ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ހަސަން ލަތީފް--
ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ހަސަން ލަތީފް ގޮވާލައްވައިފި
ސަރުކާރުގެ ސިޔާސަތުތަކާއި އެެއްގޮތަށް ޒިންމާދާރު ކަމާއެކު ވަޒީފާ އަދާނުކުރެއްވޭނަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފި އެވެ.
މިނިސްޓަރު އަމީންގެ އިސްތިއުފާއަށް ހަސަން ލަތީފް ގޮވާލައްވާފައިވަނީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދިފައިވާކަން މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށް އެކަމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

މިނިސްޓަރު އެހެން ވިދާޅުވި ހަބަރުގެ ލިންކެއް ޓްވީޓާގައި ރީޓްވީޓް ކުރައްވާ ހަސަން ލަތީފް ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި އެެއްގޮތަށް ޒިންމާދާރު ކަމާއެކު ވަޒީފާ އަދާނުކުރެވޭނަމަ އިސްތިއުފާ ދެއްވުމަށާއި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރަން އެނގޭ ވަރަށް ގިނަ ބަޔަކު އެބަ ތިބި ކަމަށް ވިދާޅުވެފަ އެވެ. 

އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެދުމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީއެއްގައި ވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދިވަޑައިގެންފަ އެވެ.

އިސްލާމިކް މިނިސްޓަރު މިމަހުގެ ފަސްވަނަ ދުވަހު ފޮނުއްވި އެ ސިޓީގެ ޖަވާބު އަދި ލިބިފައި ނުވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އެކަމާއި ގުޅިގެން މިނިސްޓަރު އަމީން، ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ފޮނުއްވި މެމޯއެއްގަ ވިދާޅުވެފައި ވަނީ އަންހެން ކުދިން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެއީ ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށާއި އެހެންކަމުން އެކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.  

ރާއްޖޭގައި ބައެއް އަންހެން ކުދިން ހިތާނުކުރާ ކަމަށް އާންމުންގެ ތެރޭގައި ވާހަކަދެކެވެ އެވެ. އަންހެން ކުދިން ހިތާނުކުރުމަކީ ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވާ ކަމަކަށްވާތީ ސިއްހީ މާހިރުން ގެންދަވަނީ އެކަން ނުކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް