
އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލެ ބިމުގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލުކުރި ކުރުމާބެހޭގޮތުން ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސުހައިލް ވިދާޅުވީ ފެންނަ ފެނުމަށް އެޗްޑީސީއަށް ދޫކޮށްފައިވާ ރަޖިސްޓްރީ ސިޓީ ކައުންސިލަށް ބާތިލު ނުކުރެވޭނެކަމަށެވެ.
"ފެންނަ ފެނުމަށް ރަޖިސްޓްރީ ބާތިލު ނުކުރެވޭނެ. ރަޖިސްޓްރީ ބާތިލުކުރި ކަމަށް ބުނާ ވަހަކަ އެނގުނީ މީޑިއާއިން. އެކަމާގުޅޭގޮތުން ފިޔަވަޅެއް އަޅާނީ ގާނޫނީގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު،" ސުހައިލް ވިދާޅުވި އެވެ.
މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ހުޅުމާލެ ބިން ބޭނުންކޮށްގެން ބޮޑެތި ލޯނުތައް ނަގައިގެން ވިޔަފާރީގެ ބޮޑެތި މުއާމަލާތްތައް ކުރަމުންދާއިރު ވިޔަފާރިއަށް ރައްކާތެރިކަން ވެސް ލިބެންޖެހޭނެ ކަމަށެވެ.
މީގެ ކުރިން އެޗްޑީސީގެ ރެކްރޫޓްމަންޓް ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: ފޮޓޯ: އެޗްޑީސީ
އެޗްޑީސީއަށް ދޫކޮށްފައި އޮތް ބިމުގެ ރަޖިސްޓްރީ ބާތިލު ކުރުމަށް ސިޓީ ކައުންސިލުން މިއަދު ފާސްކުރީ އަންނަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ފޭސް ދޭއްގައި ކޮތަރުކޮށި ނަމުގައި ޖަލްސާއެއް ބާއްވަން ސިޓީ ކައުންސިލުން ހުއްދަ ދިނުމާ ގުޅިގެން އެ ހުއްދައިގެ ދަށުން ހުޅުމާލޭގައި ޖަލްސާ ނުބޭއްވޭނެކަމަށް އެޗްޑީސީން ބުނެފައިވަނިކޮށެވެ.
ސިޓީ ކައުންސިލުގެ ހުއްދައިގެ ދަށުން ޖަލްސާ ބާއްވާ ނަމަ އެކަން ހުއްޓުވުމަށް އެޗްޑީސީން ޕޮލިހަށް ހުށަހަޅާފައިވަނިކޮށް، ސިޓީ ކައުންސިލުން އެންމެ ފަހުން މިވަނީ ބިމުގެ ރަޖިސްޓްރީ ބާތިލުކޮށްފަ އެވެ.
ސުހައިލް ވިދާޅުވީ ހުޅުމާލޭގައި ޖަލްސާ ބާއްވަން ހުއްދަދޭނީ އެޗްޑީސީން ކަނޑައަޅާފައިވާ އުސޫލުތަކާއެއްގޮތަށް އެޗްޑީސީން ކަމަށާއި ހުޅުމާލެ ބިމަކީ އެޗްޑީސީގެ ތަނެއްކަމަށެވެ.
" ފޭސް އެކެއް ނިންމާފައި އޮއްވަ ސިޓީ ކައުންސިލުން ބިމުގެ ރަޖިސްޓްރީއެއް ހަދާފައި ދިނީ ކުރިން. ފޭސް ދޭއް ނިންމާފައި ބިމުގެ ރަޖިސްޓްރީ ދިނީ އޭރުގެ ހައުސިން މިނިސްޓްރީ. އެ ރަޖިސްޓްރީތައް ލިބުމާއެކު އެ ބިންތައް ބޭނުންކޮށްގެން ވިޔަފާރި ކުރަމުންދަނީ. އެ ވިޔަފާރިއަށް ރައްކާތެރިކަން ލިބެންޖެހޭނެ. މިއީ ކުންފުންޏެއް. ކުންފުންޏަށް ބިން ދިނުމާއެކު އެ ބިން ބޭނުންކޮށްގެން ކުރިންސުރެ ލޯނު ނަގައިގެން މަސައްކަތް އެބަކުރަން. ރަޖިސްޓްރީ ބާތިލުކުރުމަކީ އެހެން ކުރެވޭނެކަމެއް ނޫން،" ސުހައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ނިންމި ނިންމުމާބެހޭގޮތުން އެންމެ ފަހުން ގޮތެއް ނިންމާނީ އެކަމާބެހޭ ގޮތުން މަޝްވަރާކުރުމަށް ފަހު ގާނޫނީ ގޮތުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހުގައި ކަމަށެވެ.