ads
ރައީސް ގާފަރު މަސްވެރިންނާ ބައްދަލު ކުރައްވަނީ ފޮޓޯ ރައީސް އޮފީސް
މަސްވެރިންގެ ޚިޔާލާ މަޝްވަރާއަށް ސަރުކާރުން މަރުޙަބާ ކިޔާނެ:ރައީސް
މަސްވެރިންގެ ޚިޔާލާ މަޝްވަރާއަށް ސަރުކާރުން މަރުޙަބާ ކިޔާކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު 41 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ގާފަރަށް މިހާރު ކުރައްވަމުންގެ ގެންދަވާ ދަތުރުފުޅުގައި ބައެއް މަސްވެރިންނާ ބައްދަލުކުރައްވައި އެމީހުންގެ ޝަކުވާތައް އަޑުއައްސަވައި މަސްވެރިކަމުގެ ކުރިމަގާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވައިފަ އެވެ.

ރޭ ގާފަރު ބަނދަރު ސަރަޙައްދުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރެއްވި ކަންކަމުގެ ތެރޭގައި، ފިޝަރީޒް ޕްރޮމޯޝަން ބޯޑުގައި މަސްވެރިކަމުގެ ދާއިރާ ތަމްސީލުކުރުމަށް ތިބޭ ބޯޑު މެންބަރުންނަކީ މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ހުރި ބޭފުޅުން ކަމުގައިވުން މުހިންމުކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. 

މީގެ އިތުރުން މަސްވެރިން ވަނީ، ސަރުކާރު ތެރެއިން މަސްވެރިކަމާ ގުޅޭ ކަންކަމުގައި ކުރިޔަށްދިޔުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. މިގޮތުން، މާލީކަންކަމުގައި ދިމާވާ ގޮންޖެހުމާއި، ބޭންކިންގ އަދި، މަސްވެރިކަމުގެ ސާމާނު އެތެރެކުރުމުގައި ހުރި ދަތިތަކަށް މަސްވެރިން ވަނީ އަލިއަޅުއްވާލައްވާ ފައެވެ.

މީގެ އިތުރުން ވެސް މަސްކިރުމުގެ އިންތިޒާމް ލަސްވުމުގެ ސަބަބުން މަސްބާނާ މޫސުމުގައި ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށާއި، މިކަންކަމަށް އެކަށޭނަ ޙައްލެއް ގެނެސް ދެއްވުމަށް މަސްވެރިން ވަނީ ރައީސް އަރިހުގައި ދަންނަވާފައެވެ. އަދި، ރާއްޖޭގެ މަސްވެރި ދޯނިތައް އެންމެ ގިނައިން ދަތުރުކުރާ ސަރަޙައްދުތައް ހޯދުމަށްފަހު މަސްކިރުވޭނެ ގޮތް އެ ސަރަޙައްދު ތަކުން ހައްދަވައި ދެއްވުމުގެ މުހިންމުކަމާއި، މަސްވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ކަންކަން މަސްވެރިން ފާހަގަ ކުރައްވާފައި ވެއެވެ.

މަސްވެރިން ފާހަގަކުރެއްވި ކަންކަމުގައި އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި، ނައިބު ރައީސް ފައިޞަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެން މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް