ads
މ. ދިއްގަރު މޫރިތިގެ——ފޮޓޯ: މިހާރު
ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ތައާރަފު ކޮށްފި
ހޯމް ސްޓޭގެ ގޮތުގައި ޓޫރިސްޓު ގެސްޓު ހައުސް ހިންގަން ރާއްޖޭގައި މިއަދު ފަށައިފި އެވެ.
Advertisement

ހޯމް ސްޓޭގެ ގޮތުގައި ޓޫރިސްޓު ގެސްޓު ހައުސް ހިންގުމުގެ ހުއްދަދީ ޓޫރިސްޓުންނަށް މަރުހަބާ ކިޔާފައިވަނީ މ. ދިއްގަރު ތިން ކޮޓަރީގެ "މޫރިތި" ނަމަކަށް ކިޔާ ގެއެކެވެ. ޓްއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވަނީ އެ ގޭގައި ޓްއަރިސްޓުން ބައިތިއްބުމުގެ ލައިސެންސް އެ ގޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.

ހޯމް ސްޓޭގެ ފުރަތަމަ ޓޫރިސްޓުންނަށް ދިއްގަރުން މިއަދު ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ފުރަތަމަ ޓޫރިސްޓުންގެ ގޮތުގައި އެ ރަށަށް މިއަދު ގޮސްފައިވަނީ ޔޫކޭގެ ދެމަފިރިއަކާއި އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތުރިން ހެސްވެލް އެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދާއި މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހޯމް ސްޓޭގެ ގެސްޓު ހައުސްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ބަޔާންކޮށް ގަވާއިދަށް ގެނެވުނު އާ އިސްލާހު އާއްމުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހުއެވެ.

އެގަވާއިދުގައި ވާގޮތުން ހޯމް ސްޓޭއަށް ދޫކުރާ ގޭގައި ކޮޓަރީގެ ބޮޑުމިނުގައި، ފާހާނާ ހިމެނޭގޮތަށް، މަދުވެގެން 120 އަކަފޫޓު ހުންނަންވާނެއެވެ. ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި މަދުވެގެން ވަކި އެއްކޮޓަރި އަދި ގިނަވެގެން ފަސް ކޮޓަރިއާ ހަމައަށް، ފަތުރުވެރީން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ހާއްސަކޮށްފައި ހުންނަން ޖެހެއެވެ. 

ކޮންމެ ކޮޓަރިއެއް ވެސް ކަނޑައެޅޭނީ ޑަބަލް ރޫމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އިތުރު އެނދެއް ވެއްދުމާއެކު ތިން މީހުން ބޭތިއްބިދާނެއެވެ. ނުވަތަ، ކޮޓަރީގައި އާއިލާއެއް ބައިތިއްބާ ހާލަތުގައި ދެމީހުންގެ އިތުރުން، ކުޑަ ދެކުދިން ބޭތިއްބިދާނެއެވެ. ކޮންމެ އެނދެއްގައި ވެސް، އެނދުގެ ބޮޑުމިނާ އެކަށީގެންވާ ގޮދަޑިއަކާއި، ބެޑްޝީޓަކާއި، ގައިމަތީގައި އަޅާނެ ފޮތިގަނޑަކާއި، މަދުވެގެން ދެ ބާލީސް އޮންނަންވާނެއެވެ.

ކޮންމެ ކޮޓަރިއެއްގައި ރަނގަޅަށް އަލި ލިބޭގޮތަށް އެންމެ ކުޑަވެގެން ތިން ފޫޓުގެ މޫނުބަލާ ލޯގަނޑެއް ހުންނަންވާނެއެވެ. އަދި ކޮނޑުގައި ހެދުން އެޅުވޭގޮތަށް އަލަމާރިއަކާއި ލަގެޖް ބަހައްޓާނެ އެއްޗެއް ހުންނަންވާނެއެވެ.

އަދި ކޮޓަރީގެ ދޮރުގައި، ރަނގަޅަށް ތަޅުލެވޭ، ތަޅުދަނޑިން ނުވަތަ އިލެކްޓްރޯނިކް އާލާތަކުން އޮޕަރޭޓްކުރާ ތަޅެއް ހަރުކޮށްފައި ހުންނަންވާނެއެވެ. ކޮންމެ ދޮރެއްގައި، އެތެރެއިން ބޭރު ފެންނާނޭހެން އަދި ބޭނުންވެއްޖެނަމަ އެތެރެއިން ބަންދުކުރެވޭ ފަދަ ޑޯ ވިއުވައެއް ނުވަތަ ޕީޕްހޯލެއް ހުންނަންޖެހޭއިރު އެތެރެއިން ތަންޑު އެޅުވުމުން ބޭރުން ދޮރު ނުހުޅުވޭނެ ފަދަ ބެރެލް ބޯލްޓް ނުވަތަ ޗެއިން ލޮކް ތަންޑެއް ހަރުކޮށްފައި ހުންނަން ޖެހެއެވެ. 

މި ކަންކަމުގެ އިތުރުން، ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސް ހަދައިފައި ހުންނަންވާނީ، ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށްވުރެ ދަށްނުވާ ގޮތަށެވެ. މި ގަވާއިދުގެ ދަށުން ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދަ ދޭނީ، އެ ތަނެއް ހަދައިފައި ހުންނަ ރަށުގައި ނުވަތަ ސިޓީގައި، ވަކި ޝަރުތުތަކެއްވެސް ފުރިހަމަވެގެންނެވެ. 

އެގޮތުން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ޓޫރިޒަމް ޑެސްކެއް ހުންނަން ޖެހެއެވެ. މި ޑެސްކުގެ ވެރިއެއްގެ ގޮތުގައި އައިލެންޑް ޖެނެރަލް މެނޭޖަރަކަށް ކައުންސިލުން ކަނޑައަޅާ މީހަކު ހަމަޖައްސައިފައި ހުންނަންޖެހެއެވެ.

ރަށުގައި ފަތުވެރިކަމުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގާނެ ގޮތާއި، ފަތުރުވެރީން އާންމު ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރަށުގައި ޢަމަލުކުރާނެ އުސޫލެއް ކައުންސިލުން އެކުލަވައިލައިފައި އޮންނަންޖެހެއެވެ.

އެންމެ މަދުމިންވަރަކަށް، ރޯދަމަސްވެސް ހިމެނޭ ގޮތަށް، އާންމުކޮށް ކައިބޮއި އުޅޭ ހުރިހާ ވަގުތެއްގައި ކެއިންބުއިމުގެ ހިދުމަތާއި ދޮވެއިސްތިރިކުރުމުގެ ހިދުމަތް، އެ ކަންކަމަށް ކަނޑައެޅިފައިވާ ހުއްދަތައް އޮތް ފަރާތެއް މެދުވެރިކޮށް ރަށުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންޖެހޭއިރު މިކަން ކައުންސިލުން ނުވަތަ ރަށުގެ ޓޫރިޒަމް ޑެސްކުން ކަށަވަރުކުރަން ޖެހެއެެވެ. 

ގަވާއިދަށް ގެނައި އާ އިސްލާހާއިއެކު ހޯމްސްޓޭއަށް ތަންތަން ދޫކުރުމުގެ ހުއްދަ ދޫކުރާނީ ފަސް އަހަރަށެވެ. އަދި ޓޫރިޒަމް ގުޑްސް އެންޑް ސަވިސަސް ޓެކްސް ދެއްކުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުން އެތަންތަނުގެ ހުއްދައަށް އެދޭއިރު ވެރިފަރާތުން ހުށަހަޅަންޖެހޭނެ ކަމަށް ގަވާއިދުގައި ވެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް