ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ގާތްގާތުގައި ބޭއްވި ދެ ޖަލްސާއެއްގައި ރައީސް ޔާމީން ލައްކަ ވާހަކަ ދައްކައިފިއެވެ. އެންމެފަހުން އޮތް ޖަލްސާގައި، ރިޔާސީ އިންތިޚާބުން ބަލިވި ބަލިވުމުގެ ހަނދާން އަލުން އާ ކުރަމުން އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ އަހްމަދު ޝަރީފަކީ ޚާއިނެއްކަމަށް ޔާމީންވަނީ ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިހާބުގައި ކަންތައްތައް ވީގޮތް ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ސާފުކޮށްދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެއަށް ފަހު ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން އައީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ޝަރީފަށް ފުރައްސާރަކުރަމުންނެވެ. އަދި އޭގެ ފަހުން އިލެކްޝަނާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގު ރިޕޯޓްތަކެއް ކަމަށްބުނެ ލިޔުންތަކެއް ލީކުކޮށްލިއެވެ. ވިސްނާލައިފިނަމަ މިއީ ރޭވިގެން ކުރި ކަމެއް ކަން އެނގޭނެއެވެ. ލީކު ކޮށްލި ލިޔުންތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް ފުލުހުންވެސްވަނީ ބުނެފައެވެ.
ރައީސް ޔާމީން މި ވަގުތު ހަނދާން ނެތް ކަމަކީ، އެ ލީކު ކޮށްލި ލިޔުންތަކަކީ ހަގީގީ ލިޔުންތަކެއްކަމުގައިވީނަމަވެސް އެ ލިޔުންތަކާ ރިޔާސީ އިންތިޚާބުގައި ހިނގައިދިޔަ ކަންކަން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައި ސުޕްރީމް ކޯޓުންވަނީ އެކަމުގައި ގޮތް ނިންމާފައިކަމެވެ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި އުއްތަމަ ފަނޑިޔާރާ އެހެން ފަނޑިޔާރަކު ހައްޔަރުކޮށް، އެ މަގާމުތަކަށް އަލުން ފަނޑިޔާރުން އައްޔަންކޮށް ސީދާ ރައީސް ޔާމީންގެ ފުލް ކޮންޓްރޯލް އޮތް ސުޕްރީމް ކޯޓުގެ ބެންޗަކުން ރިޔާސީ އިންތިޚާބުގެ ކަންކަތަކުގައި ހުކުމެއްވަނީ އިއްވާފައެވެ.
ލިޔެވޭ އަނގޮއްޓިއަކާއި ވޯޓު ކަރުދާހުގައި ކެމިކަލްތަކެއް ބޭނުން ކޮށްގެން ނަތީޖާ އޮޅުވައިލި ކަމަށް ވިދާޅުވެ ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ސާބިތު ނުވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވި މި ހުކުމުގައި ބުނެފައި ވަނީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައި ނުވާ ކަމަށާއި ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް މައްސަލައެއްގެ ހެއްކެއް ނެތް ކަމަށް. އަދި ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ޖިނާއީ ތަހުގީގެއް ސިފައިންނާއި ފުލުހުން މެދުވެރިކޮށް ހިންގަން އަމުރު ކުރަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވީ ތިރީސް އަށްހާސް ވޯޓުގެ ބޮޑު ތަފާތަކުންނެވެ. އެހެންނަމަވެސް އެ ފަހުން ތިން އަހަރު ވެގެން ދިޔައިރުއިވެސް ރައީސް ޔާމީނަށް އަދިވެސް ބަލި ގަބޫލް ނުކުރެވޭކަން ފާހަގަ ކުރެވެއެވެ. ރައީސް ޔާމީންއެވެ. ރައްޔިތުން މަނިކުފާނަށް ނޫނެކޭ ބުނެފިއެވެ. އެކަން ހަނދާން ނެތުނީތޯއެވެ. ރަނގަޅަށް ހަނދާން ކުރައްވާށެވެ. އެންމެ ގާތުގައި ތިބި މީހުންވެސް ނޫނެކޭ ބުނީއެވެ.