ads
ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ- ފޮޓޯ: ކޭއާރުއެޗު
ކޮވިޑް-19: އެއްބަޔަކު ވޭނުގައި، އެއްބަޔަކު ވިޔަފާރީގައި!
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދިވެހިން ދެ އަހަރު ހޭދަ ކުރީ ހިތްދަތި ކަމާއި އެތައް ތަކުލީފެއް އުފުލުމުގައެވެ. އެތައް ފިޔަވަޅު ތަކަކާއި، އެތައް ތުރާ ތަކެއްގައި ދިވެހިން އުޅެމުން ދިޔައީ، ކިޔަމަންތެރި ކަމާއި ކެއްތެރި ކަމުގައެވެ. ދަރިއަކު މައެއްގެ ބަސް އަހާނެހާ ކިޔަމަންތެރި ކަމާއި އެކުއެވެ.

ބައްޔަށް ދެ އަހަރު ވެގެން ދިޔައިރު ވެސް ސަރުކާރަށް ބަލި ކޮންޓްރޯލް ކުރުމަށް ނުވަތަ އެކަމަށް އެޅޭނެ މާ ބޮޑު ފިޔަވަޅެއް އޮތް ހެނެއް ހިޔެއް ނުވެއެވެ. މި ބަލި މަޑުކަމުގެ ސަބަބުން އެއްބަޔަކު ބިކަވެ ހާލުގައި ޖެހުނު އިރު އަނެއް ބަޔަކު ދިޔައީ އިތުރަށް މުއްސަނދި ވަމުންނެވެ. އެއް ބަޔަކު ބަލިމަޑު ކަމުގެ ސަބަބުން ހިތާމަ އުފުލަން ޖެހުނު އިރު އަނެއް ބަޔަކު ދިޔައީ، މި ބަލި މަޑުކަމުގެ ސަބަބުން އުފާވެރިކަން ހޯދަމުންނެވެ. 

ކޮވިޑްގެ ވާހަކަ ދައްކަން ފަށާއިރަށް އެންމެ ފުރަތަމަ ވެސް ހިތަށް މިހާރު އަރަނީ، މިއީ ސަރުކާރުން ޖައްސާ ސްޓަންޓެއްގެ ގޮތުގައެވެ. ސަބަބަކީ ކިރިޔާ ވެސް ދެ މީހަކު މަގު މައްޗަށް ނިކުމެ އެ ބޭރުކުރަން އުޅޭ އެއްޗެއް ބޭރު ކުރަން އުޅޭ އިރަށް ސަރުކާރުން އެކަން ހުއްޓުވުމަށް، ކޮވިޑްގެ ތައް ގަނޑު އޭގައި ޖަހައެވެ. 

ބަލީގެ ނުރައްކާތެރިކަން އެއްވެސް ހާލެއްގައި ކުޑަވީކީއެއް ނޫނެވެ. އެހެން ނަމަވެސް ދިވެހިން މީގެ ދެ އަހަރު ކުރިން ވެސް ތިބީ ސަރުކާރުން ބުނި ގޮތަށް ބަސް އަހައިގެނެވެ. ބުނި ތާކު ބުނި ގޮތަކަށް މާސްކު އަޅައިގެނެވެ. ބުނި ސެނެޓައިޒަ ފުޅިއަކުން ބުނި ގޮތަކަށް އަތް ސާފު ކޮށްގެނެވެ. ބުނި ތާކުން ބުނި އަގެއް ދީގެން ޕީސީއާރު ޓެސްޓު ހަދައިގެނެވެ. 

އަސްތާ! މި ޖެހުނީ ބޮޑު ތަނުގައެވެ. ޕީސީއާރު ޓެސްޓު ގެ ވާހަކަ އަކީ މިއަދު ބަޔަކު އެކަމުން ބޮޑެތި މަންފާތަކެއް ހޯދާ އެކަމުގެ ސަބަބުން މިލިއަނަރުންނަށް ވެފައިވާ ވިޔަފާރިތައް އެބަހުއްޓެވެ. 100 ރުފިޔާއިން ކުރެވޭ ކަމެއް ދިވެހިންގެ އަތުން 1،200 ރުފިޔާއިން ފެށިގެން 500 ރުފިޔާ އާއި ހަމައަށް ނަގަމުން ދިޔައީ، ހިތުގައި އެއްވެސް ރަހުމެއް ކުލުނެއް ނެތިކަމީ ހިތާމަ ހުރި ކަމެކެވެ. މިކަމުގެ އެންމެ އިސް ސަފުގައި މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހެދި ޓެގް ޓީމުގެ ލީޑަރުން ތިބުމަކީ އަދި މިކަމުގެ ހުރި ނޭދެވޭ ކަން އިތުރުވި ކަމެކެވެ. 

ބަލީގެ ކޭސްތައް ފަހަކަށް އައިސް މަދުވެގެން ދިޔަ ދިއުމުގެ އިތުރުން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާއި އެކި މި ކަމުން ނާޖާއިޒް މަންފާ ހޯދަމުން ދިޔަ ބަޔަކަށް އެކަން ހަޖަމުނުވި ކަހަލަ އެވެ. ކޮންމެވެސް ގޮތެއް ހޯދައިގެން ނަމަވެސް އަލުން މި މުއްސަނދިކަން ހޯދުމަށް ފޫގަޅާލާ އެކަމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ފެށިކަމަށް ރަށުތެރޭ ބުނާ އަޑުތައް ވަނީ ގަދަވެފައެވެ. 

ކުރިން އެއް ރަށުން އަނެއް ރަށަށް މިބުނާ ޕީސީއާރެއް ނަހަދާ ދެވުނަސް ރޭ ނިންމި ނިންމުމާއި އެކު ޕީސީއާރު ހަދައިދޭ ކްލިނިކް ތަކުން ވަނީ އެ ކްލިނިކް ތަކުގެ ދޮރު މަތީ ރަތް ދޫލަ އަޅާލާފައެވެ. 

މި ވާހަކަ ދައްކަން މިޖެހުނީ، ކޮވިޑްގެ މި ވަބާ އަކީ، އިއްޔެ ރާއްޖެއަށް ކުރިމަތިވި ވަބާ އަކަށް ނުވުމުންނެވެ. މިއީ މި ބަލިމަޑު ކަމުގެ ތެރޭ ދިވެހިން އުޅެމުން ދާތާ އެތައް ދުވަހެއް ވީ ކަމެކެވެ. ސަރުކާރުގެ އިދާރާތަކަށް މިކަން ހައްލު ކުރަން ނުވަތަ މިކަމަށް ތައްޔާރު ވުމަށް ވަގުތު ލިބި އެކަން ނުކުރީ، ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ނުވަތަ ސަރުކާރަށް މިކަމުގެ ސަބަބުން ކަޓު ދޭ ގޮތަށް ބަޔަކަށް މަންފާ ތަކެއް ހޯދުމަށް ކަމަށް ބުނެވެނީ މިފަދަ ސަބަބުތަކާއި ހެދިއެވެ. 

އިއްޔެ ނިންމި ނިންމުމާއި އެކި މާލޭގައި ހަމައެކަނި ހިލޭ ޕިސީއާރު ޓެސްޓު ހަދައިދޭ ތަން ރޭ ފުރި ބާރު ވީ ހަމައެކަނި ބޮޑެތި މީހުން ކިޔު ޖައްސައިގެންނެތް ނޫނެވެ. އެތައް ތުއްތު ކުއްޖެއް ރޭ އެތަނަށް ކިއު އަށް އެރީ ސަރުކާރުގެ އިންތިޒާމުތައް ރަނގަޅުނުވީމަކަމަށް ބުނެ ދަނީ ޝަކުވާ ކުރަމުންނެވެ. ބަލީގެ ނުރައްކާ އިތުރުވަމުން ދިޔައިރު މި ފިޔަވަޅުތައް ނާޅާ ތިބީ، މިކަމުން ކުއްލި މުއްސަނދި ކަމެއް ހޯދުމަށް ބާވައޭ ހިތައް އަރައެވެ. 

މިއަދު އެތައް ބަޔަކު ކިއު ގައި ޖެހިގެން އެތިބަ އާދޭސް ކުރަމުން ދަނީ، މާލެ އިން އެމީހުންގެ ރަށަށް ދިއުމަށެވެ. އެހެން ނަމަވެސް އެއްވެސް އިދާރާއަކަށް މިއަދު ރައްޔިތުން އެކުރާ އާދޭހުގެ އަޑު އިވޭހެނެއް ހިއެއް ނުވެއެވެ. މިއަދު ހަމައެކަނި އަޑު އިވިގެން ދަނީ، މިބުނާ ޕީސީއާރު ކްލިނިކްތަކުން ތަފާތު ޕެކޭޖުތައް ހަދާ އެތަންތަނުގެ ދޮރު ހުޅުވާލި އަޑެވެ. 

މުއްސަނދި ވެސް ވާން ވާނެއެވެ. އެހެން ނަމަވެސް މުއްސަނދި ވާން ވާނީ ދެރަ ނިކަމެތި ރައްޔިތުން ހުލި ކޮށްލައިގެނެއް ނޫނެވެ. މިއީ އެހީގެ އަތް ދިއްކޮށްލަންވި ވަގުތެވެ. ނަމަވެސް އެހީ ތެރިކަން ފޯރުކޮށްދިނުމަށްވުރެ ބޮޑަށް ފެންނަނީ ޓެސްޓް ހަދައިގެން ނަފާ ހޯދުމުގެ ބޮޑު ރޭހަކަށް ނުކުމެ އެ ރޭސް ނިންމަށް އުޅޭ މަންޒަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް