މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވަނީ 2020/2019ގައި ކުރެވުނު "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ" ހަޔަސް 2018ގެ އެކްސްޓެންޝަންއެއްގެ ގޮތުގައި މިއަހަރު މާރޗް މަހުގައި ކުރިއަށް ގެންދެވުނު "ރެޕިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް"ގެ 2 ވަނަ ބުރުގެ ސަރވޭ މިޑިސެމްބަރ މަހުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި ސަރވޭ ކުރެވޭނީ މިއަހަރު މާރޗް މަހުގައި ކޮވިޑް އިމްޕެކްޓް ސަރވޭ ކުރެވިފައިވާ 600 ގޭބިސީއަށެވެ. މި 600 ގޭބިސީއަކީ 2019 ގައި ކުރެވިފައިވާ ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގެ ތެރެއިން ހޮވިފައިވާ ގޭބިސީތަކެކެވެ. ސަރވޭ ކުރެވޭނީ ފޯނު މެދުވެރިކޮށެވެ.
މިސަރވޭކުރުމަށް 16 އިން 23 ޑިސެމްބަރ އާއި ހަމައަށް ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 އިން 18:00 އާއި ދެމެދު މައުލޫމާތު ނެގުމަށްޓަކައި ގުޅަމުން ގެންދާނެ ކަމަށް އެ ބިއުރޯއިން ބުނެއެވެ. މިސަރވޭ ގައި ގުޅަމުންދާނީ އެބިއުރޯގެ ނަންބަރު 1423 އިންނެވެ.
މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. ގާނޫނުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.
މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއި އެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން އެބިއުރޯއަށް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ބިއުރޯއިން ބުނެއެވެ.