ads
މިނިސްޓަރު މަޖިލީހުގެ ޖަލްސާއެއްގައި ފޮޓޯ: މަޖިލިސް
ސަރުކާރުގެ ޕްލޭނަކީ ކޮންމެ އަހަރަކު 20 ޕްރިންސިޕަލުން ތަމްރީނުކުރުން: މިނިސްޓަރު
ސަރުކާރުގެ ޕްލޭނަކީ ކޮންމެއަހަރަކު 20 ޕްރިންސިޕަލުން ތަމްރީން ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ މިދިޔަ އަހަރުވެސް ޕްރިންސިޕަލުން ތަމްރީން ކުރުމަށް މަސައްކަތް ކުރެވުނު ކަމަށާއި އެހެންނަމަވެސް މެލޭޝިއާގެ ބޯޑަރު ބަންދު ވުމާ ގުޅިގެން އެކަން ކުރިއަށް ނުދިޔައީކަމަށެވެ. 

އެހެން ނަމަވެސް މިއަހަރު އެމަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި މިހާރު އެކަމަށް މަސައްކަތ ކުރަމުން ގެންދަވާ ކަމަށާއި، މީގެ އެއްއަހަރު ފަހުން ގާބިލު 20 ޕްރިންސިޕަލުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެންމެފަހުން އެފަދަ ޕްރޮގްރާމެއް ހިންގަވާފައިވަނީ 2011 ވަނަ އަހަރުކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރު 20 މީހުން ތަމްރީން ކުރުމަށް މިހާރު ސްކްރީން ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މީގެ އެއްއަހަރު ފަހުން ގާބިލު 20 ޕްރިންސިޕަލުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުސާރަ ކުޑަވުމަކީ ޕްރިންސިޕަލުން ލިބުމުގައި ދަތިވާ އެއް ސަބަބު ކަމުގައެވެ. މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މުސާރަކުޑަވުމުގެ ސަބަބުން ޕްރިންސިޕަލުން އެހެންދާއިރާތައް އިޚްތިޔާރު ކުރައްވާ ކަމަށާއި، އެގޮތުން މަޖިލީހާއި ކައުންސިލްތަކުގައިވެސް މިހާރު ޕްރިންސިޕަލުން އެބަތިއްބެވި ކަމަށެވެ. 

މިއަދު މިނިސްޓަރާ ސުވާލު ކުރެވުނީ މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލެއް ނެތި ދުވަސްތަކެއް ވެފައިވާތީ ޕްރިންސިޕަލެއް ލިބޭނެ ދުވަހަކާ ގުޅޭ ގޮތުންނެވެ. 

މިނިސްޓަރު ވިދާޅުވީ މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލެއް ނެތީ 15 އޮގަސްޓުން ފެށިގެން ކަމަށާއި، އެއީ ޕްރިންސިޕަލް ވަޒީފާ ދޫކޮށް ވަޑައިގެންނެވުމާ ގުޅިގެން ކަމަށެވެ. އެހެންވެ 18 އޮގަސްޓުގައި ޕްރިންސިޕަލެއް ހޯދުމަށް އިއުލާނު ކުރެވުނު ކަމަށާއި، އެހެން ނަމަވެސް މަގާމަށް އެކަށީގެންވާ ބޭފުޅަކު އެދިފައި ނުވާކަމަށެވެ. އޭގެފަހުން 8 ސެޕްޓެމްބަރުގައިވެސް އިއުލާން ކުރެއްވި ކަމަށާއި އެ އިއުލާނަށްވެސް ޝަރުތު ހަމަވާ ބޭފުޅަކު އިޖާބަ ނުދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޮކްޓޫބަރު މަހު ތިންވަނަ އިއުލާނެއް ކޮށް މިހާރު ޕްރިންސިޕަލެއް ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު ލަސްތަކެއް މިވަނީ އިންޓަވިއު ކުރެވުނު ބޭފުޅާއަކީ މެލޭޝިއާގައި ހުންނެވި ބޭފުޅެއް. އެބޭފުޅާ އިއްޔެ ނުވަތަ މިއަދު މާލެ ވަޑައިގަންނަވާނެ. ވަޑައިގަތުމަށްފަހު އަންނަހަފްތާގައި ވަޒީފާ ހަމަޖެއްސުމަށްފަހު ސްކޫލަށް ފޮނުވޭނެ" މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ބައެއްރަށްތަކަށް ޕްރިންސިޕަލުން ހޯދުން ވަރަށް ދަތި ކަމަށާއި، އެކަމުގެ އެއް ސަބަބަކީ މުސާރަކުޑަވުން ކަމަށެވެ. މިނިސްޓަރު ފާހަގަ ކުރެއްވީ ހެޑްމާސްޓަރު ކޯސް ނުވަތަ ޕްރިންސިޕަލް ކޯސް ހައްދަވާފައި ތިއްބެވި ބޭފުޅުން މަޖިލީހާއި ކައުންސިލް ތަކަށްވެސް ކުރިމަތަިލައްވާ ކަމަށެވެ. 

ޕްރިންސިޕަލުން ރަށްރަށަށް ލިބުމުގެ ދަތިކަމަށް ހައްލު ގެނައުމަށްޓަކައި މިނިސްޓްރީން މަސައްކަތްތަކެއް މިހާރު ކުރަމުން ގެންދަވާ ކަމަށާއި އެގޮތުން ރަށުން ބޭރަށް މިނިސްޓްރީން އެދިގެން ދާ ޕްރިންސިޕަލުންނަށް މިހާރު އެލަވަންސްގެ ގޮތުގައި އިތުރު 3000 ރުފިޔާ ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ޕްރިންސިޕަލުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް