
"މިސް ޔުނިވާސް" ހޮވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އިޒުރޭލުގެ ބަނދަރުމަތީ ރަށެއްކަމުގައިވާ އީލާތުގައި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ. އެއީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޝްހޫރު އަދި މަގުބޫލު މަންޒިލެކެވެ.
އިޒުރޭލުގެ ކަމާބެހޭ ފަރާތްތަކުން ބުނިގޮތުގައި ބޭރު ގައުމުތަކުގެ މީހުން އެގައުމަށް ދަތުރުކުރުން މަނާ ކުރިކަމަށް ވިޔަސް މިސް ޔުނިވާސްގެ ކަންތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެއެވެ.
އިޒުރޭލުން ވަނީ ކޮރޯނާ ވައިރަސްގެ ނުރައްކާތަކުން ސަލާމަތްވުމަށް އެ ގައުމުގެ ސަރަހައްދު މުޅިދުނިޔެއަށް ބަންދު ކޮށްފައެވެ. ބޭރު ގައުމުތަކުގެ މީހުންނަށް އިޒުރޭލް ވަގުތީ ގޮތުން ބަންދުކުރީ ހޮނިހިރު ދުވަހު އެވެ.
އިޒުރޭލުން ވަނީ ކޮރޯނާގެ ނުރައްކާތެރި ވައިރަސް ފެނިފައެވެ. ވައިރަސް ފުރަތަމަ ފެނުނީ މަލާވީން އިޒުރޭލަށް ދިޔަ އަންހެން ފަތުރުވެރިޔެއްގެ ގައިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޔޮއެލް ރަޒްވޮޒޯފް ވިދާޅުވި ގޮތުގައި މިސް ޔުނިވާސްގެ ބައިވެރިން ކޮންމެ 48 ގަޑިއިރަކުން އެއްފަހަރު ކޮވިޑަށް ޓެސްޓު ކުރަމުންދާނެއެވެ.
"މިއީ ވަރަށް މުހިއްމު އިވެންޓެއް. ދުނިޔޭގެ 174 ގައުމެއްގައި ވަގުތުން އިވެންޓު ބަލަމުންދާނެ." މިނިސްޓަރު ވިދާޅުވިއެވެ. "މި އިވެންޓުގެ ކަންތައް ރައްކާތެރި ކަމާއެކު ކުރިއަށް ގެންދާނެ ގޮތް އަޅުގަނޑުމެންނަށް އެނގޭ."
އެންމެ ފަހުން ބޭއްވި "މިސް ޔުނިވާސް"ގެ ޝަރަފުވެރި މަގާމު ހޯދީ މެކްސިކޯގެ ޒުވާން އަންހެނެއް ކަމުގައިވާ އެންޑްރިއާ މެޒާ އެވެ.