ads
ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހޯމް ސްޓޭއަށް ދޫކުރެވޭނީ 120އަކަ ފޫޓުގެ ގިނަވެގެން ވަކިވަކި 5 ކޮޓަރި
ހޯމް ސްޓޭގެ ގޮތުގައި އަންނަ މަހު ހިންގަން ފަށާ ޓޫރިސްޓު ގެސްޓު ހައުސްތަކުގެ ކޮޓަރިތަކުގެ ބޮޑު މިނުގައި 120 އަކަ ފޫޓުގެ ހުންނަ ގޮތަށްކަމަށް ކަނޑައަޅައި ޓޫރިސްޓު ގެސްޓު ހައުސް ހިންގުމުގެ ގަވައިދު އާއްމުކޮށްފި އެވެ.

ހޯމް ސްޓޭގެ ގެސްޓު ހައުސްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ބަޔާންކޮށް އެގަވާއިދުގައި ބުނެފައިވާގޮތުން، ކޮންމެ ކޮޓަރިއެއް ވެސް ހުންނަންވާނީ، އެ ގެއެއްގެ ނުވަތަ އިމާރާތުގެ ގޯތިތެރެއިން ނުވަތަ ކޮމަން އޭރިއާއަކުން ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރު ހަރުކޮށްފައެވެ. ނަމަވެސް އިންޓަ -ކަނެކްޓިން ކޮޓަރީގެ ބޭނުމަށް އެއްކޮޓަރިން އަނެއް ކޮޓަރިއަށް ދެވޭގޮތަށް އިތުރު ދޮރެއް ހަރުކުރެވިދާނެއެވެ.

ކޮޓަރީގެ ބޮޑުމިނުގައި، ފާހާނާ ހިމެނޭގޮތަށް، މަދުވެގެން 120 އަކަފޫޓު ހުންނަންވާނެއެވެ. ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި މަދުވެގެން ވަކި އެއްކޮޓަރި އަދި ގިނަވެގެން ފަސް ކޮޓަރިއާ ހަމައަށް، ފަތުރުވެރީން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ހާއްސަކޮށްފައި ހުންނަން ޖެހެއެވެ. 

ކޮންމެ ކޮޓަރިއެއް ވެސް ކަނޑައެޅޭނީ ޑަބަލް ރޫމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އިތުރު އެނދެއް ވެއްދުމާއެކު ތިން މީހުން ބޭތިއްބިދާނެއެވެ. ނުވަތަ، ކޮޓަރީގައި އާއިލާއެއް ބައިތިއްބާ ހާލަތުގައި ދެމީހުންގެ އިތުރުން، ކުޑަ ދެކުދިން ބޭތިއްބިދާނެއެވެ. ކޮންމެ އެނދެއްގައި ވެސް، އެނދުގެ ބޮޑުމިނާ އެކަށީގެންވާ ގޮދަޑިއަކާއި، ބެޑްޝީޓަކާއި، ގައިމަތީގައި އަޅާނެ ފޮތިގަނޑަކާއި، މަދުވެގެން ދެ ބާލީސް އޮންނަންވާނެއެވެ.

ކޮންމެ ކޮޓަރިއެއްގައި ރަނގަޅަށް އަލި ލިބޭގޮތަށް އެންމެ ކުޑަވެގެން ތިން ފޫޓު ފޫޓުގެ މޫނުބަލާ ލޯގަނޑެއް ހުންނަންވާނެއެވެ. އަދި ކޮނޑުގައި ހެދުން އެޅުވޭގޮތަށް އަލަމާރިއަކާއި ލަގެޖް ބަހައްޓާނެ އެއްޗެއް ހުންނަންވާނެއެވެ.

އަދި ކޮޓަރީގެ ދޮރުގައި، ރަނގަޅަށް ތަޅުލެވޭ، ތަޅުދަނޑިން ނުވަތަ އިލެކްޓްރޯނިކް އާލާތަކުން އޮޕަރޭޓްކުރާ ތަޅެއް ހަރުކޮށްފައި ހުންނަންވާނެއެވެ. ކޮންމެ ދޮރެއްގައި، އެތެރެއިން ބޭރު ފެންނާނޭހެން އަދި ބޭނުންވެއްޖެނަމަ އެތެރެއިން ބަންދުކުރެވޭ ފަދަ ޑޯ ވިއުވައެއް ނުވަތަ ޕީޕްހޯލެއް ހުންނަންޖެހޭއިރު އެތެރެއިން ތަންޑު އެޅުވުމުން ބޭރުން ދޮރު ނުހުޅުވޭނެ ފަދަ ބެރެލް ބޯލްޓް ނުވަތަ ޗެއިން ލޮކް ތަންޑެއް ހަރުކޮށްފައި ހުންނަން ޖެހެއެވެ. 

ކޮޓަރީގައި ހުންނަންޖެހޭ އިތުރު ވަސީލަތްތައް

  • އިންޓަ ކަނެކްޓިން ދޮރުތަކުގެ ދެފަރާތުގައި ވެސް އެއްފަރާތުން ތަންޑު އެޅުމުން އަނެއް ފަރާތުން ދޮރު ނުހުޅުވޭނެ ފަދަ ބެރެލް ބޯލްޓް ނުވަތަ ޗެއިން ލޮކް ތަންޑެއް ހަރުކޮށްފައި ހުރުން
  • ވައި ދައުރުވެ ޤުދުރަތީ އަލިކަން ލިބޭނޭހެން ކޮޓަރީގައި ހުޅުވައި ލައްޕާ އަދި ރަނގަޅަށް ތަޅުވޭގޮތަށް ކުޑަދޮރެއް ނުވަތަ ފެން ލައިޓެއް ހުރުން
  • ކޮޓަރީގައި އެކަށީގެންވާ ވަރަށް އަލި ލިބޭނެ ގޮތަށް ބޮކި ހަރުކޮށްފައި ހުރުން އަދި ނިދާ ބޮކީގެ ގޮތުގައި އަލި ގަދަކޮށް މަޑުކުރެވޭގޮތަށް މަދުވެގެން އެއް ބޮކި ހުރުން. މީގެ އިތުރުން، ފަސޭހައިން ކަރަންޓު ނެގޭނެގޮތަށް ކަރަންޓް ސޮކެޓް ހުންނަންވާނެއެވެ. 
  • އެއަ ކޮންޑިޝަން ކުރާނަމަ، ފިނިހޫނުމިން ކޮންޓްރޯލު ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައި ހުރުން ނުވަތަ އެނބުރޭ ބާރުމިން ކޮންޓްރޯލްކުރެވޭ ގޮތަށް ފަންކާއެއް ހަރުކޮށްފައި ހުރުން
  •  އިމަޖެންސީ ހާލަތެއްގައި ބޭނުންކުރެވޭ ގޮތަށް ކޮޓަރީގައި ޓޯޗު ބައްތިއެއް އޮތުން އަދި އިމަޖެންސީ ހާލަތުގައި ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި، ކުރެހުމާއި، މުހިންމު ނަންބަރުތައް ކޮޓަރީގެ ދޮރުގެ އެތެރެފަރާތުގައި ހަރުކޮށްފައި ހުރުން
  • ޕާސްޕޯޓާއި، ފައިސާއާއި، މިފަދަ އެހެން ތަކެތި ކޮޓަރީގައި ރައްކައުކުރެވޭ ގޮތަށް ރޫމް ސޭފްއެއް ނުވަތަ ތަޅުލެވޭ ސެކިއުރިޓީ ބޮކްސެއް ހުރުން
  • ކޮންމެ ކޮޓަރިއެއްގައި، ސާފު ބޯފެން، ދުވާލަކަށް މަދުވެގެން  ދެ ލީޓަރުގެ މަގުން ލިބެން ހުރުން
  • މަދުވެގެން ކޮންމެ މީހަކަށް ތުވާޔެއްގެ މަގުން ތުވާލި ފޯރުކޮށްދިނުން 
  • ކޮޓަރީގައި ނުވަތަ ފާޚާނާގައި މަތިޖަހައި ލެއްޕޭގޮތަށް، ކުނިއަޅާ ވަށިގަނޑެއް ހުރުން

ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ފާޚާނާ ތައް ހުންނަންޖެހޭނެ މިންގަނޑުތައް ވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. 

އެގޮތުން ކޮންމެ ކޮޓަރިއެއްގައި، ކޮޓަރީގެ އެތެރެއިން ވަދެވޭގޮތަށް ވަކި ފާހާނާއެއް ހުންނަންޖެހޭއިރު، ފާޚާނާގައި ވައި ދައުރުވެ ޤުދުރަތީ އަލިކަން ލިބޭނޭހެން ހުޅުވައި ލެއްޕޭގޮތަށް ފެން ލައިޓެއް ނުވަތަ ވައި ދައުރުކުރާ ނިޒާމެއް ހުންނަންޖެހެއެވެ.

އަދި ފާހާނާގެ ތަޅުމާއި ބިތްތަކުގައި ހުންނަންވާނީ، ކައްސައިނުލާނެ ފަދަ ރަނގަޅު ފިނިޝިންއެކެވެ. އަދި ތަޅުން ފަސޭހައިން ފެން ހިނދޭނޭ ގޮތަކަށް ހުންނަންޖެހޭއިރު، ފާޚާނާތަށްޓާއި މޫނުދޮންނަ ތަށި ހިމެނޭބައި ހުންނަންވާނީ، ފެންވަރާ ބަޔާ ވަކިން ކަމަށް ގަވާއިދުގައިވެއެވެ. މީގެ އިތުރުން މި ފަދައިން ވަކިކުރުމަށް ޝަވަ ކަޓެއިންއެއް ފަދަ އެއްޗެއް ބޭނުންކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ކަންކަމުގެ އިތުރުން، ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސް ހަދައިފައި ހުންނަންވާނީ، ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވުރެ ދަށްނުވާ ގޮތަށެވެ. މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދަ ދޭނީ، އެ ތަނެއް ހަދައިފައި ހުންނަ ރަށުގައި ނުވަތަ ސިޓީގައި، ވަކި ޝަރުތުތަކެއްވެސް ފުރިހަމަވެގެންނެވެ. 

އެގޮތުން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ޓޫރިޒަމް ޑެސްކެއް ހުންނަން ޖެހެއެވެ. މި ޑެސްކުގެ ވެރިއެއްގެ ގޮތުގައި އައިލެންޑް ޖެނެރަލް މެނޭޖަރަކަށް ކައުންސިލުން ކަނޑައަޅާ މީހަކު ހަމަޖައްސައިފައި ހުންނަންޖެހެއެވެ.

ރަށުގައި ފަތުވެރިކަމުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގާނެ ގޮތާއި، ފަތުރުވެރީން އާންމު ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރަށުގައި ޢަމަލުކުރާނެ އުސޫލެއް ކައުންސިލުން އެކުލަވައިލައިފައި އޮންނަންޖެހެއެވެ.

އެންމެ މަދުމިންވަރަކަށް، ރޯދަމަސްވެސް ހިމެނޭ ގޮތަށް، އާންމުކޮށް ކައިބޮއި އުޅޭ ހުރިހާ ވަގުތެއްގައި ކެއިންބުއިމުގެ ހިދުމަތާއި ދޮވެއިސްތިރިކުރުމުގެ ހިދުމަތް، އެ ކަންކަމަށް ކަނޑައެޅިފައިވާ ހުއްދަތައް އޮތް ފަރާތެއް މެދުވެރިކޮށް ރަށުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންޖެހޭއިރު މިކަން ކައުންސިލުން ނުވަތަ ރަށުގެ ޓޫރިޒަމް ޑެސްކުން ކަށަވަރުކުރަން ޖެހެއެެވެ. 

ގަވާއިދަށް ގެނައި އާ އިސްލާހާއިއެކު ހޯމްސްޓޭއަށް ތަންތަން ދޫކުރުމުގެ ހުއްދަ ދޫކުރާނީ ފަސް އަހަރަށެވެ. އަދި ޓޫރިޒަމް ގުޑްސް އެންޑް ސަވިސަސް ޓެކްސް ދެއްކުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުން އެތަންތަނުގެ ހުއްދައަށް އެދޭއިރު ވެރިފަރާތުން ހުށަހަޅަންޖެހޭނެ ކަމަށް ގަވާއިދުގައި ވެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް