އިއްޔެ މީޑިއާ ތަކަށް ތިލަ ވެގެންދިޔައީ ފްރޮންޓްލައިން އެލަވަންސް ގެ ގޮތުގައި 280 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނި ހަބަރުތަކެވެ.
އެހެން ނަމަވެސް މި އެލަވަންސް މިފަހަރުވެސް މި ލިބުނީ ވަކި ބަޔަކަށެވެ. އެކި މީހުންނަށް އެކި ވަރަށެވެ. ބައެއް މީހުންނަށް 70،000 އެލަވަންސް ގެ ގޮތުގައި މިދިޔަ މަހު މުސާރަ ދިން އިރު ޖަމާވި ކަމަށް ވެއެވެ. އަދި އެއްބަޔަކަށް ޖަމާވީ 1،000 ނުވަތަ 2،000 ރުފިޔާ އެވެ.
އެކަމާއި ގުޅިގެން ގިނަ ނަރުހުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. ވަކި ބަޔަކަށް ވަކި ގޮތެއް ވެގެންދާތީ ބައެއް ނަރުހުން ވަނީ މިކަމާއި އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.
ސީއެންއެމް އަށް ވާހަކަ ދައްކަމުން މޯލްޑިވިއަން ނާރސަސް އެސޯސިއޭޝަންގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ، ކޮވިޑް އެލަވަންސް މިދިޔަ މަހުގެ މުސާރަ އާއެކު އެ ޖަމާވީ ސީދާ އެއް އަހަރަށް ވުރެއް ގިނަ ދުވަސްވީ ފަހުން ކަމަށެވެ.
"މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހަށް ނުދީ ހުރި އެލަވަންސް އެ ދިނީ، އެކަމު އެކި ވަރަށް އެކި މީހުންނަށް" އޭނާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ، ލިބުން އިރުގައި ވެސް ފްރޮންޓްލައިންގައި މަސައްކަތްކުރާ އެކި ފަރާތްތަކަށް އެކި އަދަދުން ޖަމާވެފައިވާކަމަށާއި މިކަން ހަގީގަތުގައި ވެގެންވާނީ މިފަދަ ގޮތަކަށް ނޫން ކަމަށެވެ.
މާލޭ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގެ ވެސް ނަރުހުންނަށް ކޮވިޑް އެލަވަންސް ނުދޭކަން ފާހަގަކޮށްލެވެއެވެ.
މިކަން މިގޮތަށް ވެފައިވަނިކޮށް ރޭ ވަނީ އައިޖީއެމްއެޗްގެ އެޗްއާރު ހިމެނޭ ސަރަހައްދުގައި ބައެއް ނަރުހުން އެއްވެ އަމާން އިޖުތިހާދެއްވެސް ކޮށްފައެވެ. އެ ނަރުހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވީ ފްރޮންޓް އެލަވަންސް ޝީޓްތައް ފިނޭންސް މިނިސްޓްރީ އަށް ވާނީ ފޮނުވާފައޭ ކިޔާ ލޮލުގައި އަނދުން އެޅުވުމެވެ.
އެ ސަރަހައްދުން ވާހަކަ ދެއްކި ނަރުހެއް ބުނީ، ކޮންމެ ފަހަރަކުވެސް އަހާ އިރަށް ޝީޓްތައް ވާނީ ފޮނުވާފައި ކަމަށް ބުނާ ކަމަށާއި އެކަމު މިއަދު އެއީ ދޮގުކަން ފަޅާއަރާފައިވާ ކަމަށެވެ.
މީގެ ކުރިން މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވެސް ފްރޮންޓްލައިން އެލަވަންސް ނުދީގެން ނަރުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީއަކަށް ބަހައި ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ.
އޭގެ ތެރޭގައި ހައި ރިސްކް ކެޓަގަރީ ނުވަތަ ކޮވިޑް ޖެހިފައިވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެނީ 500 ރުފިޔާއެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި ކޮންޓެކްޓް ނުވިއަސް އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ މީހުންނަށް ކޮންމެ ދުވަހަކަށް 250 ރުފިޔާ ދޭން ނިންމިއެވެ. އަދި އެޗްއީއޯސީގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ނަމަ ދުވާލަކު 200 ރުފިޔާގެ މަގުން ދޭނެ ކަމަށް ބުނެފައިވެ އެވެ.