
ރަސްފަންނު ސަރަހައްދުގައި ގިނަ އަދަދެއްގެ ކުނި ބަހައްޓާ، އެތަން ސާފުނުކުރާކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ އިއްޔެއިން ފެށިގެން އެސަރަހައްދު ސާފުކުރަން ފަށާފައެވެ.
ބާޒާރު އިންތިޒާމުކުރި ފަރާތްތަކުން ބާޒާރު ހުއްޓައިލިއިރު އެ ސަރަހައްދު ސާފުކޮށްފައިނުވެއެވެ. އެހެންކަމުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާފައިވާއިރު، ރެއިން ފެށިގެން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ އިދާރާގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.
"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ، ރޭ 11:30އާއި ހަމަޔަށް ސިޓީ ކައުންސިލްގެ މުވައްޒަފުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. ބާކީ ސާފުނުކޮށް ހުރި ތަންތަން މިއަދު ސާފުކޮށް ނިންމަވާލެވޭނެކަމަށް ލަފާކުރެވޭކަމަށް ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ، ނައިޓް މާކެޓް ނިންމާލިއިރު، އެރަހައްދުގައި ވަރަށްގިނަ އަދަދެއްގެ ކުނި ބަހައްޓާފައި ހުރިކަމަށާއި، އެހެންނަމަވެސް އެތަން ސާފުކުރުމަށް ނައިޓް މާކެޓް އިންތިޒާމްކުރި މީހުންގެ އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާކަމަށެވެ.
ސާފުކުރުމުގައި ނައިޓް މާކެޓް އިންތިޒާމްކުރި ފަރާތްތަކުގެ އެއްބާރުލުން ލިބިފައި ނުވާ މައިގަނޑު ސަބަބަކަށް ޝިއުނާ ފާހަގަކުރީ، ނައިޓް މާކެޓްތަކަށް ދީފައިވާ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަކަށް ބާތިލުކުރުމުން ވިޔަފާރިއަށް ބޮޑު ގެއްލުމެއް ވުމެވެ.
ރަސްފަންނު ސަރަހައްދު
މި ބާޒާރު ބާއްވާފައިވަނީ އަކޫޒް ޕްރައިވެޓް ލިމިޓެޑުންނެވެ. އެޗްޕީއޭއިން ބާޒާރު ބޭއްވުން މަނާކުރުމުން އެ ކުންފުނިން ބާޒާރު ހުއްޓައިލުމަށްފަހު އެތަން ހުސްކޮށްފައިނުވެއެވެ.
ނައިޓް މާކެޓްތަކަށް ދީފައިވާ ހުއްދަ އެޗްޕީއޭގެ އެންގުމަކަށް ބާތިލުކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ނައިޓް މާކެޓު ހުއްޓުވުމަށްފަހު، ރަސްފަންނު އޮތީ ކުނިން ފުރިފައެވެ.
އެޗްޕީއޭއިން ނައިޓް މާކެޓްތަކަށް ދީފައި އޮތް ހުއްދަ ބާތިލުކުރީ މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމާއެކުގައެވެ. ހުއްދަ ބާތިލުކުރުމާއި އެކު ވިޔަފާރިވެރިން ވަނީ އެ ކަމާ ދެކޮޅަށް އިހުތިޖާޖް ވެސް ކޮށްފައެވެ.