ads
ދިވެހިންނަށް ވެސް ނުރައްކާތެރި ވަގުތެއް، މިކަމުން އަރައިގަންނާނީ ކިހިނެއް؟
ކޮލެރާއާއި ސިގެއްލާ ފަދަ ނުރައްކާތެރި ބަލިތަކުން ދިވެހިން ސަލާމަތްވީ އެ ދުވަސްވަރު އެންމެން ގުޅިގެން ކުރި މަސައްކަތުންނެވެ. ސުނާމީގައި 2004 ވަނަ އަހަރު ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތަކުން ދިވެހިންނަށް އަރައިގަނެވުނީ ވެސް އެންމެން ގުޅިގެން ކުރި މަސައްކަތުންނެވެ. މިވަގުތަކީ ވެސް ދިވެހިންނަށް ނުރައްކާތެރި އަދި ގެއްލުންތަކެއް ކުރިމަތިކުރާނެ ކަމަށް ބެލެވޭ މައްސަލަތަކެއް ކުރިމަތީގައިވާ ވަގުތެކެވެ.

އެގޮތުން ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި ނުވަތަ މީސްލްސް އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފެށުމަކީ އެތައް ބައެއްގެ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ. ހިމަބިހި ރާއްޖެއިން ނައްތާލާފައިވާ ކަމުގެ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ 7 ސެޕްޓެންބަރު 2017 ގައެވެ. އޭގެ ދެ އަހަރު ފަހުން އަލުން ހިމަބިހި ރާއްޖެއިން ފެނި ތިން އަހަރުގެ ކުޑަ ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް 6 މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވުމަކީ ސަމާލުވާން ޖެހޭ ސިއްހީ ބޮޑު މައްސަލަ އެކެވެ. ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް މިމަހުގެ 13 ވަނަ ދުވަހު ދިވެހި ސަރުކާރުން ރަސްމީކޮށް އިއުލާންކުރީ ވެސް މިކަމަށް ހައްލުތަކެއް ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭތީ ކަމަށް ގަބޫލުކުރެވެ އެވެ. 

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ހިމަބިއްސަކީ ވައިގެ ޒަރިއްޔާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ބައެއް ހާލަތްތަކުގައި މިއީ މަރު ބައްޔަކަށް ވިޔަސް އެމްއެމްއާރު އަދި އެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ނަމަ ހިމަބިއްސަށް ޕޮޒިޓިވްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށްވެސް ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެކަމަކު ހިތާމަޔަކީ ބައެއް މައިންބަފައިން ފަރުވާ ކުޑަވުމުގެ ސަބަބުން ބައެއް ކުދިން ވެކްސިންގެ ޑޯޒް ފުރިހަމަ ނުކޮށް ހުރުމެވެ. އަދި ބައެއް މީހުން ގަބޫލުކުރާ ދީނީ ހަރުކަށި އުސޫލުތަކަކާ ގުޅިގެން އެމީހުންގެ ދަރިންނަށް ގަސްދުގައި ވެކްސިން ނުދީ ހުރުމަކީ ވެސް މިފަދަ ދުވަސްވަރެއްގައި ކަންބޮޑުވާންޖެހޭ މައްސަލަ އެކެވެ. ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަންގާ އެންގުންތަކާއި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަކީ ހިމަބިހި ފެތުރުން ކޮންޓްރޯލްކޮށް، މިކަމުން އަވަހަށް އަރައިގަތުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

ހިމަބިހި އަލުން ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުން ދަނިކޮށް، ދުނިޔެއިން މުޅިން އަލަށް ފެނިފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރިގެން ދިއުމަކީ ރާއްޖޭގެ އިގްތިސޯދަށް ވެސް ބޮޑު ގެއްލުމެއް ދީފާނެ ވައިރަސް އެއް ކަމަށް ގަބޫލުކުރަންޖެހެ އެވެ. ސަބަބަކީ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާ އިން ކަމަށްވެފައި ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ސިނާއަތާއި ޗައިނާގެ ފަތުރުވެރިންނާ ގުޅިފައި އޮތް ގުޅުމުގެ ބޮޑު ކަމުންނެވެ. ޗައިނާގެ ބައެއް ސިޓީ ތަކުގައި ކޮރޯނާ ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިއަދު ޒިޔާރަތްކުރާ ގައުމަކީ ޗައިނާ ކަމަށް ވެގެން ދިއުމަކީ ކޮރޯނާ ވައިރަސް އަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ވަކިން ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ. 

your image

ޗައިނާގެ ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި ކޮރޯނާ ވައިރަސް އިންސާނުންގެ ހަށިގަނޑަށް ފޯރާފައިވަނީ ސީފުޑްގެ ބާވަތަކުން ނުވަތަ ޖަނަވާރެއްގެ ޒަރީއާ އިންނެވެ. އަދި މިވައިރަސް ގައިންގަޔަށް އަރާ ވައިރަހެއްގެ ގޮތުގައި މިހާރު ކަށަވަރުވެފައިވާއިރު ކޯރޯނާ ވައިރަސްއާ ގުޅިގެން ޗައިނާ އިން އެކަނިވެސް މިހާތަނަށް ވަނީ 54 މީހަކު މަރުވެފަ އެވެ. 

ކޮރޯނާ ވައިރަސްއަށް ބަޔަކު ޕޮޒިޓިވް ވެފައިވާ ކަމަށް ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން 10 ގައުމަކުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މީގެތެރޭގައި ދިވެހިން އާންމުކޮށް ދަތުރުކުރާ ބައެއް ގައުމުތަކާއި ދިވެހިން ތަފާތު ބޭނުންތަކުގައި ދިރިއުޅޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ މެލޭޝިއާ، ސިންގަޕޫރު، ނޭޕާލް އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.

ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހުން ދެނެގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްގައި މިހާރު ވަނީ ޕަސިންޖަރުން ސްކްރީން ކުރާނެ ތަނެއް ގާއިމުކޮށް ތާމަލް ކެމަރާތައް ބަހައްޓާފަ އެވެ. އަދި ރާއްޖެއަށް މީހުން އެތެރެވާ އެހެން ވައިގެ ބަނދަރުތަކާއި އެހެނިހެން ބަނދަރުތަކުގައި ވެސް މިފަދަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

އެޗްޕީއޭ އިން މައުލޫމާތުދޭ ގޮތުގައި ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު އަދި މިހާތަނަށް ރާއްޖެއިން ފެނިފައެއް ނުވެ އެވެ. އަދި ކޮރޯނާ ވައިރަސް ޗައިނާގައި ފެތުރެން ފެށުމާ އެކު ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ އިން ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކުރަމުންނެވެ. އެގޮތުން ދޫނި ސޫފާ ސޫފި އަދި ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުމަށާއި، ކޮރޯނާ ވައިރަސްގެ އަލާމާތްތަކަށް ޝައްކު ކުރެވޭ މީހުންނާ ކައިރީގައި ނުޅުމަށާއި، ގިނަ ގިނައިން ސައިބޯނިލައިގެން އަތް ދޮވުމަށްވެސް އެޗްޕީއޭ އިން ދަނީ އިލްތިމާސްކުރަމުންނެވެ. މީގެއިތުރުން ކެއްސާ ކިބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުމާއި، ބިސް އަދި އެއްގަމު މަސް ކެއުމުގެ ކުރިން ރަނގަޅަށް ކައްކާއި ރޯފިލުވުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ހިމަބިއްސާއި، ކޮރޯނާ ވައިރަސްގެ ނުރައްކާ އެއް ވަގުތެއްގައި ދިވެހިންނަށް ކުރިމަތިވެފައިވީ ނަމަވެސް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ ނުރައްކަލުން ސަލާމަތްވެވިދާނެ އެވެ. މީގެ އެތައް އަހަރުތަކެއް ކުރިން މިއަށް ވުރެ ނިކަމެތި ދުވަހުވެސް ދިވެހިން ގުޅިގެން ކުރި މަސައްކަތުން ވަނީ ނަތީޖާ ދައްކާފަ އެވެ. 

69%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް