ads
ގާނޫނީ ވަކީލު ނިޝާން…
ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން: ރިޔާސީ އިންތިހާބަށް ވަކަރަށް ޖެހުންފަދަ ކަމަކަށް
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވެގެންދާނީ ރިޔާސީ އިންތިހާބަށް ވަކަރަށް ޖެހުން ފަދަ ކަމެއްކަމަށް އެދާއިރާއަށް ނިސްބަތްވާ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސީއެންއެމްއަށް ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއަކީ 2023 ގެ ރިޔާސީ އިންތިހާބުގެ ކުރީން އޮންނާނެ އެންމެ ބޮޑު އިންތިހާބުކަމަށް ޤަބޫލުކުރާކަމަށާއި ވަކަރަށް ޖެހުމަކީ އާރުލާތޯ ބެލުން ކަމަށެވެ.

އާރުލާތޯ ބެލުން ސިފަކޮށްދެއްވަމުން ނިޝާން ވިދާޅުވީ، ރުއް ކަނޑާލުމުގެ ކުރިން ބޭނުމެއް ހިފޭތޯ ބަލަން އެރުކުގައި ހަރުކަމެއް ހުރިތޯ ބެލުމަށް ރުކުގެ ބުޑުދަށުގައި ފުރޯއިން ޖަހައި ބެލުންކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ނަތީޖާއިން މިރާއްޖޭގެ މިއަދުގެ ސިޔާސީ ހާލަތު ސާފުވާނެކަމަށް ނިޝާން ފާހަގަކުރެއްވިއެވެ. 

އިތުރަށް ނިޝާން ވިދާޅުވީ، މި އިންތިހާބު ކާމިޔާބުކުރާ ޕާޓީއެއް ވެގެންދާނެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާއި ގާތުގައި އޮންނާނެ ޕާޓީއަކަށް ކަމަށާއި އެހެންކަމުން ހާއްސަކޮށް އެމްޑީޕީއަށް މިއީ މުހިންމު އިންތިހާބެއް ކަމަށާއި، އެމްޑީޕީ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ކޮށްދީފައިވާ އަގުހުރި ބޮޑެތި ހިދުމަތްތަކާއި، އެ ތަރައްގީ ރައްޔިތުން މިނެކިރަނީ ކިހާވަރަކަށްތޯ ބަލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދެކޭކަމަށް ވެސް ނިޝާން ފާހަގަކުރެއްވިއެވެ.

ނިޝާން ވިދާޅުވީ، ރައްޔިތުން މަޖުލީހުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް، ރަނގަޅު ކެނޑިޓޭޓަކު ދައްކައިގެން ނޫން ގޮތަކަށް އެއްވެސް ޕާޓީއަކަށް އެތަނުގެ ބައި އިކެލްޝަން ކާމިޔާބު ނުވާނެކަމަށް ދެކެވޭ ކަމަށެވެ.

އެމްޑީޕީއަށް ވެސް އަދި އެހެން ޕާޓީއަކަށް ވެސް އިންތިހާބު ކާމިޔާބު ވާނީ އެ ދާއިރާއެއްގެ ރައްޔިތުން ގަބޫލުކުރާ ކެނޑިޓޭޓަކު ދައްކައިގެން ކަމަށާއި، އަދި އެފަދަ ކެނޑިޓޭޓެއްގެ ނަން މިހާތަނަށް އަޑުއިވިފައި ނެތްކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. 

"މިހާތަނަށް އަޑު އިވުނު ކެނޑިޓޭޓުންގެ ނަމުގެ ސަބަބުން ގިނަ ބަޔަކު ތިބީ މާޔޫސްވެފައިވައި. އެމްޑީޕީ އިން ވެސް އިލެކްޝަން ކާމިޔާބު ކުރަން ބޭނުން ކަމުގައިވާނަމަ ދައްކާ މީހާ ރަނގަޅުވާން ޖެހޭނެ. ވޯޓު ލާއިރު މީހާއަށް ވަރަށް ބޮޑަށް ރައްޔިތުން ބަލާކަން ފާހަގަކުރަން. ބައިބައިވެފައިވާ ތަނެއްގައި، އިންތިހާބު ކާމިޔާބު ކުރާނަމަ އެންމެންނާ ގުޅޭ އިންސާނީ އިހުސާސް ދަންނަ، ކަމަށް ޤާބިލު މީހަކު ދެއްކުމަކީ މުހިންމުކަމެއް" ނިޝާން ފާހަގަކުރެއްވިއެވެ. 

ބައި އިކެލްޝަނަށް ކުރިމަތިލައްވަފާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނިޝާން ވިދާޅުވީ، މިވަގުތު ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމުގެ ވިސްނުމެއް އަދި ނެތްކަމަށާއި، މަރްހޫމް ހުސައިން ވަހީދަކީ ވަރަށް އިހުތިރާމް ކުރާ ބޭފުޅެއް ކަމަށެވެ. ނިޝާން ވަނީ ހުސައިން ވަހީދަށް މާތްﷲ ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުއާކުރައްވާފައެވެ.

"ހުސައިން ވަހީދުގެ އާއިލާ މެންބަރެއް ކުރިމަތިލުމަކީ އަޅުގަނޑު ފުރިހަމައަށް ތާއީދުކުރާނެ ކަމެއް، އަދި އެދެނީ ވެސް އެކަން އެހެންވުން، އެދާއިރާގެ ގިނަ ބަޔަކުވެސް އެކަމަށް އެދިފައިވާކަން އެނގިފައިވަނީ" ނިޝާން ފާހަގަކުރިއެވެ. 

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ ފަހެއް ފެބުރުއަރީ 2022 ވަނަ ދުވަހުއެވެ. އެދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާ ތަމްސީލްކުރައްވަމުން ގެންދެވި މެންބަރު ހުސައިން ވަހީދު  ކެންސަރުބަލީގައި އަވަހާރަވުމުންނެވެ.

52%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް