
މި މުޖުތަމައުގައި މި ފިނޑި އަމަލު މިހާރު ވަނީ ހައްދުފަހަނަ އަޅާފައޭ ބުނެވިދާނެއެވެ. މި ފަހަކަށް އައި ކޮންމެ މަހަކު މިކަހަލަ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އެބަ އާދެއެވެ.
މިކަން ކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތައް މިވަނީ ބިރުވެެރިކަމުން ފުރިފައެވެ. މުޅި ވެށި ބިރުވެރިކަމެއްގައެވެ. ބިރު ގަންނަން ދިމާވާ ސަބަބަކީ މި ރާއްޖޭގައި އެފަދަ ކުށްތައް ހިންގާ މީހުންނަށް ހައްގު އަދަބު ދިނުމުގެ ބަދަލުގައި “ތަޅުވަ ތަޅުވާފައި” އަނެއްކާވެސް ދޫކޮށްލާތީއެވެ.
މި ރިޕޯޓްގައި ދާދި ފަހުން ރާއްޖޭގައި ހިނގާދިޔަ ރަހީނު ކުރުމުގެ މިފަދަ މައްސަލަތަކަށް ބަލައިލާ އެ މައްސަލަތައްކުގައި ކުށްވެރިންނާ މެދު ކަންތައްކޮށްފައިވަނީ ކިހިންކުންތޯ ކުރުގޮތަކަށް ބަލައިލާނަމެވެ.
ރަހީނު ކޮށް މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުއްޖެއްގެ ހަށިގަނޑު ފޮއްޓަކަށްލާ ހުޅުމާލެ ފޭސް 2 ފަޅުތެރެއަށް އެއްލާލާފައި އޮތްވާ ފެނުނީ ވެސް މި އަހަރުގެ ތެރޭގައެވެ. އެ މައްސަލާގައި ދެ މީހަކު ހައްޔަރު ކުރި އިރު އެ ކުއްޖާ ރަހީނު ކުރުމަށް ފަހު މަރާލި ކަމަށް ފުރިހަމަ ހެއްކާ އެކު ދައުވާތަކެއް ވެސް ކުރެވުނެވެ.
އުދައްޔު: ފޮޓޯ އާއިލާ
އެހެން ނަމަވެސް ދެން އަނެއްކާވެސް މި ފަހުން އިވުނީ އެ މައްސަލާގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރި ކަމުގެ އަޑުތަކެވެ. އޭނާ އަށް އެކަށީގެންވާ ޖަލެއް ނެތުމުން ކަމަށް ބުނެ އެވެ.
ދެން ވެސް މިއޮތީ ހަމަ އޭގެ ވާހަކަ އެކެވެ. ދުރު ތާރީހެއް ނޫނެވެ. އިއްޔެ ހެނދުނު މީޑިއާ ތަކަށް ތިލަ ވެގެން ދިޔައީ އެމްއެންޑީއެފް ކޯސްޓް ގާޑްގައި އުޅޭ އުމުރުން 37 އަހަރުގެ މީހެއް އަތުން ފައިސާ ހޯދަން ރަހީނު ކޮށް ބަނދުކޮށްގެން ގެންގުޅުނު ހަބަރެވެ.
ގިނަ އިރުތަކެއް އޭނާ ދެކެ ލޯބިވާ މީހުންނާއި ގާތް މީހުންނަށް ގެއްލުވާލައިގެން އެތައް އިރަކު ރަހީނުކޮށްގެން ގެންގުޅުމަށް ފަހު، އެކި ކަހަލަ އަނިޔާ ދީ އެމީހާގެ ހާލު ގޯސްވެފައި ވަނިކޮށް އެއްލާލީ ގެންގޮސް އައިޖީއެމްއެޗްގެ ދޮރު މައްޗަށެވެ.
މި ހާދިސާ އާ ގުޅިގެން މިވީހާ ތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް މިިަކު ގެންދެވުނު ހެނެއް ހިޔެއް ނުވެއެވެ. އެކަމަކު ބުނަނީ އެ މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލާ ތަހުގީގު ކުރަމުން އަންނަ ކަމަަށެވެ.
މި ނޫނަސް މަރުގެ ހާދިސާ ތަކުގައި ދައުވާ ލިބޭ ފަރާތްތައް ވެސް ލުއި ދީ ގެއަށް ބަދަލު ކޮށްފައި އެބަ ހުއްޓެވެ. ކުއްތަކުގައި ޝާމިލުވާ ކުޑަ ކުދިން އެކަށީގެންވާ ޖަލެއް ނެތިގެން ގޭ ބަންދަށް މީގެ ކުރިން ވެސް ދޫކޮށްފައި އެބަ ހުއްޓެވެ.
މި އަހަރުގެ މާޗް މަހު ގއ. މާމެންދޫގައި މަރާލި އުދައްޔުގެ މަރުގެ މައްސަލާގައި ދައުވާ ކުރި އުމުރުން 17 އަހަރުގެ ކުއްޖާ ވެސް ހުރީ ޖުވެނައިލް ކޯޓުގެ ނިންމުމަކާއެކު ގޭ ބަންދުގައެވެ.
މިއީ ހަގީގަތުގައި އާންމު ރައްޔިތުން ހިތްހަމަޖެހޭ ގޮތްތަކެއް ނޫނެވެ. ބިރުވެެރިކަމާއި ނުތަނަވަސްކަން އާންމުންގެ ތެރޭގައި ވެރިވެފައި އޮންނަނީ މިކަހަލަ މިކަހަލަ ގޮތް ގޮތަށް ކަންތައްތައް ވާތީއެވެ.
ކުއްޖާ ފެނުނު ސަރަހައްދު ބަންދުކޮށްފައި-- ފޮޓޯ:ސީއެންއެމް
ރާއްޖޭގައި ކުށް ކުރާ ފަރާތްތަކަށް ހައްގު އަދަބު ދީ އަދުލު އިންސާފު ގާއިމްވާތަން ހަމަ ނުފެނެއޭ ވެސް ބުނެވިދާނެއެވެ. ގައްދާރުންނާއި ހާއިނުންގެ އަތް މައްޗަށް ގައުމު ދޫކޮށްލަނީތި ހަމަ ވިސްނާ ނުލަ އެވެ. ގާނޫނުގެ ދިގު އަތުން ހިފައި، އިންސާފުގެ މުގުރުން އެފަދަ މީހުންނަށް ފުރިހަމަ ގޮތުގައި ނިޔާ ކަނޑައެއް ނާޅަ އެވެ.
މިކަމުގެ ސަބަބުން ހުރިހާ ބިރުވެރި ކަމެއް މުޖުތަމައުގައި އުޅޭ އާންމުންނަށެވެ. ރައްޔިތުންގެ ރުޅި ގަނޑު ކޮންމެ ސަރުކާރެއްގައި ވެސް މިކަހަލަ ކަންކަން ދޯދިޔާކޮށް ދާނަމަ ބާލަނީ ހަމަ ސަރުކާރަށެވެ.
ރުޅި މަޑެއްވެސް ނުވާނެއެވެ. ހިތައް ފިނި ކަމެއް ވެސް ނުލިބޭނެއެވެ. ހިތް ހަމަ އެއްްވެސް ނުޖެހޭނެއެވެ. ކުށްވެރިންނާއެކު މި ވެށި ފުރިއްޖެއެވެ. އިއްޔެ ގޮތެއް ހެދީ އޭނާ އަށެވެ. މިއަދު ތިމާ އެވެ. މާދަމަ އަޅުގަނޑަށް ނޫން ކަމެއް ވެސް ނޭންގެއެވެ.