ބުރާސްފަތި ދުވަހު ރައީސް ޔާމީން ނިލަންދޫއަށް ވަޑައިގަންނަވާއިރު، މި ހަފުތާ ތެރޭ ސަރުކާރުން އިއުލާން ކުރެއްވި ހަ އެއާޕޯޓްގެ ތެރެއިން އެއް އެއާޕޯޓް ފ. އަތޮޅު މަގޫދޫގައި އަޅާ ގޮތަށް އިއުލާން ކުރެވިގެން ދިޔުމަކީ ނިލަންދޫ ރައްޔިތުން އެކަމާ މެދު ފުންކޮށް ވިސްނާނެ ކަމެކެވެ.
ވަކިން ޚާއްސަކޮށް ރައީސް ޔާމީންގެ "ގަދަ ފަސް އަހަރު" ނިލަންދޫގައި އެއާޕޯޓެއް އަޅުއްވާނެކަން އެކި ފަހަރު މަތިން އިއުލާން ކުރައްވައި، އެކަން ކޮޅެއްގައި ނުޖެހި އޮތުމުން އެކަން ވެގެންދާނީ ނިލަންދޫ ރައްޔިތުންނަށް "އިންޑިއާ އައުޓަށް" ވުރެ ބޮޑު ކަން ބޮޑުވުމަކަށެވެ. ރައީސް ޔާމީން ނިލަންދުއަށް ވަޑައިގަންނަވާއިރު، އެއާޕޯޓް ޕްރޮޖެކްޓްގެ ޖަވާބު ނިލަންދޫ ރައްޔިތުން ބޭނުންވާނެއެވެ. ނިލަންދޫ ޒުވާނަކު ފޭސްބުކްގައި އޭނާގެ ޚިޔާލު ފާޅުކުރަމުން، ނިލަންދޫއަށް ރައިސް ޔާމީން ވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށް ލިޔުއްވީ އެހެންވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ދެހާސް ސަތާރަވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެ އަހަރަށް ހިންގަން ރާވާފައިވާ ބޮޑެތި 16 މަޝްރޫއުގެ ތެރޭގައި ނިލަންދޫގައި އެއާޕޯޓެއް ގާއިމުކުރުމަށް ބިން ހިއްކުމާއި އެކު 170 މިލިއަން ރުފިޔާ ހިމެނި އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ދެހާސް ސަތާރަވަނަ އަހަރު މާރިޗު މަހުގެ ތެރޭގައި ފަސް ރަށެއްގައި އެއާޕޯޓް ހަދަން 57 މިލިއަން ޑޮލަރަށް މެލޭޝިއާ ބަޔަކާ ހަވާލުކުރިއިރު އޭގެ ތެރެއިން އެއް ރަށަކީ ނިލަންދޫ އެވެ. މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާ ނިލަންދޫ އެއާޕޯޓް ޕްރޮޖެކްޓް ހަވާލު ކުރީ ދެހާސް އަށާރަވަނަ އަހަރުގެ އޮކްޓޯބަރު މަހު އެއާޕޯޓް ހުޅުވާނެ ކަމުގެ ފޮނި ހުވަފެން ނިލަންދޫ ރައްޔިތުންނަށް ދައްކަމުންނެވެ.
އަދި އެވަރުން ނިމުނީކީ ނޫނެވެ. 2018 ވަނަ އަހަރަށް އެންމެ މުހިއްމު ހަތަރު އެއާޕޯޓުގެ ތެރޭގައި ނިލަންދޫ އެއާޕޯޓް ހިމެނޭ ކަމަށް ވެސް ރައީސްގެ ފަރާތްޕުޅުން ވިދާޅުވިއެވެ. 2017 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސް ޔާމީންވަނީ ނިލަންދޫގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވައުދުވެފަ އެވެ. އެހެން ނަމަވެސް ވީނުވީއެއް ނޭނގި ޖެހިގެން އައި އަހަރު، ނުވަތަ ރައީސް ޔާމިންގެ ފަހު ރިޔާސީ ބަޔާނުން ނިލަންދޫ އެއާޕޯޓް ޕްރޮޖެކްޓް ގެއްލުނެވެ. އެހެންކަމުން މިއަދު ނިލަންދޫ ރައްޔިތުންނަށް އިންޑިއާ އައުޓަށް ވުރެ، މުހިއްމީ އެއާޕޯޓް އައުޓްވީ ސަބަބެއް އެނގުމެވެ.