ނޯޓް

މިއީ "ހާހޫރާ ކޮލަމް" ގެ ނަމުގައި އިބްރާހީމް ޢާތިފް ޝަކޫރު، "ކާފަބެ" ކެރެކްޓާ ބޭނުންކޮށްގެން ސީއެންއެމްގައި ލިޔުއްވަމުންދާ ސިލްސިލާއެއްގެ ތެރެއިން ގިނަ ދުވަސްތަކަކަށް ފަހު "ކާފަބެ" ކެރެކްޓާ ބޭނުންކޮށްގެން ލިޔުއްވާފައިވާ އާޓިކަލް އެކެވެ. އިބްރާހީމް ޢާތިފް ޝަކޫރު އަކީ އިގުތިސާދީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅެކެވެ. މިފްކޯގެ ކުރީގެ އެމްޑީގެ އިތުރުން މަރުކަޒީ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ  އެވެ

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް