ދިވެހި މޮޑެލް ރައުދާ އާތިފް ބަންގާޅުގައި ދަންޖެހި މަރުވެފައި ހުއްޓާ ފެނުނު މައްސަލައިގެ ތަހުގީގުގައި އޭސީޕީ ރިޔާޒް ބައެއްކަންކަން އޮޅުވާލާފައިވާ ކަމަށް ރައުދާގެ ބައްޕަ މުހައްމަދު އާތިފް އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި މީގެ އިތުރުން ދެކުނުގެ ރަށެއްގައި ދެ އަހަރުން ދަށުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހިމެނޭ ބަޔަކާއި ވެސް އޭސީޕީ ރިޔާޒް ގުޅުން އޮންނަކަމަށް ބުނެ ސޯޝަލްމީޑިއާގައި ވަނީ ބައެއް ފަރާތްތަކުން އަޑުއުފުލާފަ އެވެ.
އެވާހަކަތަކާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ރައުދާގެ މަރުގެ މައްސަަލަ އަކީ ބަންގްލަދޭޝް ފުލުހުންގެ ފަރާތުންނާއި، ގޮތްނޭންގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޝަނުގެ އިތުރުން ދިވެހި ފުލުހުންގެ ފަރާތުން ވަކިވަކިން ތަހުގީގު ކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ ތިން ފަރާތުން ކުރި ތަހުގީގުގައިވެސް އާދެވިފައިވަނީ އެއް ނިންމުން ތަކެއްގެ މައްޗަށް ކަން ފާހަގަކޮށް ފުލުހުން ބުނެފައިވަނީ، އެ މައްސަލަ ތަހުގީގު ހިންގުމުގައި އުޅުނު ފަރާތަކާއި އަދި އެ ތަހުގީގު ކުރި ގޮތާ ބެހޭގޮތުން މީޑިއާގައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކަތަކެއް ނޫންކަމަށެވެ.
މީގެ އިތުރުން ދެކުނުގެ ރަށެއްގައި ދެ އަހަރު ނުފުރޭ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ހިމެނޭ އެއްވެސް މީހަކާއި އޭސީޕީ ރިޔާޒާއި އެއްވެސް ގުޅުމެއް ނެތްކަމަށް ފުލުހުން ބުނެއެވެ. އަދި ސޯޝަލްމީޑިއާގައި ބަޔަކު ފަތުރާފައިވާ ވާހަކަތަކަކީ ހަގީގަތެއްނެތް ވާހަކަތަކެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.