އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ސީއެންއެމް އަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގެ ރިސޯޓްތަކެއްހެން މިހާރު ފުރިފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ ހަތެއްހާ ހިސާބަށް މިހާރު ރިސޯޓްތައް ބުކްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރޮއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ރިސޯޓްތަކަށް ބާރު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ފެބްރުއަރީގެ ފަހުން ވެސް 80 އިންސައްތައިގައި ހިފާޓާއްލެވޭނެ ކަމަށެވެ.
ގިނަ ރިސޯޓްތަކުގެ ބުކިންތައް މިހާރުވެސް ހުރީ ފުލްވެފައިކަން ފާހަގަކުރައްވާ ފިރާގު ވިދާޅުވީ، އިންޑިއާގެ ފަތުރުވެރިންނާއި މެދު އިރުމައްޗާއި އިރުމަތީ ޔޫރަޕްގެ ޓޫރިސްޓުން މި ދުވަސްވަރު ވަރަށް ގިނައިން އަންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.
ކޮވިޑްގެ ބަލި މަޑުކަމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ހީނަރުކަމެއް އައި ނަމަވެސް މަޑުމަޑުން އެތަން ފޫބެދެމުން އަންނަ ފެށުމުން ޓޫރިޒަމް މިނިސްޓްރީން ހިފި އަމާޒަށް މިހާރު ވަނީ ފުރިހަމައަށް ވާސިލްވެފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކަށްވީ މި އަހަރަށް އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މިހާރު އެ އަދަދު ފުރިހަމަވެ ދެން އަމާޒު ހިފަނީ މި އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރިން ވަނީ ވިދާޅުވެފައެވެ.
ފިރާގު ވިދާޅުވީ، އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި ރާއްޖޭގެ އެއާޕޯޓްތައް މިއަށްވުރެ ތަރައްގީ ނަމަ މި އަދަދަށް ވުރެ ގިނަ ފަތުރުވެރިން ކޮންމެ އަހަރަކު ރާއްޖެ އަންނާނެ އެވެ.
އޭނާ ވިދާޅުވީ، އެއާޕޯޓުގެ ކެޕޭސިޓީ ބޮޑު ނަމަ މިހާރަށް ވުރެ ގިނަ ޓޫރިސްޓުން ގެނެވި މިވަގުތު ރާއްޖޭގެ އެއާޕޯޓުގައި މުއްސަނދި ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ ގާބިލްކަން ނެތް ކަމަށެވެ.
މިދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ފަތުރުވެރިކަން ވަރުގަދަވެގެން އަންނަ ދުވަސްވަރެކެވެ. އެހެން ނަމަވެސް އާދަޔާ ހިލާފަށް މި އަހަރު ރިސޯޓްތަކުގެ ބެޑްނައިޓް ކެޕޭސިޓީވެސް މިހާތަނަށް އައި އިރު ވަނީ އިތުރުވެފައެވެ.