ads
ސިންގަލް ޔޫސް ޕްލާސްޓިކް ފޮޓޯ:ހެޕީ މަގު
13 ބާވަތެއްގެ ޕްލާސްޓިކް އަންނައަހަރު މަނާވާނެ!ލިސްޓް އާންމު ކޮށްފި
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބާވަތްތައް އަންނަ އަހަރުން ފެށިގެން މަނާކުރަން ނިންމާފައިވާއިރު ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ބާވަތްތަކުގެ ލިސްޓް ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.

ޖުމްލަ 13 ބާވަތެއް މަނާކުރުމަށް ރައީސްގެ ގަރާރުން ވަނީ ނިންމަވާފައެވެ. މި ގަރާރުގައި ހިމެނޭ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރެވިގެންދާނީ އެކި މަރުހަލާ ތަކަށް ބަހާލައިގެންނެވެ. 

އެގޮތުން، މި ގަރާރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ފުރަތަމަ މަރުހަލާގައި ބާޒާރަށް ނެރުމާއި އުފެއްދުން މަނާކުރެވޭނެ ބާވަތްތައް މަނާވެގެންދާނީ 01 ޖޫން 2022 ގައެވެ. އޭގެ ތެރޭގައި ހިމެނެނީ 

1. ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި

2. ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު

3. ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)

4. ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ

5. 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި

6. ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު

7. 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން

8. ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި

މީގެ އިތުރުން، ދިވެހިރާއްޖޭގައި ބޯފެން ބަންދުކުރުމަށް އުފައްދާ ޕްލާސްޓިކު ފުޅި އަދި ތައްޔާރީ ބުއިންތައް ބަންދުކުރުމަށް އުފައްދާ ޕްލާސްޓިކް ފުޅީގެ ބާވަތްތައް 01 ޖޫން 2022، އިން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ވިއްކަން ބާޒާރަށް ނެރުން މަނާ ކުރެވިގެންދާނެއެވެ. މީގެ ތެރޭގައި ހިމެނެނީ؛

1. ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، (ފެން ބަންދުކޮށްފައި ހުންނަޕްލާސްޓިކު ފުޅ)  

2. ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، (ތައްޔާރީ ބުއިންތައް ބަންދުކޮށްފައި ހުންނަޕްލާސްޓިކު ފުޅި)  (ފެން ފިޔަވައި)

އަދި މީގެ އިތުރަށް 2023 ވަނަ އަހަރުން ފެށިގެން 1 ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅި ރާއްޖޭގައި އުފެއްދުން މަނާވެގެންދާނެއެވެ. ނަމަވެސް 2024 ވަނައަހަރުން ފެށިގެން ރާއްޖޭގައި މިހާރުވެސް އުފައްދަމުންދާ 1.5 ލީޓަރ ފުޅިއާއި އެއަށްވުރެ ބޮޑު ސައިޒްގެ ފުޅި އުފައްދާ ރާއްޖޭގެ ބާޒާރުގައި ލިބެން ހުންނާނެއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި، އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލާ ޢާއްމުކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައި ވަކި ބާވަތްތަކެއް މަނާކުރެވިގެންދާއިރު ޕްލާސްޓިކް މަދުކުރުމަށް އެހެން ސިޔާސަތުތައްވެސް މިޕްލޭންގައި ކަނޑައަޅާފައި ވެއެވެ. 

އެގޮތުން، މި ޕްލޭންގައި ސިންގަލްޔޫސް ޕްލާސްޓިކް މަދުކުރުމަށް މައިގަނޑު 06 ސިޔާސަތެއް ކަނޑައަޅާފައިވެއެވެ. ސިންގަލްޔޫސް ޕްލާސްޓިކްގެ ވަކި ބާވަތްތަކުން އިމްޕޯޓު ޑިއުޓީ ބޮޑުވެގެންދާއިރު ކުދިވިޔަފާރިތަކުގައި އުފައްދާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތައް މި ސިޔާސަތުތަކުގެ ދަށުން އިސްތިސްނާ ވެގެންދާނެއެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި ތަކެތިން އިމްޕޯޓް ޑިއުޓީ މާފުކުރުމަށް ވެސް މި ޕްލޭންގެ ދަށުން ހުށަހަޅާފައި ވެއެވެ. އަދި ސިންގަލް ޔޫސް ޕްލާސްޓިކުގެ ވަކިބާވަތްތަކެއް މަނާކޮށް، މިތަކެތީގެ ބަދަލުގައި ބޭނުން ކުރެވޭ ތިމާވެއްޓާއި ރައްޓެހި ބާވަތްތައް ގެންނަ ފަރާތްތައް ދެނެގަނެ އިންސެންޓިވައިޒޭޝަން ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ކުރިއަށްގެންދިއުމަށްވެސް މި ޕްލޭންގައި ހިމަނާފައި ވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ 08 ބާވަތެއް 01 ޖޫން 2021 އިން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުން މިހާރުވެސް ވަނީ މަނާކުރެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް