
ބުދަ ދުވަހު ކުއްލިއަކަށް ހިނގި މި ހާދިސާގައި، އިޒްރޭލުގެ "އޮޕަރޭޝަން ރައިޒިން ލަޔަން" ގެ ލޯގޯ ޓީވީ ސްކްރީންތަކުގައި ފެނިފައިވާ ކަމަށް އިރާނުގެ ނޭޝަނަލް ބްރޯޑްކާސްޓިން އޮތޯރިޓީން ކަށަވަރުކޮށްފައިވެއެވެ.
އިރާނުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ބުނެފައިވަނީ މި ހަމަލާއަކީ "ޒައިއޮނިސްޓް އަދާވާތްތެރިން" ދިން ސެޓެލައިޓް ސިގްނަލް އިންޓަފީރަންސްއެއް ކަމަށެވެ.
އިރާނު އިންޓަނޭޝަނަލް އިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ ސެޓެލައިޓް ރިސީވަރު ބޭނުންކުރާ ފަރާތްތަކަށެވެ.
އީރާނުން މި ހަމަލާ ސިފަކޮށްފައިވަނީ އިޒްރޭލުން ދިން ސައިކޮލޮޖިކަލް ހަނގުރާމައިގެ ހަމަލާއެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އިޒްރޭލުގެ އޮފިޝަލުން ކުރިން ބުނެފައިވަނީ އެމީހުންގެ މަގުސަދަކީ އިރާނުގެ ސަރުކާރު ބަދަލުކުރުމެއް ނޫން ކަމަށެވެ.
މި ހާދިސާއާ ބެހޭގޮތުން އިޒްރޭލުން ރަސްމީ ބަޔާނެއް ދީފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާއަކީ އިޒްރޭލުން އިރާނުގެ އިންފްރާސްޓްރަކްޗަރަށް ދޭ ހަމަލާތަކުގެ ސިލްސިލާގެ ތެރެއިން އެއް ހާދިސާއެއް ކަމަށް ބެލެވެއެވެ. ފަހުން އިރާނުގެ ސެޕާ ބޭންކުގެ އޭޓީއެމްތައް ހެކްކުރި ހާދިސާއާ ގުޅުވައި މި ހާދިސާ ވެސް އިޒްރޭލުގެ ފަރާތުން ހިންގި ސައިބަރ ހަމަލާއެއް ކަމަށް ލަފާކުރެވެއެވެ.