އިބްރާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ވުރެ ޚުދުމުޚްތާރު ، ހުތުރު، ހިޔާނާތް ބޮޑު، އަނިޔާވެރި ވެރިކަމެއް ކުރި ވެރިޔަކު ފަހުގެ ތާރީހުގައި ނެތް ކަމަށެވެ. އިތުރަށް ވިދާޅުވެފައިވަނީ ވެރިކަމުގައި ފަސް އަހަރު ވީއިރު ސަރުކާރުގެ އަނިޔާކޮންމެވެސް ސިފައެއްގައި ނުފޯރާ އާއިލާއެއް މިރާއްޖޭގައި މަދުވާނެ ކަމަށެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރި ކަމުގެ ކުށުގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ހިމެނޭ ސުޕްރީމް ކޯޓުގެ އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރައުޔުގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލާގައި ހުކުމް އިއްވި އިރު ތިން މަރުހަލާގައި ވެސް ކުށް ސާބިތުވާކަމަށް ނިންމި ފަހުން، ކުށް ސާބިތުވުމުގައި ވާހަކަދެކެވުނު އެއް މިލިއަން ޑޮލަރަކީ ގާނޫނީ ގޮތުން ސައްހަ ޔާމީން އަށް ލިބުން ހައްގު ފައިސާއެއް ކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.
ފަނޑިޔާރު މަހާޒު އަލީ ޒާހިރު އިތުރަށް ވިދާޅުވީ ރައީސް ޔާމީން އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކޮންގޮތަކުން ޖަމާވި ފައިސާއެއް ކަން ކަށަވަރެއް ނުވާކަމަށާއި، އެ ފައިސާ ޖަމާވެފައިވަނީ އެސްއޯއެފްކިޔާ ކުންފުންޏަކުން ކަމަށެވެ. އެ މައްސަލައިގައި ކުރެވުނު ތަހުގީގުގައި އެ ކުންފުންޏާއި ގުޅޭ ތަހުގީގެއް އެދެވޭ ގޮތުގައި ކޮށްފައިވާކަމުގައި ނުބެލެވޭ ކަމަށެވެ. އޭގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރުސީގެ މައްސަލައިގައި މަނީ ލޯންޑާ ކުރުމަށް ބޭނުންކުރި "އެންމެ ވަރުހުރި އާލާތް" ކަމަށް ދައުލަތުން ބުނުމަށް ފަހު، އެ ކުންފުނީގެ އިސްފަރާތްތަކަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ބުނުމުން ހައިރާންވާ ކަމަށެވެ.
ރައީސް ޔާމީން ފުރުން މަނާކޮށް މިހާރުވަނީ ކްރިމިނަލް ކޯޓުން އަމުރެއް ނެނެފައެވެ. ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް އެދުނީ ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.