ads
މަސްބޯޓު ދާޖަހައިގެން މަސް ނަގަނީ
އިންޑިއާ މަސްވެރިން ރާއްޖޭގައި ދާއަޅައިގެން މަސް ނަގަނީ، ސިފައިން އަޅައެއް ނުލި
އިންޑިއާ މަސްވެރިން ރާއްޖޭގެ ސަރަހައްދުން ދާ ޖަހައިގެން މަސްނަގަން ފަށައިފި ކަމަށާއި، މިދިޔަ ހަފްތާ އެމައްސަލަ ރިޕޯޓު ކުރުމުން އެމްއެންޑީއެފް އިން އަޅާނުލި ކަމަށް ހއ. އިހަވަންދޫ ކައުންސިލުން ބުނެފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު ސީއެންއެމްއަށް ވިދާޅުވީ އެބޯޓުގެ މައްސަލަގައި އެމްއެންޑީއެފް އަށް މައުލޫމާތު ލިބުމުން ކޯސްޓުގާޑް ފޮނުވި ކަމަށާއި، ފަހުން އޭގެ ހަބަރު ލިބިފައި ނުވާކަމަށެވެ. އަދި އޭނާ ވިދާޅުވީ މިހާރު ދެކެވެމުން ދަނީ އެކިފަހަރު މަތިން އައިސްފައިވާ ބޯޓުތަކެއްގެ ވާހަކަ ކަމަށާއި، އެހެންކަމުން އެދެކެވެނީ ކޮން ބޯޓެއްގެ ވާހަކައެއް ކަމެއް ނޭނގޭ ކަމަށެވެ. 

މަސްވެރިކަމުން އާމްދަނީ ހޯދާ ރަށެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އިހަވަންދޫ ކައުންސިލުން ބުނީ މިދިޔަ ހަފްތާގައި އެރަށުގެ މަސްވެރިންތަކަކަށް ދެ މަސްބޯޓެއް ދާ ޖަހައިގެން މަސްވެރިކަން ކުރަމުން ދިޔަތަން ފެށިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަސްބޯޓުތަކާ ކައިރި ކުރަން ނުކެރުނީ ބޯޓުގައި ހަތިޔާރު ހުރެދާނެ ކަމަށް ބަލާފައި ކަމަށް މަސްވެރިން ބުނެފައިވާ ކަމަށެވެ. 

"މަސްވެރިން ވަރަށް ދެރަވެގެން އައިސް ކައުންސިލްގައި އެވާހަކަ ދެއްކީ. ބުނީ ހަމަ ދާ އަޅައިގެން ހުރި ހުރިހާ އެއްޗެއް ނެގީކަމަށް،" އިހަވަންދޫ ކައުންސިލް މެންބަރު އަހްމަދު ރިލްވާން ވިދާޅުވިއެވެ. 

ރިލްވާން ވިދާޅުވީ މަސްވެރިން އެދުވަހު އެތާ ތިބެގެން އެމްއެންޑީއެފް އަށް ގުޅައި މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިހާރު ފިޝަރީޒް މިނިސްޓްރީއަށް މިއަދު އެކަމާބެހޭ މައުލޫމާތުތައް ފޮނުވާފައިވާކަމަށެވެ. 

އަދި ކައުންސިލުން ބުނީ މިއީ އެރަށު ރައްޔިތުން މިހާރު އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މާދަމާ އެމްއެންޑީއެފްއާއެކު ވެސް މުއާމަލާތް ކުރާނެ ކަމަށެވެ. 

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
69%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް