ގައުމަކަށް ރަށަކަށް ފަސްގަނޑަކަށް ހިދުމަތެއް ކޮއްދީފި އެއްވެސް މީހަކީ ބާކީ ވެދާނެ މީހެއް ނޫނެވެ. އެމީހެއްގެ ނަން ރަން އަކުރުން ތާރީހުގެ ތެރެއަށް ފެވިގެން ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ޓީޗަރުންގެ ދުވަސް ތައް ކުލަގަދަކޮށް ފާހަގަކުރެވި ނިމި އަނެއް އަހަރާ ކުރިމަތި ލާއިރު ، އަޅުގަނޑުމެން ހަނދާންކުރަން ޖެހޭ އެތައް ޓީޗަރުނެއް އުނިވެގެން ދެއެވެ. ސަބަބުތައް ވެސް ބައިވަރެވެ. ބައެއް ޓީޗަރުންނަކީ މާޒީ ކަމަށްވެސް ވެދާނެ އެވެ. ނަމަވެސް އެފަަދަ ފަރާތްތަކުގެ ހަނދާން އަންނަ ކޮންްމެ ހިނދެއްގައި މަޖަލާއި އުފާވެރި އެތައް ވަގުތެއް ހިތަށް ގެނުވައެވެ.
އެފަދަ ފަރާތްތަކުން ރަށަށް ކުރެއްވި ހިދުމަތް ރަނުގެ އަކުރުން ފާހަގަ ކުރެވެން ޖެހެއެވެ. މިއަދު ޖީލެއް ޖީލެއްގެ ސިފަލިބިފައި އޮތީ ކޮންމެވެސް ބައެއްގެ ހިންމަތާ މިންނަތުން ކަން ޔަގީނެވެ.
ގއ ކަޑުހުޅުދޫ މުޙައްމަދު ހަބީބް އަކީ ހިތްވަރުގަދަ އެދުރެކެވެ. ކަނޑުހުޅުދޫގެ އެތަކެއް ދަރިންގެ ތައުލީމްގެ ކުރިބޯށި އާރާސްތު ކޮށްދެއްވި ހިންގުންތެރި މުދައްރިބެކެވެ. އޭބީސީ ވަން ޓޫ ތިރީ ސަންޑޭ މަންޑޭ ޖެނުއަރީ ފެބްރުއަރީ އުގަންނައިދީ އެޒަމާނުގެ ގުރޭޑް ފަހަކާ ހަމައަށް ކިޔަވައިދިން އޭރުގެ އިގިރޭސި ޓީޗަރެވެ، ގުރުއާން ކްލާސްތައް ނަގައިދިން ގްރުއާން ޓީޗަރެވެ.
އެދުރުން ގެ ދުވަސް ތަކުގައި މިފަދަ އެދުރުން ރަށަށް ކުރެއްވި ހިދުމަތްތައް އަގު ވަޒަކުރުން މުުހިންމެވެ. މިފަދަ އެދުރުންގެ ހިދުމަތްތައް ފާހަގަ ނުކުރެވި ވަޅުޖެހިފައި ވާކަމީ ހިތާމަ ހުރި ކަމެކެވެ. އުމުރުގެ ފަހުކޮޅު، 70 ގެ އަހަރުތައް ގުނަމުން އެދަނީ އަދިވެސް އެ އަބުރު ވެރި ކަމުގައެވެ. އެ އިއްޒަތު ގައެވެ. އެއީ މީހަކު ދިން އެއްޗެއްނޫ ނެވެ. އަމިއްލަ ބުރަ މަސަކަތުގެ ނަތީޖާ އެވެ.
މުހައްމަދު ހަބީބްގެ ތައުލީމީ ހަޔާތް ފެށުނު ގޮތާއި ރަށަށް ހިދުމަތް ކުރުމަށް ފެށި ގޮތުގެ މައުލޫމާތު ކޮޅެއް ހޯދާލީމެވެ. މުހައްމަދު ހަބީބް ބުނާ ގޮތުން ރަށުން ލިބުނު މަދު ތައުލީމްއިން އާރޯކަމެއް ނުލިބޭނެކަން އޭރުވެސް ބައްޕަ ހަސަން ތައްޙާނު ދަނެއެވެ.
އުމުރުން ނުވަ އަހަރުގައި ގދ. ތިނަދޫ މަދަރުސާ އަށް ބަދަލުވެ ތައުލީމުގެ ގޮށް ރަނގަޅަށް ނުޖެހެނީސް ދެކުނު ބައާވާތުގެ ތޫފާން އައިސް އަރާ ހަމަ ކުރީއެވެ. ތިނަދޫ މަދުރަސާގައި ފަސް އަހަރު އުޅުމަށް ފަހު ގދ. ގައްދޫއަަށް ބަދަލުވީ ބައާވާތުގެ ރޯޅިން ސަލާމަތްވާނެ ކަމުގަވެ. ނަމަވެސް ގައްދޫ ޝައިހް ސަލީމް ކައިރިން އެއްޗެއް އުގެނެން ލިބުނީ މަދު ދުވަސް ކޮޅެކެވެ. ބައާވާތް އައިސް އަރާ ހަމަ ކުރިއެވެ. ދެން ތައުލީމަށް ކުރަން ޖެހުނު ދަތުރު އެހެން ދިމާލަކަށް ބަދަލު ކުރަން ޖެހުނެއެވެ. ރަށާމާދުރުގައި އޮތް އައްޑޫ އަށް ދިޔައީ އުމުރުން އެންމެ 12 އަހަރުގައި ކަމަށް ހަބީބް ބުންޏެވެ.
އެހާހިސާބުން ވަޒީފާއަކަށް ދާން ވިސްނުނެވެ. އޭރު އައްޑޫގައި އޮތީ އިގިރޭސީންގެ ވެރިކަމެވެ. ރޫމް ބޯއީއެއްގެ މަގާމަށް ކުރިމަތިލާ އިގިރޭސިބަހުން އިންޓަވިއު ކުރިއެވެ. އިގިރޭސިބަހަށް ފަރިތަ ހަބީބް އިންޓަވިއު އިން ފާސްވެ ފުރަތަމަ ވަޒީފާ އަކީ ރޫމް ބޯއީ ކަމެވެ. ފަސް އަހަރު ދުވަހު އިގިރޭސީންނާއެކު ހޭދަކުރުމަށްފަހު ރަށަށް ބަދަލުވީ ޒަވާޖީ ހަޔާތެއްގެ ކުލަ ޖެއްސުމަށެވެ. ނަމަވެސް އެންމެ ބޭނުންވި ދުވަހު ހަޔާތުގެ ބައިވެރިޔާ ތިން ދަރިން ހަވާލުކޮށްފައި މިފަނާވަނިވި ދުނިޔެއާ އަލްވަދާއު ކީއެވެ.
ނޫނު ސީނާ ކުރަމެ ހަމްދުގެ ތައުޒިޔާ ކިޔަމުން އަޅާ
ބަހުގެ ޅެން ބައިތުން ބަޔާން ކުރަމޭ ލިބުނުހިތި ވޭނަކުން
ހަޔާތުގެދިމާވި ކުއްލި ހިތާމައަށް އަށްފަހު މާލެ ބަދަލުވެ ދަރިންނައްޓަކާ މޮޅުފެހުން ތެރިއަކަށްވެ، ގަމީސް ފަޓްލޫނު ދިގުހެދުންފަދަ ހެދުން ފެހުމުގައި މަޝްހޫރުކަން އޭރު ހޯދިއެވެ. އޭރުގެ ސަރުކާރުގެ އިސްވެރިންގެ ގަމީސް ފަޓްލޫނު ފަދަ އަންނައުނު ވެސް ފެއްސެވިކަމަށް ހަބީބް ބުންޏެވެ. މިއަދުވެސް އެއީ މޮޅު ފެހުން ތެރި އެކެވެ. ތިން އަހަރު މާލޭގައި ހޭދަކުރުމަށްފަހު ރަށަށް ބަަދަލުވީ ރަށު ސުކޫލް މުދައްރިސަކަށެވެ. މުދައްރިސް ކަމުގައި ގިނަދުވަސްތައް ހޭދަކުރުމަށްފަހު ރަށުން ލިބެން އޮތް ތިން ވަޒީފާގެ ތެރެއިން މުދިމް ކަން އިޙްތިޔާރު ކުރީ ދީނީގޮތުން އެންމެ ރަނގަޅު ވަޒީފާ އަކީ މުދިމް ކަމަށް ވާތީއެވެ.
މިއަދު ހަބީބްގެ އަށްދަރިން ދުނިޔޭގައި އެބަތިއްބެއެވެ. ނަވާރަ ކާފަދަރިންނާއި މުނިކާފަ 6 ކުދިންނެވެ. އެއީވެސް ހެޔޮލަފާ ރަނގަޅު ކުދިންނެވެ. ބައްޕަ ނަމޫނާއަކަށް ބަލައިގެން ކުރިއަށް ދެވޭނެ ފަދަ ރަނގަޅު ދަރިންނެވެ.
ކުއްލިޔަތުއް ދިރާސާތުއް އިސްލާމިޔާއިން އިމާމް ކަމުގެ ކޯސް ފުރިހަމަކޮށް 15 އަހަރުދުވަހު މުދިމެއްގެ ވާޖިބް ފުރިހަމަ އަށް އަދާކޮށް، ވިހި އަހަރު ސަރުކާރަށް ހިދުމަތް ކޮށް ، މިއަދު ގޭގައި އެއިނީ އަބުރުވެރި ކާފައެކެވެ. ހިންގުން ތެރި ޓީޗަރެކެވެ. މޮޅުފެހުން ތެރިއެކެވެ. ފަސްބައިގައި ކިލަބުކަމެއް ނެތް ނަމޫނާ ރަށްވެއްސެކެވެ.