މީގެ 24 އަހަރުކުރިނ 1997 ވަނަ އަހަރުން ފެށިގެން އަރާ ފެބުމަށް ފާލަމެއް އޮންނަ އދ. މަންދޫއަކީ އާބާދީގައި 480 އެއް ހާމީހުން ދިރިއުޅޭ ރާއްޖޭ ނިސްބަތުން ކުޑަ އަމާން އޮމާން ޖަޒީރާ ވަންތަ ރަށެކެވެ. މިހާރު ޓޫރިޒަމަށް ބަރޯސާވެފައިވާ، ކުރިން މަސްވެރި އެ ރަށަށް ވަނީ، ފާލަމުގެ ބޮޑު ތަކުލީފާ އެކުވެސް އޭރު 8 ދޯނި ފަޅަށް ނުކުމެ މަސްވެރިކަން ކޮށްފައެވެ.
ކައުންސިލުން ބުނިގޮތުގައި މަސްވެރިކަން ކުރި ދޯނި ފަހަރުގެ ޒަމާން މާޒީވި ނަމަވެސް އެރަށުގައި މިހާރުވެސް 30 ދޯންޏާއި 13 ވަރަކަށް ޑިންގީ ދަތުރުފަތުރު ކުރުމުގައި ބޭނުން ކުރެ އެވެ.
ކައުންސިލުގެ ރައީސް މުހައްމަދު ސައީދު ވިދާޅުވިގޮތުގައި އެ ރަށުން މަސްވެރިކަން ނެތި ދިޔައީ އިގްތިސޯދީ ގޮތުން ޓޫރިޒަމްގެ ސިނާއަތަށް ވަދެވި ޓޫރިޒަމްގެ މަންފާ އެ ރަށުގައި ފުޅާވެގެން ދިއުމުންނެވެ. ބަނދަރުގެ ދަތިކަން ގިނަ ދުވަހަށް ތަހައްމަލު ކުރަން ޖެހުމުންނެވެ.
"ބަނދަރުގެ ދަތިކަމުގެ ތެރެއިން މަސްވެރިކަން ނިމިގެންދިޔަ އިރު ފަތުރުވެރިކަމުގެ މަންފާ ވެސް މިވަނީ ލިބިެން ފަށާފައި. ނަމަވެސް ބަނދަރު ނެތުމުން ފަތުވެރި ކަމަށް ވެސް ދަތިތައް ކުރިމަތިވޭ. ބަނދަރު ނެތުމުގެ ދަތިކަމާއެކު ވަރަށް ދުވަހު އުޅެނިކޮށް މިހާރު މިވަނީ ބަނދަރުގެ މަސައްކަތް ފެށިފައި،" އޭނާ ވިދާޅުވި އެވެ.
ފަތުރުވެރި ކަމަށް ވެސް ބަނދަރު ނެތުމުގެ އުނދަގޫ ކުރިމަތިވެފައިވާއިރު އާންމު ބޭނުންތަކަށްވެސް ބަނދަރެއްގެ މުހިންމުކަން ބޮޑުކަމަށާއި ރަށަށް ވަދެ ނިކުމެ ބަނދަރުކުރުމަށް ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް 3 ގެސްޓް ހައުސްއެއް ހިންގާ. ކޮވިޑްގެ ކުރިން ގިނަ އަދަދަކަށް ގެސްޓުން އައި. މިހާރު ދުވާލަކު 8 ފަތުރުވެރިން މި ރަށަށް އާދެވެނީ. ކައުންސިލުން ބިން ކުށްޔަށް ދީގެން ހިންގާ ފައިބަރު ދޯނި ބަންނަ ސަރަހައްދެއްވެސް މިރަށުގައި އޮވޭ. އެކި ކަންކަމުގައި އެ ވަރަށް މީހުން އަރާފައިބާ އިރު ބަނދަރެއް ނެތުމުން ވަރަށް ދަތިވޭ،" ގެސްޓް ހައުސްގެ އިތުރުން ގެސްޓް ޝޮޕްތައް ހިންގާ" މަންދޫގެ ރައީސް ވިދާޅުވި އެވެ.
ބަނދަރެއް ނެތުމުން ވިޔަފާރި ތަކަށާއި އެހެން ބޭނުން ތަކަށް ގެންދާ މުދާ ބޭލުމަށް ވެސް ވަނީ ނުހަނު ދަތިތަކާ ކުރިމަތިވެފަ އެވެ. ފާލަން ފުރެން ދެން މުދާ ބޭލުމަށްފަހު ޖެހެނީ މަޑުކުރާށެވެ. އެއީ ފާލަމަށް ބޭލި މުދާ ރަށުތެރެއަށް ނުވަތަ އެއްގަމަށް ގެންދެވެން ދެނެވެ. އެއީ ވެސް އެ ރަށު މީހުން އުފަލުމުންދާ ތަކުލީފެކެވެ.
"ކޮންމެހެން ބޭނުން ތަކަށް މުދާ ގެންނަން ޖެހޭނެތާ. އެއީ އިންތިހާއަށް އުފުލި ބޮޑު ތަކްލީފެއް. ވިޔަފާރި ތަކަށް މުދާ ގެނެސް ބޭލުމުގައި ވަރަށް ތަކްލީފު އުފުލަން ޖެހޭ. ފާލަން ދެކޮޅުން ފުރެންދެން ފަހަރަކު ފޮށިގަނޑެއް ބާލަމުން ގޮސް މުދާ ބާލާ ނިމެނީ. މިއީ މިހެން ބުނެލިޔަސް އެހާ ފަސޭހަ ކަމެއް ނޫން،" އެ ރަށުން ވާހަކަ ދެއްކި މުހައްމަދު ހުސައިން ކިޔާ މީހަކު ބުންޏެވެ.
އޭނާ ބުނީ ލަފާފުރުމުގެ ދަތިތަކުގައި ދުވަސްތަކެއް ގުނަމުން ހޭދަވެ، ހިނގައްޖެކަމަށާއި އެކި ދުވަސްވަރު އެކި ގޮތްގޮތަށް އެކި ތަކުލީފުތައް އުފުލާފައިވާނެ ކަމަށެވެ. އެ ދަތި ހާލަތުން އެ ރަށު މީހުން އަރައިގަންނަން ދިގު މުއްދަތެއް ކަޑައްތު ކުރަން ޖެހުނު ފަހުން ބަނދަރުގެ މަސައްކަތް ފެށުންވީ އޭނާ ބުނިގޮތުގައި ރަށަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.
މުހައްމަދުގެ ވާހަކަތައް އެހެން ހުރި އިރު ކައުންސިލުގެ ރައީސްގެ ވާހަކަތައް ހުރީ މާޔޫސީ ރާގެއްގައެވެ. ރައީސް ވިދާޅުވިގޮތުގައި ކަމާބެހޭ މީހުން އައިސް ކޮންމެ ފަހަރަކު ވެސް ދަނީ "ދަޅަ" ދައްކާފަ އެވެ.
"ކޮންމެ ފަހަރަކު އައިސް މުޑި ޖަހާފައި ދަނީ،" ބަނދަރު ހެދުމާ ބެހޭގޮތުން ސަރުކާރުތަކުން ކަންކަން ކޮށްފައިވާގޮތް ހިއްސާ ކުރައްވަމުން ކައުންސިލް ރައީސް ވިދާޅުވިއެވެ.
މަންދޫ ފިޔަވާ އދ. އަތޮޅުގެ ގިނަ ރަށްތަކުގައި ބަނދަރު ހަދާ ބަނދަރުގެ ފަސޭހަތައް އެ ރަށްރަށުގެ މީހުންނަށް ލިބެމުންދާތާ މިހާރު އެތައް އަހަރެއް ވެފައިވާއިރު މަންދޫ މީހުން އިއްޔެ އާ ހަމައަށް ކަހަލަގޮތަކަށް ތިބީ ހަގީގަތަކަށްނުވާ ހުވަފެން ބަލާލަ ބަލާލަ އެވެ.
މަންދޫ ރައްޔިތުންގެ ހުވަފެނުގައި ކުލަ ޖެހިގެންދިޔައީ މި މަހުގެ 15 ވަނަ ދުވަހު އެ ރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފެށުމާއެކުގަ އެވެ. ގާތްގަނޑަށް 1180 މީޓަރުގެ އަކަފޫޓުގެ ބަނދަރުގެ މަސައްކަތް ފެށުމާއެކު މަންދޫ މީހުން ތިބީ އުފުލުން ފޮޅިފަ އެވެ.
އެމްޓިސީސީން ބުނިގޮތުގައި އެ ރަށުގައި ތަރައްގީ ކުރާ 34.1 މިލިއަން ރުފިޔާގެ ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރުތެރޭގައި ހަދާ ނިންމާލެވޭނެ އެވެ. ބަނދަރުގެ މަސައްކަތް ނިމި ބަނދަރު ބޭނުންކުރަން ލިބޭނީ އަންނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ވިޔަސް މަންދޫ ރައްޔިތުންގެ ޝަކުވާއެއް ނެތެވެ. ސަބަބަކީ އަރާފޭބުމަށް ބަނދަރެއް ނެތި ދިރިއުޅެމުންދިޔަ އެތައް އަހަރެއްގެ މާޒީއަށް ނިމުމެއް އަންނާތީއެވެ.
މަންދޫ ރައްޔިތުން ދެކޭގޮތުގައި ބަނދަރާއެކު އެ ރަށަށް ތަރައްގީ އާއި އެތަކެއް ކުރިއެރުން ލިބޭނެ އެވެ. އަދި ޒަމާން ތަކެއް ވަންދެން އުފުލި ބުރައާއި، ދަތިތަކުން މިންޖުވެ މުޅިން އާ ފަތިހަކަށް އަލިވި ތަރައްގީގެ މުޅިން އާ ދުވަސްތަކެއް މާ ލަސްތަކެއްނުވެ މަންދޫ ރައްޔިތުންނާ ބައްދަލުކުރާނެ އެވެ. އެންމެންވެސް ތިބީ އެ އުންމީދުގައެވެ. ޒަމާންތަކެއް ވަންދެން ކަޑަތަކެއް ޖަހައި ދިންމާޔޫސް ކަމަށް މިފަހަރު ނިމުމެއް އަންނާނެއެވެ.