އެފްރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮރުގައި ޔުގަންޑާގެ އެންޓެބޭ އިންޓަނޭޝަނަލް އެއާޕޯޓް ދޭން ޗައިނާއިން އަންގާފައިވަނީ އެ އެއާޕޯޓް ތަރައްގީކުރުމަށް ޔުގަންޑާ ސަރުކާރުން ނަގާފައިވާ ލޯން ނުދެއްކުމުގެ ސަބަބުންނެވެ. އެންޓެބޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ޔުގަންޑާ ސަރުކާރުން 200 މިލިއަން ޑޮލަރުގެ ލޯނެއް ޗައިނާއިން ނަގާފައިވެއެވެ.
ނަމަވެސް ޗައިނާއިން އެއާޕޯޓާއި ހަވާލުވާން އުޅޭ ވާހަކަތައް ޔުގަންޑާ އަދި ޗައިނާއިން ވެސް ދޮގުކުރެއެވެ.
އެއާޕޯޓާއި ހަވާލުވާން ތައްޔާރުވެފައިވަނީ ޔުގަންޑާ ސަރުކާރާއި ޗައިނާ އެކްޒިމް ބޭންކު މެދުގައި 2015 ވަނަ އަހަރު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ޔުގަންޑާއިން ލޯން ނުދެއްކިއްޖެ ހާލަތުގައި ކަންކުރާނެ ގޮތުގެ މަތިން ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.
ޔުގަންޑާގެ "ދަ މޮނީޓާ " ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއްބަސްވުން އިސްލާހް ނުކޮށްފި ނަމަ ޔުގަންޑާގެ ސިޔާދަތުގައިވާ ބައެއް މުދާ، ބިން ފަދަތަކެއްޗަށް ޗައިނާއިން ވެރިވެގަތުމުގެ ބިރު އެބައޮތެވެ.
އޭގެ އިތުރުން ޔުގަންޑާގެ ބައެއް އިސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ރިޕޯޓްކުރާ ގޮތުގައި ޗައިނާއިން ވަނީ އެއްބަސްވުން އިސްލާހް ކުރުމަށް ހުށަހެޅި ހުރިހާ ހުށަހެޅުންތަކަށް ދެކޮޅު ހަދާފައެވެ.
އެގޮތުން ޔުގަންޑާއިން ވަނީ 11 މެމްބަރުންގެ ވަފްދެއް އެއްބަސްވުން މުރާޖާކުރުމާއި ގުޅޭ ގޮތުން ޗައިނާ އެކްޒިމް ބޭންކާއެކު މަޝްވަރާ ކުރުމަށް ޗައިނާއަށް ފޮނުވާފައެވެ.
ޔުުގަންޑާގެ ފޮރިން މިނިސްޓަރު، ފިނޭންސް މިނިސްޓަރު ހިމެނޭހެން ޗައިނާއަށް އެ ވަފްދުގެ މެމްބަރުންނާއި ބޭންކާއެކު ކުރެވުނު މަޝްވަރާތަކަށް ފަހުވެސް އެކްޒިމް ބޭންކުން ވަނީ އެއްބަސްވުން އިސްލާހުކުރަން ޖެހޭކަމަށް ނުފެންނަ ކަމަށް ބުނެފަވެ.
ޗައިނާގެ ލޯނު އެހީ އަކީ "ދަރަނީގެ ދަންތުރައެއް" ގޮތުގައި ހުޅަނގުގެ ގައުމުތަކުން ސިފަކުރެއެވެ. އެގައުމުތަކުން ބުނަނީ ޗައިނާއިން ގައުމުތަކަށް ނުދެއްކޭވަރުގެ ލޯނު ދެނީ އެގައުމުތަކުގެ މައްޗަށް ނުފޫޒުފޯރުވައި ބަނދަރު ފަދަ މުހިއްމު ބައެއް ތަންތަނަށް ވެރިވެގަތުމަށެވެ.