މިނިސްޓަރު މައުސޫމު މިހަެ ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރަސް އަލް ޚައިމާގެ ކުރިއަށް ދިޔަ ދަ ގްލޯބަލް ސިޓިޒަން ފޯރަމންގައެވެ. ފޯރަމްގައި ބޭއްވުނު ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން "ކްލައިމެޓް އެކްޝަން- ދަ ފަސްޓް ފްރޮންޓިއަރ" ގެ ނަމުގައި ބޭއްވުނު ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ޑރ. މައުސޫމު ބައިވެރިވެވަޑައިގަތެވެ.
ޕެނަލްގައި ބައިވެރިވަޑައިގެން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި 2030 އަށް ދިވެހިރާއްޖެ ނެޓް ޒީރޯ އަށް ޓާގެޓް ކަނޑައަޅާފައިވާކަމަށާއި ދިވެހިރާއްޖެ ބަރޯސާވާ އެންމެ ބޮޑު އިންޑަސްޓްރީ އަކީ ޓޫރިޒަމް އިންޑަސްޓްރީ ކަމުން ދިވެހި ސަރުކާރުން ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް އެންމެ ފަހުގެ ޔޫ.އެން ޖެނެރަލް އެސެންބްލީގައި ދެއްކެވި ވާހަކަފުޅަށް ވެސް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.
މި ފޯރަމް ކުރިއަށް ދިޔައީ މިމަހުގެ 12އިން 13 އަށެވެ.
މި ފޯރަމްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ރިއަލްއެސްޓޭޓް ޓޫރިޒަމްގެ އިތުރުން ދަތުރުފަތުރުކުރުމުގައި "ގްލޯބަލް ސިޓިޒަން'އަކަށް ވުމުން ލިބޭނޭ ފަސޭހަތަކާއި އޭގެ މުހިންމުކަން ހިމެނެއެވެ.
”ދަ ފިއުޗަރ އިން މޯޝަން“ ތީމުގެ ދަށުން ކުރިއަށް ގެންދިޔަ މި ފޯރަމްގައި ބައެއް ޤައުމުތަކުގެ ވެރިންނާއި، ޓޫރިޒަމް މިނިސްޓަރުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.
ރަސް އަލް ޚައިމާގެ ރޫލާ އަދި ޔޫއޭއީ ސުޕްރީމް ކައުންސިލް މެމްބަރ ޝެއިޚް ސައުދު ބިން ސަޤްރ އަލް ޤަސީމީ އިފްތިތާޙުކޮށްދެއްވި މި ފޯރަމްގައި މިނިސްޓަރ މަޢުޞޫމް ބައިވެރިވެވަޑައިގަތީ ރަސް އަލް އިމާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ ރާކީ ފިލިޕްސްގެ ޚާއްސަ ދައުވަތަކަށެވެ. ތަފާތު ބޭބޭފުޅުންގެ ތަޤްރީރުތަކާއި، ވީޑިއޯ ޕްރެޒެންޓޭޝަން އަދި ޕެނަލް ޑިސްކަޝަން އާއި ބަހުސްތައް ހިމެނޭގޮތަށް ކުރިއަށް ގެންދިޔަ ފޯރަމް ހުށަހަޅާ ދެއްވީ ޓީވީ ޕްރެސެންޓަރ ރެބެކާ މެކްލަމިންއާއި ސީ.އެން.އެން ޖަރނަލިސްޓް ރިޗަޑް ކުއެސްޓްއެވެ.
މި ފޯރަމްގައި މިނިސްޓަރގެ އަރިހުގައި މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދުއާއި ކޮމިއުނިކޭޝަން ޑިރެކްޓަރ ފާތިމަތު ނިއުޝާ އަދި ލީގަލް އޮފިސަރ އަލްއުސްތާޛާ އުސާ އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.