
އުމަރު ޒާހިރު އަވަހާރަ ވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅު ކުރަމުންނެވެ. ސިޔާސީ ބޭފުޅުންގެ އިތުރުން އާއްމު ގިނަ ރައްޔިތުންނެއް އަންނަނީ، އުމަރު ޒާހިރު ގައުމަށް ކޮށްދެއްވި އަގު ނުކުރެވޭ ހިދުމަތްތަކުގެ ވާހަކަ ދައްކަމުންނެވެ.
އުމަރު ޒާހިރު އަވަހްރަވުމާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގެއްލިގެން ދިޔައީ އަގު ނުކުރެވޭ ވަރުގެ ގިނަ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، އުމަރު ޒާހިރު 50 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ގައުމަށް ހިދުމަތް ކޮށްދެއްވާ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ހަގީގީ ގައުމީ ބަތަލެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ. އުމަރު ޒާހިރުގެ ފުރާނަ ފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަށް ދެއްވުން އެދި ﷲ ހަޒްރަތުގައި ދުއާ ކުރައްވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އުމަރު ޒާހިރުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނު ފަސްތާނު ލުމަށް ހަމަޖެހިފައިވަނީ، ގަލޮޅު ސަހަރާގައެވެ.
ގައުމަށްޓަކައި 1953 ވަނަ އަހަރުން ފެށިގެން ދައުލަތައް ހިދުމަތް ކުރެއްވި އުމަރު ޒާހިރު ވަނީ، ހޯމް މިނިސްޓަރު ކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު ކަމުގެ މަގާމުގެ ވެސް އަދާ ކުރައްވައިފަ އެވެ.
އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ގައުމީ ދިދަ މިއަދުން ފެށިގެން 03 ދުވަހަށް ބައިދަނޑިއަށް ތިރި ކުރުމަށްވެސް ރައީސް ސޯލިހު ވަނީ ނިންމަވާފައެވެ.