ads
ޓީޖެޓީ
މާލޭ ސިޓީ ކައުންސިލާއި ޓީ ޖެޓީ ހަވާލުނުކުރުމުން މައްސަލަ ކޯޓަށް
އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ މާލޭ ސިޓީ ކައުންސިލާއި ހަވާލުކުރަން ދިން މުއްދަތުގައި އެކަން ކޮށްފައި ނުވާތީ، އެމްޕީއެލްއާއި ދެކޮޅަށް ކައުންސިލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން އެކަން ހާމަކޮށް މިއަދު ބުނީ އެމައްސަލަ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. 

މިދިޔަ ޑިސެމްބަރުމަހު މާލޭ ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ އެކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ޓީޖެޓީ އެމްޕީއެލްގެ ބެލުމުގެ ދަށުން ނަގައި އެތަން ހިންގުން ސިޓީ ކައުންސިލަށް ބަދަލުކުރުމަށެވެ. 

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، ނަރީޝް "ސީއެންއެމް" އަށް އެދުވަހު ވިދާޅުވީ، ލާމަރުކަޒީ ގާނޫނާއި އެއްގޮތަށް މާލޭގެ އިހްތިސާސް ތެރޭގައި ހިމެނޭ ޓީޖެޓީ ބެލެހެއްޓެން ވާނީ ސިޓީ ކައުންސިލަށް ކަމަށެވެ. އެއީ އެމްޕީއެލުން ހިންގަން ޖެހޭތަނެއް ނޫން ކަމަށެވެ. އަދި ކައުންސިލުގެ އިހްތިސާސް ކަނޑައެޅުމަށް ސަރުކާރުގެ މުވައްސަސާތަކަށް އެކިފަހަރު މަތިން މަސައްކަތް ކޮށް ލިޔެކިޔުންތައް ފޮނުވިއްޖެ ކަމަށާއި، އެއްވެސް ތަނަކުން އެކަމަށް އެއްބާރުލުން ނުލިބޭ ކަމަށެވެ. 

ޕްލޭނިން މިނިސްޓްރީން އެމްޕީއެލްއަށް ޓީ ޖެޓީ ދިނީ ތިން އަހަރަށްކަން ފާހަގަކުރަމުން ނަރީޝް ވިދާޅުވީ އެ މުއްދަތު މިހާރު ހަމަވެއްޖެ ކަމަށާއި އެތަން ނަގަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. އެގޮތުން ކޯޓަށް ގޮސްގެންވެސް އެތަން ހޯދާނެކަމަށް އޭރު ވިދާޅުވެފައިވެއެވެ.

އެ އެއްބަސްވުން ހެދިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ޖެޓީ ސިޓީ ކައުންސިލަށް ހޯދުމަށް ހަތަރު ފަހަރު ސަރުކާރަށާއި އެމްޕީއެލްގައި ހަތަރު ފަހަރު އެދިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުން އެކަމަށް ދެކޮޅު ހަދާކަމަށެވެ. 

ނަމަަވެސް އެމްޕީއެލް އިން ބުނަނީ އެ ކުންފުންޏާއި ޓީޖެޓީ ހަވާލުކޮށްފައިވަނީ އެމްއޯޔޫއެއްގައި ސޮއިކޮށް 2015 ވަނަ އަހަރު ހައުސިން މިނިސްޓްރީން ކަމަށެވެ. އަދި އެތަން އެ ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ ހައުސިން މިނިސްޓްރީއަށް ކަމަށެވެ.

 

ޓީޖެޓީ އެމްޕީއެލް ދަށުން ނަގާ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކުރަން އެ ކައުންސިލުން ވަކާލާތު ކުރަމުންދާއިރު، އެކައުންސިލުން ވަނީ ހުޅުމާލެއަށް ދޫކޮށްފައިވާ ރަޖިސްޓްރީ ވެސް ބާތިލް ކޮށްފައެވެ. ސިޓީ ކައުންސިލާއި އެޗްޑީސީއާއި ދެމެދު މިކަމުގައި ބޮޑު ކޯޅުމެއް އުފެދުނުއިރު، އެ ނިންމުން މަޑު ޖައްސާލުމަށް ކައުންސިލަށް ކޯޓުން އަންގާފައިވީނަމަވެސް ސިޓީ ކައުންސިލުން ވަނީ ކޯޓުގެ އެ ނިންމުން އިސްތިއުނާފުވެސް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;