
ފުލުހުން ބުނިގޮތުގައި ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން މިއަދު ފަށާފައިވާ، ވޯކްޝޮޕުގައި ކުރިއަށްދާނީ ފުލުހުންގެ ކަމާ ގުޅުން ހުރި ޑިޕާޓްމަންޓްތަކާއި ފަސް ރީޖަންގެ ކޮމާންޑަރުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ކައުންސިލްތަކާ އަދި ޖަމުއިއްޔާތައް ހިމެނޭހެން 35 ބައިވެރިންނާއެކު ދެ ދުވަހުގެ މުއްދަތަށެވެ.
އެ ވޯކްޝޮޕްގައި، ފުލުހުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން، ވޯކްޝޮޕްގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވިގެންދާނެއެވެ. އަދި މަޝްވަރާ ކުރެވުނު ކަންކަމުގެ މައްޗަށް އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ފުލުހުންގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓު ތަކުން ކުރުމަށް ހަމަޖެހިފައިވެއެވެ.
ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް ދިނުމަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ފުލުހުންގެ ހިދުމަތް ދޭންވާނީ ލާމަރުކަޒީ ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާއާ އެއްގޮތަށް، އެ ހިދުމަތެއް ދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެ ފަދަ ގޮތަކަށް ކަމުގައި، އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގުސަދު ހާސިލުކުރުމަށްޓަކައި، ގާނޫނުގެ ހަ ވަނަ މާއްދާގެ ދަށުން، ކަނޑައެޅޭ ސަރަހައްދު ތަކުގައި ގާއިމުކުރެވޭ ފުލުހުންގެ މަރުކަޒުތައް މެދުވެރިކޮށް އަންނަނިވި ކަންކަން ކުރަންވާނެ ކަމަށް އެ މައްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން، ރައްޔިތުންނާއި، ކައުންސިލުތަކާއި މަދަނީ ޖަމިއްޔާތަކާއި، ދައުލަތުގެ އިދާރާތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި ފުލުހުންގެ މަސައްކަތަށް ހޯދުމަށްޓަކައި ހަރަކާތްތައް ރާވައި ހިންގުމާއި، އިސްކަންދީގެން މަސައްކަތް ކުރާނެ ކަންތައްތަކުގެ ތާވަލެއް ނުވަތަ ޕްލޭނެއް، ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކޮށް އެކުލަވާލައި ހިންގުމާ އަދި ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ އޮނިގަނޑެއް ކައުންސިލްތަކުގެ މަޝްވަރާގެ މަތިން ފުލުހުން އެކުލަވާލައި، ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.