ads
މުއިއްޒު
ރައްޔިތުން ގާތު ނާހައި ހުޅުމާލޭގެ ރަޖިސްޓަރީ ދެން އެއްވެސް ބަޔަކަށް ނުދޭނަން: މުއިއްޒު
ރައްޔިތުން ގާތު ނާހައި ހުޅުމާލޭގެ ރަޖިސްޓަރީ ދެން އެއްވެސް ފަރާތަކަށް ސިޓީ ކައުންސިލުން ހަދައި ނުދޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަަނަ ދުވަހު އޭރު ހައުންސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން މިހާރުގެ މާލޭ ސިޓީ ކައުންސިލް މޭޔަރު ޑރ. މުއިއްޒުއެވެ. އޭގެފަހުން ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބަލަހައްޓަނީ އެޗްޑީސީންނެވެ. 

ކޮތަރު ކޮށި ނަމުގައި ހުކުރު ދުވަހު ހުޅުމާލޭ ފޭސް ދޭއް ސަރަހައްދުގައި ޕީޕީއެމް ކޯލިޝަނުން ބާއްވަން ނިންމާފައިވާ ޖަލްސާއަށް ޕީޕީއެމްއިން ހުއްދަ ނަގާފައި ނުވާކަމަށާއި، އެކަން އެގޮތަށް ކުރާނަމަ ހުއްޓުވައިދިނުމަށް ފުލުހުންގެ އަރިހު އެޗްޑީސީން އެދިފައިވަނިކޮށް ސިޓީ ކައުންސިލުން މިއަދު ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށް ސިޓީ ކައުންސިލަށް ނަގާފައެވެ. 

ޑރ. މުއިއްޒުގެ މިނިސްޓަރު ކަމުގައި އެޗްޑީސީއަށް އެތަން ރަޖިސްޓްރީ ކޮށްދިނުމަށްފަހު ހަމައެމަނިކުފާނު އެ ރަޖިސްޓްރީ ބާތިލުކުރުމުން އެކަމާއި ގުޅިގެން ބައެއް އާއްމުންގެ ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް، މޭޔަރު މުއިއްޒުގެ ކޮމިއުނިޓީ ވައިބާ ގުރޫފަށް ފޮނުވި މެސެޖެއްގައި މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ރަޖިސްޓަރީ ރައްޔިތުން ކައިރީ ނާހައި ދެން އެއްވެސް ފަރާތަކަށް ހަދައި ނުދޭނެ ކަމަށާއި، އެއީ ދެން ސިޓީ ކައުންސިލުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

އެޗްޑީސީއަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކުރުމަށް ސިޓީ ކައުންސިލުގެ ޖަލްސާއިން މިއަދު ފާސްކުރުމުން މިހާރު ވަނީ ރަޖިސްޓަރީ ބާޠިލްކޮށްފައިވާކަން އާންމުކޮށް އަންގައި އިއުލާން ކޮށްފައެވެ. ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގެ ރަޖިސްޓަރީ ވެސް ވަނީ ބާތިލްކޮށްފައެވެ.

މި ރަޖިސްޓަރީ ބާތިލްކޮށް، ރައްޔިތުން ގާތު ނާހައި މީގެ ފަހުން އެއްވެސް ފަރާތަކަށް ހުޅުމާލޭގެ ރަޖިސްޓަރީ ސިޓީ ކައުންސިލުން ހަދައި ނުދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވާއިރު، ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް ދިނުމުގެ ފުރުޞަތު ކައުންސިލަށް ނުލިބޭ މައްސަލާގައި އެމަނިކުފާނު ވަނީ ތަކުރާރުކޮށް މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ކޮންމެ ދުވަހަކު ގިނަ ޝަކުވާތަކެއް ލިބެމުންއައި ނަމަވެސް އެކަންކަން ޙައްލުކުރުމަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނެތުމީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މޭޔަރު ވިދާޅުވީ ޤާނޫނުން ދީފައިވާ ބާރުވެރިކަން ހުޅުމާލޭގެ މައްޗަށް ސިޓީ ކައުންސިލުން ތަންފީޒު ނުކުރެވުނު ނަމަވެސް މިހާތަނަށް ވެސް މާލޭ ސިޓީގެ ކަންކަން ކައުންސިލުން ރާވަމުން އައީ އެއްވެސް އިސްތިސްނާއެއް ނެތި ހުޅުމާލެ ހިމަނައިގެން ކަމަށެވެ.

އެގޮތުން މާލޭ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބޭއްވުނު ސިލްސިލާ ބައްދަލުވުންތަކުގައި ވެސް ހުޅުމާލެ ހިމަނާފައިވާނެ ކަމަށާއި މަހަކު އެއްފަހަރު ރައްޔިތުންނާ ބައްދަލުކުރުމަށްޓަކައި ހަފުތާއަކު އެއްފަހަރު މާލޭގެ ކޮންމެވެސް އަވަށެއްގެ ރައްޔިތުންނާ ބައްދަލުކުރާ ގޮތަށް ބާއްވަން ހަމަޖައްސާފައިވާ ބައްދަލުވުންތަކުގައި ވެސް ހުޅުމާލެ ހިމެނުމަށް ނިންމާފައިވާ ކަމަށެވެ. 

އެޗްޑީސީއަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ބާޠިލްކުރަން ސިޓީ ކައުންސިލުން ފާސްކުރީ މިއަދު ބޭއްވި ޖަލްސާގައި 12 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި ނިންމުމާ އެއްކޮޅަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ މެންބަރަކު ވެސް ހިމެނެއެވެ.

އެޗްޑީސީއަށް ސިޓީ ކައުންސިލުން ހަދައިދީފައިވާ ރަޖިސްޓަރީ ބާތިލްކުރުމަށް މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ. އޭނަ ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ވާގޮތުން ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ދަށުގައިވާ ތަނެއް ކަމަށާއި އެތަނުގައި މުނިސިޕަލް ހިދުމަތްތައް ދިނުމަކީ ކައުންސިލުގެ ޒިންމާއެއް ކަމަށެވެ. 

ނަމަވެސް ރައީސްގެ ޤަރާރަކުން އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާ އެޗްޑީސީން ހުޅުމާލޭގެ ހުރިހާ ކަމަކާ ޙަވާލުވެ، ކައުންސިލަށް އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުލިބޭތީ މި މައްސަލަ ޙައްލުކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް ކައުންސިލުން އެދިފައިވާ ކަމަށެވެ. ނަމަވެސް މިހިސާބަށް މިދިޔައީ ކުރެވުނު އެއްވެސް މަސައްކަތަކުން އަލިމަގެއް ނުފެނި، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވުމުން ކަމަށް އޭނާ ބުނެފައިވެއެވެ. 

22%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް