ads
ކުދިންތަކެއް ސްކޫލުގައި: މުސާރަ ކުޑަވުމުން ޕްރިންސިޕަލުން ލިބުން ދަތި
ޑޮކްޓަރުންނާ ޕްރިންސިޕަލުންގެ ކުޑަ މުސާރަ: ބޮޑު މައްސަލައެއް!
އިހުމާލުންވާ މަރުތަކުގެ ވާހަކައަކީ ރާއްޖޭގައި އާ ވާހަކައެއް ނޫނެވެ. މަދަރަސާ ކުދިން މަސްތުވާ ތަކެތި ބޭނުން ކުރާ ވާހަކަ އަކީ ވެސް ނޭނގޭ ވާހަކައެއް ނޫނެވެ. ރާއްޖޭގެ އެންމެ މުހިއްމު ދެ ދާއިރާއެވެ. ސިއްހަތާއި ތައުލީމެވެ. މިދައްކަނީ މިދެ ދާއިރާގެ އެންމެ އިސް ފަންތިއަށް ސަރުކާރުން ދޭ މުސާރަ ކުޑަވެގެން އެ ވަޒީފާތަކަށް މީހުން ނުލިބޭ ވާހަކައެވެ. އެވާހަކަ ދައްކަނީ ވެސް ސަރުކާރުންނެވެ.
Advertisement

މުސާރަ ބޮޑު ތަންތަން ރާއްޖޭގައި އެބަ ހުއްޓެވެ. މުސާރަ ބޮޑު މީހުންވެސް ރާއްޖޭގައި އެބަތިއްބެވެ. އެންމެ އިސްކަމެއް ދޭންޖެހޭ ދެދާއިރާގެ އެންމެ އިސް ފަންތީގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ކުޑަވީމަ އެމީހުން އެ ވަޒީފާ ތަކުގައި ތިބޭނެ ކަމުގައި އުންމީދު ކޮށްގެން ނުވާނެއެވެ. އަދި އެއީ އެމުސާރާގައި މީހުން ލިބިދާނެ ކަމަށް މަޑުޖައްސައި، ފަސްކުރެވިގެން ވާނެ ކަންކަމެއް ވެސް ނޫނެވެ. ރާއްޖޭގައި ސިއްހީދާއިރާގައި މަރަކަށްފަހު މަރެއް ހޮސްޕިޓަލުތަކުން ފެންނަމުން މިދަނީ އެހެންވީމައެވެ. ސްކޫލުތަކުން ނުކުންނަ ދަރިވަރުންގެ އަޚްލާގީ ފެންވަރު ދަށްވެ މުޖުތަމައު، ކުށުގެ ހާއްޔަކަށް ވެފައި މިވަނީ އެހެން ވީމައެވެ. 

ސިއްހީ ދާއިރާ

އަބަދުވެސް ސަރުކާރުން ބުނެއެވެ. "ކަންކަން މިކުރަނީ ވަރަށް އިސްކަން ދީގެނެއެވެ." ޑޮކްޓަރުން ގެންނަންވެސް ސަރުކާރުން ދެނީ އިސްކަމެވެ. ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށް ބުނީ ހެލްތު މިނިސްޓްރީންނެވެ. މުސާރަ ކުޑަވެގެން ޑޮކްޓަރުން ނުލިބޭ ވާހަކަ ވެސް ބުނީ އެ މިނިސްޓްރީންނެވެ. 

މިނިސްޓްރީން މިފަހަރު ބުނީ ރާއްޖޭގައި މިހާރު ޑޮކްޓަރުންނަށް ދޭ މުސާރަ އާ އަޅާބަލާއިރު މި ސަރަހައްދުގެ އެހެން ގައުމުތަކުން، އެއަށްވުރެ އެކަށީގެންވާ މުސާރަ ލިބޭތީ ކައިރި ގައުމު ތަކުން ޑޮކްޓަރުން ހޯދަން ވަރަށް އުނދަގޫ ކަމަށެވެ. އަދި ބުނީ ޑޮކްޓަރުން ލިބުމުގައި ދަތިކަން ހުރި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މުސާރައިގެ މައްސަލަ އާއި، ކޮވިޑްގައި ޗުއްޓީ ނުނަގާ ތިބި ޑޮކްޓަރުންނަށް ޗުއްޓީ ދޭން ޖެހުމާއި، ކައިރި ގައުމުތަކުން ޑޮކްޓަރުން ހޯދަން އުނދަގޫވުން ހިމެނޭ ކަމަށެވެ. 

your imageސިއްހީ ދާއިރާގެ ބަޔަކު…ފޮޓޯ/ސޯޝަލް މީޑިއާ

ހެލްތު މިނިސްޓްރީން ބުނީ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމަށެވެ. އެ ގޮތުން މިހާރު ކިއުބާ ސަރުކާރުގެ އެހީތެރިކަމާއެކު އެމަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެއެވެ. އަދި މިހާރު މިއޮތް ތާށިކަމަށް ހައްލެއް ގެނައުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވާ ޑޮކްޓަރުން ގެނައުމާއި ޑޮކްޓަރުންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމުގެ މަސައްކަތްތައް ވެސް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުނެެ އެވެ.

ވޭތުވެ ދިޔަ ހައެއްކަމަސް ދުވަހުގެތެރޭ ސިއްހީ ދާއިރާގެ މައްސަލަތައް ގިނައެވެ. އިހުމާލުން މަރުތަކެއްވެސް ވަނީ ހިނގާފައެވެ. މިކަންކަމާ ގުޅިގެން މިނިސްޓްރީންވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރަމުން ގެންދާ ވާހަކަ ބުނެއެވެ. ކިއުބާއިން ޑޮކްޓަރުންގެންނަވާހަކަ މިނިސްޓްރީން ބުނެފައިވާއިރު އިހަކަށްދުވަހު ނައިބު ރައީސް ވަނީ ބަންގްލަދޭޝް އަށް ވަޑައިގެންފައެވެ. އަދި ބަންގްލަދޭޝް ނޫސްތައް ބުނާގޮތުން ރާއްޖެއަށް އެގައުމުންވެސް ޑޮކްޓަރުން ގެންނަ ވާހަކަ އޮތީ ދެކެވިފައެވެ. 

މިސަރަހައްދުގެ ގައުމުތަކުގައި ޑޮކްޓަރުންގެ މުސާރަ ބޮޑުވެފައިވާނަމަ ރާއްޖެއަށްވެސް ޑޮކްޓަރުން ގެނެވޭނީ މުސާރަ ބޮޑު ކޮށްގެންނެވެ. އެކަންކަން ކުރުމަށް އަވަސް މަސައްކަތް ތަކެއް ކުރެވެން ޖެހެއެވެ. ކަންކަން ހަމައަކަށް ނޭޅި މަރުތައް ގިނަވެ، ނުރައްކާތަކާ ކުރިމަތިލާން ޖެހެނީ ދިވެހި ރައްޔިތުންނަށެވެ.

ތައުލީމީ ދާއިރާ

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މަޖިލީހާއި ކައުންސިލްތަކުގައިވެސް ކުރީގެ ހެޑްމާސްޓަރުންނާއި ޕްރިންސިޕަލުން އެބަ ތިއްބެވި ކަމަށެވެ. ތެދެކެވެ. ތިއްބަވާނެއެވެ. މުސާރަ އޮތީ އެތަންތާގައި ކަމަށްވާތީއެވެ. ބޮޑު މުސާރަ ލިބެނީ އެތަންތަނުން ކަމަށްވާތީއެވެ. 

ރާއްޖޭގެ ސްކޫލުތަކުން ނުކުންނަ ދަރިވަރުންގެ އަހްލާގީ ފެންވަރު ދަށްވާހަކަ އާއި، ކިޔެވުމުގެ ފެންވަރު ދަށްވާހަކަ އަކީ ވެސް އާއްމުކޮށް ދައްކާ ވާހަކަތަކެވެ. ނަތީޖާ ނެރެވޭނީ ނަތީޖާ ނެރެވޭ ގޮތް ހަދައިގެންނެވެ. ބޮޑު މުސާރަ ދީގެންނެވެ.  

your imageނައިބްރައީސް އައްޑޫ ސިޓީގައި؛ ސްކޫލްތަކުގެ ވެރިންނާ ވަނީ ބައްދަލު ކުރައްވާފައި

އިހަކަށްދުވަހު މަޖިލީހުގައި އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރެވުނީ މަޑުވަރީގައި ޕްރިންސިޕަލަކު ނެތި ގިނަ ދުވަސް ވަނީ ކީއްވެތޯއެވެ؟ މިނިސްޓަރު ވިދާޅުވީ މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލެއް ނެތީ 15 އޮގަސްޓުން ފެށިގެން ކަމަށާއި، އެއީ ޕްރިންސިޕަލް ވަޒީފާ ދޫކޮށް ވަޑައިގެންނެވުމާ ގުޅިގެން ކަމަށެވެ. އެހެންވެ 18 އޮގަސްޓުގައި ޕްރިންސިޕަލެއް ހޯދުމަށް އިއުލާނު ކުރެވުނު ކަމަށާއި، އެހެން ނަމަވެސް މަގާމަށް އެކަށީގެންވާ ބޭފުޅަކު އެދިފައި ނުވާކަމަށެވެ. އޭގެފަހުން 8 ސެޕްޓެމްބަރުގައިވެސް އިއުލާން ކުރެއްވި ކަމަށާއި އެ އިއުލާނަށްވެސް ޝަރުތު ހަމަވާ ބޭފުޅަކު އިޖާބަ ނުދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޮކްޓޫބަރު މަހު ތިންވަނަ އިއުލާނެއް ކޮށް މިހާރު ޕްރިންސިޕަލެއް ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ތިންފަހަރަށް އިއުލާނު ކޮށްގެންނެވެ. އެކަމަކު އަދިވެސް އަހަރެމެން ދައްކަނީ ފިންލޭންޑާއި ސިންގަޕޫރުގެ ވާހަކައެވެ. 

ޕްރިންސިޕަލުންނަށް ހިތްވަރު ދިނުމަށް ކުރީ ކޮންކަމެއް؟

ޕްރިންސިޕަލުން ރަށްރަށަށް ލިބުމުގެ ދަތިކަމަށް ހައްލު ގެނައުމަށްޓަކައި މިނިސްޓްރީން މަސައްކަތްތަކެއް މިހާރު ކުރަމުން ގެންދަވާ ކަމަށާއި އެގޮތުން ރަށުން ބޭރަށް މިނިސްޓްރީން އެދިގެން ދާ ޕްރިންސިޕަލުންނަށް މިހާރު އެލަވަންސްގެ ގޮތުގައި އިތުރު 3000 ރުފިޔާ ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ޕްރިންސިޕަލުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ. 

އެންމެފަހުން އެފަދަ ޕްރޮގްރާމެއް ހިންގަވާފައިވަނީ 2011 ވަނަ އަހަރުކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިސަރުކާރުން 2020 ވަނައަހަރު ޕްރިންސިޕަލުން ތަމްރީން ކުރަން ފޮނުވަން ވިސްނި ކަމަށާއި އެހެންނަމަވެސް މެލޭޝިއާގެ ބޯޑަރު ބަންދުވުމާ ގުޅިގެން އެކަން ކުރެވޭ ގޮތަ ނުވާކަމަށެވެ. އެހެންވެ، މިއަހަރު 20 މީހުން ތަމްރީން ކުރުމަށް މިހާރު ސްކްރީން ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މީގެ އެއްއަހަރު ފަހުން ގާބިލު 20 ޕްރިންސިޕަލުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވީ ވަރަށް އުފަލާއެކުއެވެ. 

ތިންވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި ލީޑިން ޓީޗަރުން ފެށިގެން މަތީ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގަވާ ކަމަށެވެ. އަދި ތަޖްރިބާ ހޯދުމަށްޓަކައި ޕްރިންސިޕަލުން އެހެން ސްކޫލްތަކަށް ދަތުރުކޮށް މައުލޫމާތު ހޯދުމުގެ ޕްރޮގްރާމްތައް ހިނގޭ ކަމަށްވެސް ވިދާޅުވިއެވެ. 

މިއީ އެކަށީގެންވާ ބަދަލެއް މުސާރައިގެ މައްސަލައަށް ގެނުވިދާނެ ކަމެއް ހެއްޔެވެ؟ ތައުލީމީ ދާއިރާ އަށް މާބޮޑު ބަދަލެއް އައިސްދާނެ ކަމެއް ހެއްޔެވެ؟ 

ތައުލީމީ ދާއިރާ އާއި ސިއްހީދާއިރާގެ މުސާރައިގެ މައްސަލާގައި މީހުން ނުލިބޭ ވާހަކަ ދައްކަން ޖެހުމުން އެއީ ދެރަވަރު ކަމެކެވެ. ކޮންމެ ކަމެއް ކޮވިޑަށް ފޫޅުކަނޑާލުމަކުން ނުނިމޭނެއެވެ. ރާއްޖޭގައި މަޖިލީހު މެންބަރުންގެ މުސާރައާއި ، ކުރީގައި ރައީސް ކަން ކުރެވި ބޭފުޅުންގެ އިނާޔަތްތަކާއި، ސިޔާސީ މަގާމްތަކާއި ދެންވެސް ހުރި އެފަދަ ތަންތަނުން ކުޑަކޮށްފައި ތައުލީމީ އަދި ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ގައުމެއްގެ ގޮތުގައި ވިސްނާކަށް ނުޖެހޭ ބާވައެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް