ads
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެ މެންބަރު ފުވާދު ތައުފީގު --- ވަން ފޮޓޯ: މުހައްމަދު އައުޒަމް
ނިޒާމީ ވޯޓު ނެގުމާއި ގުޅޭގޮތުން އެއްވެސް ރަސްމީ ނިންމުމެއް ނެތް: ފުވާދު
ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނިޒާމީ ވޯޓެއް ނަގަން ނިންމާ ސަރުކާރުން މިހާތަނަށް އަންގަވާފައި ނުވާކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ވޯޓާ އެޑިއުކޭޝަންގެ ޕްރޮގްރާމްތަކެއް ރަށްރަށުގައި ހިންގަވަން ނިންމަވާފައިވާކަމަށް ވިދާޅުވެ، އެ ޕްރޮގްރާމުގެ ބޭނުމަކީ ކޮބައިކަން ތަފްސީލު ކޮށްދެއްވަމުން އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް މީގެ ކުރިން ވިދާޅުވީ، ފަހަރެއްގައި ނިޒާމީ ވޯޓެއް ބާއްވައިފިނަމަ އެކަމާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ މަސައްކަތެއް ހިންގަން ޖެހޭނެތީ ކަމަށެވެ. 

އެވާހަކައާއި ގުޅިގެން ނިޒާމީ ވޯޓެއް ނެގުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެވާހަކަތަކަށް ޖަވާބު ދެއްވަމުން "އަވަސް"ގެ ސުވާލަކަށްފަހު ސުވާލެއް ޕްރޮގްރާމުގައި ފުވާދު ވިދާޅުވީ، އެފަދަ ރަސްމީ އެއްވެސް ނިންމުމެއް ނެތް ކަމަށާއި، އެފަދައިން ނައިބް ރައީސްއަށް ވިދާޅުވީ "ކޮމިއުނިކޭޝަން އެރާ" އަކުން ކަމަށެވެ.

" ނޫން އެފަދަ އެއްވެސް ރަސްމީ ނިންމުމެއް ނެތް. އެ ވިދާޅުވީ އެއްގޮތަކަށްވެސް ނިޒާމީ ވޯޓެއް ބާއްވަން ޖެހޭނެ ވާހަކައެއް ނޫން. އެހެންނަމަވެސް މި ވޯޓަ އެޑިއުކޭޝަންގެ ތެރެއިން ދާނެ އިނގޭތޯ ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމުގައި ހުންނަ އެޑްވާންޓޭޖްތަކާއި، ޑިސްއެޑްވާންޓޭޖްގެ ވާހަކަ. އަދި ކުރިން ރަސްކަން ކުރިއިރުގެ ވާހަކަތައްވެސް. ނަމަވެސް އެއީ ނިޒާމީ ވޯޓަކަށް އަޅުގަނޑުމެން ތައްޔާރުވާ ވާހަކައެއް ނޫން" ފުވާދު ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފިކަމަށްވާނަ ނިޒާމީ ވޯޓެއް ނެގުމަށް ބޭނުންވާނެ ތަޖްރިބާ އެބަހުރިކަމަށާއި، އީސީން އެކަމަށް އޮތީ ތައްޔާރަށްކަމަށްވެސް ފުވާދު ވިދާޅުވިއެވެ. ފުވާދު ވިދާޅުވީ އެކަމަށް އީސީގައި ތާށިކަމެއް ނެތްކަމަށާއި، އެކަށީގެންވާ ވަގުތާއި ބަޖެޓާއިއެކު އެކަން ހަވާލުކޮށްފިނަމަ އެކަން އީސީން ކުރާނެ ކަމަށެވެ.

" އެފަދަ ހާލަތެއް އައިސްފިނަމަ އަޅުގަނޑުމެން ހަމަ އެއްވެސް ޖެހިލުމެއްނެތި ބާއްވަން ޖެހޭ އިންތިހާބެއް ބާއްވާ އެކަން ހަމަ ބަރާބަރަށް ގެންނދެވޭނެ އިނގޭތޯ. އެކަމަށް ބޭނުންވާ ފެސިލިޓީވެސް އެބަހުރި" ފުވާދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމާ މެދު އަންނަ އަހަރުގެ ނޮވެމްބަރު މަހު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، 2023 ވަނަ އަހަރު ނިޒާމު ބަދަލުކުރަން ނިންމާކަމުގެ އިޝާރާތެއް މިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ދީފައެވެ. 

ރައީސް ނަޝީދު ފޮނުވި އެ މެސެޖުގައި ވާގޮތުން ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދު ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރުގެ ނޮވެމްބަރުގައި ނަގާނެއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރާނީ 2023 ވަނަ އަހަރުގައި ކަމަށް އެ މެސެޖުގައި ވެއެވެ. އަދި އެކަމަށް ޕާޓީތަކުން އެއްބަސްވާ ފަދަ މޭރުމަކުން ނަޝީދު ވާހަކަދައްކަވާފައިވެއެވެ. 

މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމާލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެއްވުމަށްފަހު ރާއްޖެ ވަޑައިގެންފަހުން ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމަށް އެކި ފަރާތްތަކާއި ރައީސް ނަޝީދު ދަނީ އަނެއްކާވެސް މަޝްވަރާ ކުރަމުންނެވެ. 

އެގޮތުން ރައީސް ސޯލިހް އާއި ކޯލިޝަނުގެ ތެރޭގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަަލަށް އުފެދުނު އެމްއެންޕީއާއިވެސް ވަނީ އެކަމާއި ގުޅޭގޮތުން ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. 

ނަމަވެސް އެކަމާއި ގުޅޭގޮތުން ނިންމަވާ ގޮތެއް އެއިން އެއްވެސް ޕާޓީއަކުން އަދި ރައީސް ސޯލިހްވެސް ހާމަކޮށްފައި ނުވަނިކޮށް ރައީސް ނަޝީދު މިފަދަ ގޮތަކަށް ވާހަކަދެއްކެވުމުން އެކަމަށް ރައްދުދީ ޕާޓީތަކުން ބުނީ ނިޒާމު ބަދަލުކުރުމަށް ޕާޓީތަކުން އެއްބަސް ނުވާކަމަށެވެ. 

ނަޝީދުގެ އެމެސެޖުގައި ވާގޮތުން 2023 ގައި ބަރުލަމާނީ ނިޒާމު ރާއްޖޭގައި އެކުލަވާލަން ބޭނުންވަނީ އެއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވަން ބޭނުންފުޅު ނުވާތީއެވެ.

ނަޝީދު ވަނީ އެކަމުގައި ގައުމީ މަޖިލީސް ބައިބައި ނުވެ، އެކަމާއި ފުންކޮށް ވިސްނުމަށް އެދިފައެވެ. ނަޝީދު ވިދާޅުވީ ފުންކޮށް ވިސްނާލުމުން އެއީ ޕާޓީއަށާއި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަ ކަމަށެވެ. 

މިފަދަ މޭރުމަކުން އެމަނިކުފާނު އަނެއްކާވެސް ވާހަކަފުޅު ދެއްކެވިއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ފުރޮޅާލައްވާ ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަވަން ބޭނުންފުޅުވާކަން މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައިވެސް ނަޝީދު ވަނީ ހުދު ރައީސް ސޯލިހް އަށް މެސެޖަކުން ދަންނަވާފައެވެ. ނަމަވެސް އެފަހަރު އެވާހަކައާއި ގުޅިގެން ރައީސް ސޯލިހް މާބޮޑު ސަމާލުކަމެއް ދީފައިނުވާއިރު އޭގެ ސަބަބުން އެމްޑީޕީތެރެ ދެފެކްޝަނަކަށް ބެހި ހަމަނުޖެހުންތައް ޕާޓީގެ އެތެރޭގައި ފެށިގެންދިޔައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް