
މޭރީ ގުރޭސްގެ މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ދެ މީހުންނެވެ. އެއީ ގްރޭސްގެ ފިރިމީހާ އުމުރުން 29 އަހަރުގެ މާވިން އާއި އޭނޭގެ ދިވެހި ލޯބިވެރިޔާ އުމުރުން 24 އަހަރުގެ ހަލީމަތު ލަމްހާ އެވެ. ލަމްހާއަކީވެސް އައިޖީއެމްއެޗުގައި މަސައްކަތްކުރާ ނަރުހެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ސޯޅަ ވަނަ ދުވަހު ލަމްހާ ހައްޔަރުކޮށް ބަންދަށް ވަނީ ފަނަރަ ދުވަސް ޖަހާފައެވެ. ލަމްހާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފައިވަނީ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ.
ފުލުހުން ލަމްހާއަށް ގިނަ ތުހުމަތުތަކެއްކުރާއިރު އޭގެ ތެރޭގައި މޭރީ ގުރޭސް މަރާލަން ރޭވުން ހިމެނެއެވެ.
އެ މައްސަލާގައި އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ އެ އަންހެން މީހާ މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށެވެ. ނަމަވެސް އެ މީހާގެ މަރުގައި "ޝައްކު" ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުން ނިންމިއެވެ.
އަދި އަވައްޓެރި އިންޑިއާ އަށް އެ އަންހެން މީހާގެ ހަށިގަނޑު ފޮނުވައިގެން އަންހެން މީހާގެ ޕޯސްޓްމޯޓަމް ހެދިއެވެ. އަންހެން މީހާގެ ހަށިގަނޑު ރާއްޖެ ގެނައުމަށްފަހު ފިލިޕީންސަށް ވަނީ ފޮނުވާލައިފައެވެ.
އެމަރާ ގުޅިގެން ފުލުހުން މީގެކުރިން ބުނީ އެ އަންހެން މީހާ މަރުވީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެމީހާ މަރުވީ "ބްލަންޓް އިންޖަރީ" ނުވަތަ އެއްޗެއް ބޭނުން ކޮށްގެން މީހަކު ދިން އަނިޔާއެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.