ads
ރާއްޖެތެރޭ ރަށެއް----
ރަށުގައި އުޅޭތާ 3 އަހަރު ނުވިޔަސް "ގެދޮރުވެރިޔާ ލޯނު" ލިބޭ ގޮތަށް ހަދައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަތޮޅުތެރޭގައި ގެދޮރުއެޅުމަށް ހާއްސަކޮށްގެން، މިދިޔަ އަހަރު ހުޅުވާލި ގެދޮރުވެރިޔާ ލޯނު ދޫ ކުރުމުގައި ބޮޑު ލުޔެއް ދިނުމަށް ފަހު ލޯނު ދޫކުރާ އުސޫލަށް ބަދަލު ގެނެސްފި އެވެ.
Advertisement

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުވާލި "ގެދޮރުވެރިޔާ ލޯން" ސްކީމްގެ ދަށުން، ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ ތިން އަހަރުވާން ޖެހޭނެކަމަށް އޮތް ޝަރުތު ބަދަލުކޮށް ރަށުގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ނުވިޔަސް ލޯނު ލިބޭ ގޮތަށް އެޗްޑީއެފްސީން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އެޗްޑީއެފްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޝަރުތު ހައުސިން މިނިސްޓްރީން އިން މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އުވާލާފައިވާ ކަމަށެވެ. އެހެންކަމުން އެ ލޯން ސްކީމަށް ދެން ރަށެއްގައި އުޅޭތާ ތިން އަހަރު ނުވިޔަސް ކުރިމަތިލެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ. 

އަދި، އެ ބަދަަލާއިއެކު މިހާތަނައް "ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވުން" މި ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ލޯނު ރިޖެކްޓް ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އަލުން ކުރިއަށް ގެންދިޔުމަށް ބޭނުންވާނަމަ، އެފަރާތްތަކުން ހުށަހަޅާފައިވާ އެޕްލިކޭޝަން އަލުން ހުށަހެޅުމުން ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ. 

އެކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެކުންފުނީގެ ނަންބަރު 3334666, 3000130 ,3000129 އާއި ގުޅުއްވުމަށް ވަނީ އެދިފައެވެ. 

އެގޮތުން އެޗްޑީއެފްސީ މެދުވެރިކޮށް ކުރިއަށް ގެންދާ މި ލޯން ސްކީމްގެ ދަށުން ގެދޮރު ހެދުމަށް ފަސްލައްކަ ރުފިޔާ އާ ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ނެގޭއިރު، ލޯނު ދެއްކުމަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ލިބިގެންދާނެއެވެ.

ލޯނުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި 12 މަހާއި 15 މަހާއި ދެމެދުގެ މުއްދަތެއް ލިބޭއިރު، ރާއްޖޭގެ ކޮންމެ ރަށެއްގެ މީހަކަށް ވެސް މި ލޯނަށް އެދި ލެވޭނެއެވެ. 

ލޯނަށް އެދި ލާންޖެހޭނީ ދެ ފަރާތުންނެވެ. ލޯނަށް އެޕްލައި ކުރުމުގައި އެމީހާގެ އާމްދަނީއާ އެމީހާ އެތަނަށް ލާން ޖެހޭ އިކުއިޓީގެ މިންވަރެއް ހުންނާނެއެވެ. އިކުއިޓީ މިންވަރެއްގެ ގޮތުގައި ލާން ޖެހެނީ 20 އިންސައްތައެވެ.

މިދިޔަ އަހަރު މި ލޯން ތައާރަފު ކުރުމަށްފަހު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ލޯނުގެ ސަބަބުން އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ ޒުވާނުން ހަދަން ފަށައި ނުނިމި ހުރި ގެދޮރު ނިންމާލުމުގެ އިތުރުން އަލުން ގެ އަޅަން ބޭނުންވާ ފަރާތްތަކާއި ގެދޮރު އާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ފަހިވެގެން ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް