ads
ސައިނިން އެޕްލިކޭޝަން އުފެއްދެވި ޔޫސުފް މޫސާ
ޔޫސުފްގެ" ސައިނިން ސިސްޓަމް" ވައިގައި ހިފަނީ، ކައުންސިލްތަކުން މިހާރު ދަނީ ބޭނުންކުރަމުން!
ދެހާސް ވިހި ވަނައަހަރު، ދުނިޔެ ކުރިމަތިލީ ތަފާތު އާލަމީ ބޮޑު ބަލިމަޑު ކަމަކާ އެވެ. ކޮވިޑުގެ ނުރައްކާތެރި ރޯގާއާ އެވެ. އެކަމުގެ ސަބަބުން އެންމެންހެން ގެއަށް ވަންނަން ޖެހުނެވެ. މަސައްކަތް ކުރަން ޖެހުނީ ގޭގަ އެވެ. އަދި އަދަށް ދާންދެންވެސް އެކަން އެއޮތީ އެކަހަލަ ގޮތަކަށެވެ. ސޮއިކުރުމުގައާއި އެހެނިހެން ކަންކަމުގައި ތަފާތު ދަތިތައް ދިޔައީ ކުރިމަތި ވަމުންނެވެ. އެހެން ނަމަވެސް ގޭގައި ތިބެގެން، ސޮއިކުރެވޭނެ ފަދަ އެޕްލިކޭޝަނެއް މިހާރު ދިވެއްސަކު މިވަނީ އުފައްދާފަ އެވެ.

އެގޮތުން "ސައިނިން ސިސްޓަމް"ގެ ނަމުން ނަންދީ، އުފެއްދި މޮޅު އެޕްލިކޭޝަނެއް އުފައްދާފައި ވަނީ ގއ. ދާންދޫ ޔޫސުފް މޫސާ އެވެ. ނަމަކީ "މެނޭޖާ އެމްވީ" އެވެ.

ފުރަތަމަ އެ އެޕްލިކޭޝަން ބޭނުން ކުރަން ފެށީ ދާންދޫ ކައުންސިލުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ. ދާންދޫ ކައުންސިލް ރައީސް މުހައްމަދު އާސިފް ވިދާޅުވީ އެ އެޕްލިކޭޝަން ބޭނުންކުރަން ފެށުމުގެ ސަބަބުން ކައުންސިލުން ބޭނުން ކުރަމުން އައި ކަރުދާހުގެ ބޭނުން ކެނޑިފައިވާކަމަށެވެ. އެހެންވެ، މިހާރު އެއެކައުންސިލުން އެއްގޮތަކަށްވެސް ކަރުދާސް ބޭނުން ނުކުރާތާ ހަ މަސް ދުވަސް ވެއްޖެއެވެ.

ދާންދޫ ކައުންސިލުން ބޭނުންކުރަންފެށި މިއެޕްލިކޭޝަން އެހެން ކައުންސިލްތަކުންވެސް މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ. އެ ގޮތުން ގއ. އަތޮޅުގެ ފަސްރަށަކުން މިހާރު އެ އެޕްލިކޭޝަން ދަނީ ބޭނުން ކުރަމުންނެވެ. އާސިފް ވިދާޅުވީ މިހާރު ކައުންސިލްތަކުން އެ އެޕްލިކޭޝަން ބޭނުން ކުރަމުން ގެންދާ ކަމަށެވެ. މި އެޕްލިކޭޝަން ބޭނުން ކުރަން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ލިބޭނެ ކަމަށް ޔޫސުފް ވިދާޅުވިއެވެ. 

ޔޫސުފް ވިދާޅުވީ މި އެޕްލިކޭޝަން ފުރަތަމަ ވުޖޫދަށް ގެންނަން ޖެހުނު ސަބަބަކީ ކޮވިޑްގެ އާލަމީ ވަބާ ދާންދޫގައި ފެތުރި އެއްމެން ގެއަށް ވަންނަން ޖެހުނު ހިސާބުންކަމަށެވެ. އަދި ހިޔާލަށް އައީ ގޭގައި ތިބެގެން ވެސް ސޮއިކުރެވި ހިދުމަތްތަށް ހުއްޓުމަކަށް ނައިސް ކުރިއަށް ދެވޭނެ މަސައްކަތް ކުރެވޭނެ ގޮތެއް ހެދުން ކަމަށްވެސް ޔޫސުފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޭތެރެ ދޭތެރެއިން ކޮވިޑްގެ ހާލަތުގައި ރަށްތައް ބަންދުގައި އޮންނަން ޖެހޭތީ، މިފަދަ އެޕްލިކޭޝަނެއްގެ ސަބަބުން ލުއި ފަސޭހަތަކެއް ލިބިގެން ދާނެތީ ކަމަށެވެ. 

ސައިނިން ސިސްޓަމުން، މުހިއްމު ނިންމުތަކުގައި ސޮއި ކުރެވޭ

މި އެޕްލިކޭޝަނުން ސޮއި ކުރެވެނީ މުހިއްމު ބައެއް ލިޔެކިއުންތަކުގައެވެ. އެގޮތުން ޔައުމިއްޔާ، ސިޓީ، ކައުންސިލްތަކުގެ މުހިއްމު ނިންމުން، އަދި ބިޑް ކޮމެޓީގެ ނިއްމުންތަކުގައި މިއެޕްލިކޭޝަން ބޭނުން ކޮށްގެން ސޮއި ކުރެވެއެވެ.  ކުރެވޭ ސައިން ތައް މި އެޕްލިކޭޝަނުގެ ސަބަބުން، ފޯނަށް އަންނަށް ނޮޓިފިކޭޝަން އަކާއެކު، ފަސޭހަ ކަމާއެކު ކޮންމެ ހިސާބަކު ހުރެގެންވެސް ސައިން ކުރެވޭނެ ކަމަށް ޔޫސުފް ވިދާޅުވިއެވެ.

މީގެ ކުރިން އޮންނަ ގޮތުން ޖެހެނީ މީހާ ހުރިތަނަކަށް ގޮސް ސޮއި ކުރުވަން. އެ އުދަގުލަށް މި އެޕްލިކޭޝަންގެ ސަބަބުން ފަސޭހަ ތަކެއް ލިބިއްޖެ"  ޔޫސުފް ވިދާޅުވިއެވެ.

ފަސް ކައުންސިލެއްގައި ބޭނުން ކުރޭ

ދާންދޫ ކައުންސިލުން ވަނީ 6 މަސްދުވަސް ވަންދެން މި އެޕްލިކޭޝަން ބޭނުން ކޮށްފައެވެ. އެހެންނަމަވެސް މިއެޕްލިކޭޝަން ބޭނުންކުރުން މިހާރު އަންނަނީ ފުޅާ ވަމުންނެވެ. އެގޮތުން ގއ އަތޮޅުގެ 4 ކައުންސިލަކުން މިހާރު އެޕްލިކޭޝަން ބޭނުން ކުރެއެވެ. އަދި އަތޮޅު ކައުންސިލުން ވަސް މިހާރު ދަނީ މި އެޕްލިކޭޝަން ބޭނުން ކުރަމުންނެވެ. އެގޮތުންއެ އަތޮޅުގެ ދާންދޫ، ކަނޑުހުޅުދޫ، ނިލަންދޫ އަދި ކޮލަމާފުށިން މިއެޕްލިކޭޝަން ދަނީ ބޭނުން ކުރަމުންނެވެ.

"އަޅުގަނޑު މެން ބޭނުން ކުރަނީ މެނޭޖާ އެމްވީ. "އެޑްމިން އެޓް މެނޭޖާ ޑޮޓް އެމްވީ" ވަރަށް ފަސޭހަ. ކޮންމެ ތާކު ހުއްޓަސް ސައިން ކުރެވޭ" ގއ އަތޮޅު ކައުންސިލް ރައީސް އިބްރާހީމް ޝަހީން ވިދާޅު ވިއެއެވެ.

މި އެޕްލިކޭޝަނުގެ ސަބަބުން ކައުންސިލްތަކުން ކަރުދާހަށް ކުރާ ބޮޑު ހޭދަ ކުޑަވެގެން ދެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ފަސޭހަތަކެއް ވެގެން ދެއެވެ. އޭގެ އިތުރުން ތިމާވެއްޓައި ރައްޓެހި ހަދަރުކުޑަ، ކުނިމަދު ވެއްޓެއް ގާއިމް ކުރެވިގެން ދެއެވެ.

 

ދާންދޫ ކައުންސިލުން ކޮންމެ އަހަރަކު 30000 ރުފިޔާ ސަލާމަތް ކުރެވޭ

އޮފީސް ތަކުގެ ބޭނުން ތަކަށް ކޮންމެ އަހަރަކު 30000 ރުފިއާ ހަރަދުވާ ކަމަށްބުނެ، އޭނާ ބުނެފައިވަނީ މިއީ ދައުލަތަށް ލިބިގެންދާނެ ބޮޑު ލުއެއް ކަމަށެވެ. ކަރުދާސް ބޭނުން ކުރުން ހުއްޓާލުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ވޯޑުން ލިޔެފައި އިންނާނީ ކޮންމެ ޑޮކިއުމެންޓެއްވެސް. ޕީޑީއެފް ހަދާފައި ސޮއިކޮށްލެވޭނެ.  އެއް ގޮތަކަށްވެސް ކަރުދާސް ބޭނުން ކުރާކަށް ނުޖެހޭނެ. އޭރުން ހަމަ ކޮންމެ ތަނެއްގައި ހުރެފަވެސް ފޯނުން ވަދެލާފަ ސިސްޓަމުން ސޮއިކޮށްލެވޭނެ،" ޔޫސުފް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ކައުންސިލަކުން އަދި ރާއްޖޭގެ އޮފީސް ތަކަކުން ކަރުދާސް ބޭނުން ކުރުން ހުއްޓާލި ފުރަތަމަ ފަހަރަށް ވެ ފައިވާ އިރު، ޔޫސުފް އަކީ މިފަދަ އެޕްލިކޭޝަނެއް ރާއްޖޭގައި އުފެއްދި ފުރަތަމަ ފަރާތްވެސް މެއެވެ. މިގޮތަށް މި އެޕްލިކޭޝަނަށް އަތޮޅުގެ ކައުންސިލް ތަކުން އެދެމުން ދާއިރު، މިއީ ފަސޭހަ އެޕްލިކޭޝަނެއް ކަމަށާއި، މުޅި ރާއްޖޭގެ ގިނަ މުއައްސަސާ ތަކުގައި ބޭނުން ކުރަންޖެހޭ އަދި ފަސޭހަ އެޕްލިކޭޝަނެއް ކަމަށް، މިވަގުތު ބޭނުންކުރަމުން ދާ ކައުންސިލް ތަކުން ބުނެއެވެ.

ފުރަތަމަ މި އެޕްލިކޭޝަން ބޭނުންކުރި ކައުންސިލް ދާންދޫ ކައުންސިލުން ބުނަނީ 24 ޖޫން އިން ފެށިގެން އެ ކައުންސިލްގައި ކަރުދާސް ބޭނުން ކުރުން އެއްކޮށް ހުއްޓާލާފައި ވާކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ކައުންސިލް މެމްބަރުން ބޭއްވި ބައްދަލުވުމެއްގައި އެކައުުންސިލްގެ ފަސް ކައުންސިލަރުންގެ އިއްތިފާގުން ކަމަށް އެ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވިއެވެ.

ކައުންސިލަރުންނަކީ ގިނައިން ބައްދަލުވުމާއި ތަފާތު ކަންކަމުގައި ދަތުރުތައްވެސް ކުރަން ޖެހޭ ބައެކެވެ. މާލެއާއި އަތޮޅުތަކާއި އަދި ބައެއް ފަހަރު ރާއްޖޭން ބޭރުގައިވެސް ތިބެން ޖެހެއެވެ. އެހެން ކަމުން މި އީ ބޭނުން ކުރަން ރަނގަޅު އެޕްލިކޭޝަނެކެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް