ads
ރިހިވެލި ރިސޯޓްގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން-
ރިހިވެލި މައްސަލައިގެ އަޑުއެހުމެއް މާދަމާ
ކ.މަހާނައެޅި ހުރާގައި ތަރައްގީ ކޮށްފައިވާ "ރިހިވެލި ބީޗް ރިސޯޓު" މައްސަލާގެ އިސްތިއުނާފް އަޑުއެހުމެއް ބުދަ ދުވަހު ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

މި އަޑުއެހުން ތާވަލުކޮށްފައިވަނީ ބުދަ ދުވަހު މެންދުރުފަހު 15:25 އަށެވެ. މިއަޑުއެހުން ކުރިއަށްދާނީ ހައިކޯޓުން(އޮންލައިންކޮށް) ކުރިއަށް ގެންދާ ޝަރީއަތެއްގެ ގޮތުގައެވެ.

މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުގައި ރިހިވެލި ބީޗު ރިސޯޓާއި ގުޅޭ އިތުރު އަޑުއެހުމެއްވެސް ކުރިއަށްދާނެއެވެ. އެއީ މާހަލް ޓްއާސްގެ ވެރިފަރާތް ދޮން އަލިފުޅުގެ ހަ ދަރިން އެމީހުންނާއި އެއްބަފާ މއ. ތަނޑިނޫމާގެ މުހައްމަދު ޝިހާމްއާއި ތަނޑިނޫމާގެ ފްލެޓް 02-01 ހުސައިން ޝިހާމް އަލީ ދެންތިބި ހަ ކުދިންނާއި ދެކޮޅަށް މާހަލް ޓްއާސް ކޮންޓްރޯލް ކުރަމުންދާތީ ކުރާ ދައުވާއެއްގެ އަޑުއެހުމެވެ. މި އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށެވެ. 

ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 2014 އިން ފެށިގެން 2024 އާއި ހަމައަށް ރިހިވެލި ބީޗް ރިސޯޓް ސަބްލީސްކޮށްފައި ވަނިކޮށް ސަބްލީސް އެގްރީމެންޓްގެ ދަށުން ދައްކަންޖެހޭ ކުލި، އެގްރީމެންޓާއި އެއްގޮތަށް ނުދައްކާ ކަމަށް ބުނެ ސަބްލީސް އެގްރީމެންޓް ޓާމިނޭޓްކުރިކަން އަންގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 ގައި މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ވަނީ ސޭވް ދަ ޑްރީމަށް ޓާމިނޭޝަން ނޯޓިސް ފޮނުވާފައިވެއެވެ. 

އަދި މާހަލް ޓުއާސްގެ ފަރާތުން ސޭވް ދަ ޑްރީމަށް ފޮނުވާފައިވާ ޓާމިނޭޝަން ނޯޓިސް އަކީ ސައްހަ އެއްޗެއްކަމަށް ކަނޑައަޅައި، އެރިސޯޓު މިވަގުތު ހިންގަމުންދާ ސޭވްދަ ޑްރީމް މޯލްޑިވްސްއަށް، ނުވަތަ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލް ޓްއާސްގެ ހުއްދަނެތި އެރިސޯޓުގައި އިތުރަށް ނުތިބެވޭނެ ކަމަށާއި، އެތަނުން މަންފާ ހޯދުމުގެ ހައްގެއްވެސް ލިބިގެން ނުވާ ކަމަށް ކަނޑައަޅައި މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެ ރިސޯޓު އޮޕަރޭޝަނަށް ގެންނަން އޮގަސްޓު ހަތަރު ވަނަ ދުވަހު ދޫކުރި ހުއްދަ ޓްއަރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ބާތިލުކޮށްފައެވެ. 

އެހެންނަމަވެސް 31 ވަނަ ދުވަހު ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާތީ، އެމައްސަލަ ކޯޓުގައި ހިގަމުންދަނިކޮށް އެ ރިސޯޓުގެ އޮޕަރޭޓިން ބާތިލު ނުކުރުމަށާއި، ނުވަތަ މުއްދަތު ހަމަވިޔަ ނުދިނުމަށް މިނިސްޓްރީއަށާއި، ކަމާއި ގުޅޭ ހުރިހާ އިދާރާތަކަށް އަންގާ ވަގުތީ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެމަހުގެ އެއްވަނަ ދުވަހު ސޭވް ދަ ޑްރީމްގެ ފަރާތުން އޮތީ އެދިފައެވެ. 

އެހެންކަމުން އެމައްސަލާގައި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ނެރުނު ކޯޓު އަމުރުގައި ބުނީ، ކޯޓުގެ ވަގުތީ އަމުރަކަށް އެކެއް ސެޕްޓެމްބަރުގައި އެދިފައިވާއިރު، ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު މިނިސްޓްރީން ލައިސެންސް ބާތިލުކޮށްފައިތީ އެ ލައިސެންސާއިމެދު މިހާލަތުގައި ކޯޓުން ގޮތެއް ކަނޑައެޅިދާނެ ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން އެވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްތިފާގުން ވަނީ ނިންމާފައެވެ. 

ސޭވް ދަ ޑްރީމްގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާ ހުށަހެޅުމުގައި ބުނެފައިވަނީ ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕެނީއާއި މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ރިހިވެލި ރިސޯޓްގެ ސަބްލީސް 2042 އާ ހަމައަށް ކުއްޔަށް ހިފުމަށް 15 ފެބްރުއަރީ 2018 ގައި އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، ތިންވަނަ ފަރާތެއް ކަމުގައިވާ ކާސްޓަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މަހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ކުރިން ކުއްޔަށްދީފައިވާ ރިހިވެލި ރިސޯޓުގެ ސަބްލީސް 2 ޖެނުއަރީ 2018 ގައި ބާތިލުކުރިކުރުމުގެ މައްސަލަ ދިވެހިރާއްޖޭގެ ކޯޓުތަކުތަކުގައި ހިނގަމުންދާތީ އެ މައްސަލަ ކޯޓުތަކުން ނިމުމުގެކުރިން މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ސޭވް ދަ ޑްރީމް މައްޗަށް ނޭދެވޭ ފިޔަވަޅެއް ނާޅައި މަޑުކުރުމަށް އެއްބަސްވެފައިވާ ވާކަމަށެވެ.

ނަމަވެސް އޭގެ ފަހުން ޓުއާސް ޕްރައިވެޓް ލިމިޓުން މިއަހަރުގެ ސެޕްޓެމްބަރު 14 ވަނަ ދުވަހުގައި ރިހިވެލި ރިސޯޓުގެ ލީސް ބާތިލުކޮށްފައިވާތީ އާއި 2018 ވަނަ އަހަރު ދައުވާ ރައްދުވާފަރާތުން ރިހިވެލި ލީސް އެހެންފަރާތަށް ވިއްކާލާފައިވާތީއާއި މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު ގައިރުގާނޫނީ ގޮތުން ކުރިއަށްގެންދާތީ ސޭވް ދަ ޑްރީމްއިން ސިވިލް ކޯޓުގައި އެދިފައިވަނީ، މި ހާލަތްތަކުގައި ދައުވާ ރައްދުވާ ފަރާތުން ނެރޭ ޓާމިނޭޝަން ނޯޓިސް ސައްހަނުވާނޭކަމަށް ކޯޓުން ކަނޑައަޅައިދިނުމަށެވެ. އެ މައްސަލައިގައި ސޭވް ދަ ޑްރީމްއިން ވަނީ މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑާއި، މއ. ތަނޑިނޫމާގެ މުހައްމަދު ޝިހާމްއާއި ތަނޑިނޫމާގެ ފްލެޓް 02-01 ހުސައިން ޝިހާމް އަލީގެ މައްޗަށް ދައުވާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް