
ދެކުނު އިރުމަތީ ގައި ހިނގި މި ހާދިސާގައި އިތުރު 32 މީހަކަށް ވެސް ވަނީ އަނިޔާވެފައެވެ. އަދި ބައެއް މީހުން ވަނީ ގެއްލިފައެވެ.
އޮންލައިންކޮށް ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން، ވޯޓާ ފޯލުގެ ކްލިފްއާއި ދުރުގައި ތިބި ބޯޓްތަކުން، ވޯޓާ ފޯލްގެ ކްލިފްއާއި ކައިރީގައި ތިބި ބޯޓުތަކަށް އިންޒާރުގެ ރަނގަބީލުތައް ޖަހައި އަޑުގަދަ ކުރަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އެވަގުތު ކްލިފްގެ ކުދިކުދި ހިލަތައް ވަކިވެގެން ފައިބާ މަންޒަރު ފެނެއެވެ.
އެއަށްފަހު ދެން ފެންނަނީ ސިކުންތުކޮޅެއްގެ ތެރޭގައި ފަރުބަދައިން ބޮޑު ހިލަގަނޑެއް ނައްޓާލައިގެން އައިސް ބޯޓުތަކުގެ މައްޗަށް ވެއްޓޭ މަންޒަރެވެ. ހިލަގަނޑު ވެއްޓެމުންދިޔައިރު އޭގެ ދަށު ނުވެ ސަލަމާތްވެވޭތޯ ބޯޓުތައް މަސައްކަތްކުރާ މަންޒަރު ވީޑިއޯއިން ފެނެެެއެވެ.
މި ހާދިސާއާއި ގުޅިގެން ލެފްޓިނެންޓް ޕެޑްރޯ އައިހާރާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ހިލަ ވެއްޓުމުގެ ސަބަބުން ތިން އުޅަނދެއް އަޑިއަށް ގޮސްފައިވާ ކަމަށާއި ޒަހަމްވި 32 މީހުންގެ ތެރެއިން ނުވަ މީހަކު އޮތީ ހޮސްޕިޓަލުގައި ކަމަށެވެ.
އެންމެ ފުރަތަމަ 20 މީހަކު ގެއްލިގެން ރިޕޯޓް ކުރި ނަމަވެސް ލެފްޓިނެންޓް އައިހާރާ ވިދާޅުވީ، މީހުން ކައުންޓް ކޮށްފައި ވަނީ ހޮސްޕިޓަލުގެ ލިސްޓްތައް ޗެކް ކުރުމަށް ފަހު ކަމަށެވެ.
އެ ސަރަހައްދުގައި ޗުއްޓީ ހޭދަކުރި މީހެެއްގެ އާއިލާގެ މީހަކު އީޕީޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ސައިޓުގައި ހަފުތާ ބަންދު ހޭދަކުރަމުން ދިޔަ އޭނާގެ ބޮޑުބޭބެގެ ހަބަރެއް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރުމަށެވެ. އެ ހާދިސާގައި އެމީހުންގެ ހަށިތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ބޭރުގެ ހަބަރުތައް ދަނީ ބުނަމުންނެވެ.
މިއަދު ހެނދުނު 11:00 (ޖީއެމްޓީ ގަޑިން 14:00) ގައި މިނާސް ގެރާއިސް ސްޓޭޓަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސްޓޭޓުގެ ފަރުބަދަތައް އިތުރަށް ވެއްޓުމުގެ ފުރުސަތު ބޮޑުކަމަށް އެ ސަރަހައްދުގެ ފަޔާ އޮފިޝަލުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.