ads
އަނިޔާ ދައްކުވައިދޭ ޕޯސްޓެއް-----
ހަގީގީ ހާދިސާ: ފިރިމީހާގެ ކޮއްކޮގެ ފުށުން ޖިންސީ އަނިޔާ ލިބުނު އަންހެނެއްގެ ވާހަކަ!
އެއީ މީގެ ފަސް ވަރަކަށް އަހަރު ކުރި އެވެ. އަހަރެން މާލެ އައީ ބަލިވެ ޑޮކްޓަރަށް ދެއްކުމަށެވެ. ފިރިމީހާ ރަށުގައި މަޑު ކުރި އެވެ. ހަފުތާއެއްގެ ތެރޭގައި ޑޮޓަރަށް ދައްކާ ނިމޭނެތީ އޭނާ ރަށުގައި މަނޑުކުރި ނަމަވެސް އަހަންނަށް އަޅާލާ އަހަރެންގެ ބޭސް ފަރުވާގެ ކަންކަން އެންމެ ފުރިހަމަކޮށް ކުރާނެ ކަމަށް ފިރިމީހާގެ ކޮއްކޮ އާޒިމް، އަހަރެންގެ ފިރިމީހާ ފުއާދަށް ޔަގީން ކަން ދިނެވެ.

މާލެ އައިސް އާޒިމް ގެއަށް އަހަރެން ދިޔައީމެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމެންޓެކެވެ. ނަމަވެސް ބޭނުން ކުރަން ހުންނަނީ އެންމެ ފާހާނާ އެކެެވެ. ފާހާނާ ހުރި ކޮޓަރި އާޒިމް އަހަންނަށް ދެއްކި އެވެ. ދަތުރުގެ ވަރުބަލި ކަމާއެކު ފާހާނާއަށް ވަދެ ފެންވަރާލައިގެން އެނދުގައި ޖެހުނު ގޮތަށް އަހަންނަށް ނިދުނީ އެވެ.

ޖެހިގެން އައި ދުވަހު އާޒިމް އަހަންނަށް ގޮވީ އަވަހަށް ޑޮކްޓަރަށް ދައްކަން ދިއުމަށެވެ. އާޒިމްގެ ހެޔޮކަމާއި އޯގާތެރިކަން އިންތިހާ އެވެ. އަހަރެން ހިތަށް އެރި އެވެ. އާޒިމް އަށް ޝުކުރު އަދާކުރާނީ ކިހިނެތް ހެއްޔެވެ. ފިރިމީހާއަށް ގުޅާ ކޮންމެ ފަހަރަކު އާޒިމް އަށް ތައުރީފް ކުރީމެވެ.

މާލެއަށް އައިތާ ތިން ވަނައަށް ވީ ދުވަހުގެ ރޭ ދަންވަރެވެ. އަހަރެން ނިދާފައި އޮއްވާ ކޮޓަރި ތެރެއިން މީހެއްގެ ހިލަމެއް ވިހެން އަހަންނަށް ހީވިއެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭ އެހެން އޮއްވާ ކުޑަކޮށް ލޯމެރޭގޮތް ވިއެވެ. އަދި ނިދި ޖެހެމުން ދިޔަ ވަގުތު މީހެއްގެ ހޫނު އިހުސާސް ކުރެވުނެވެ. އަހަންނަށް ސިއްސައިގެން ގޮސް ހޭލެވުނެވެ.

އެވަގުތު އަހަންނަށް ފެނުނީ ފިރިމީހާގެ ކޮއްކޮ އަހަރެންގެ އިއްފަތްތެރިކަން ފޭރިގަންނަން މަސައްކަތް ކުރަމުންދާ މަންޒަރެެވެ. ދިފާއުވާނެ ވަގުތެއްވެސް ނުދީ ވަގުތުން އާޒިމް އަހަރެންގެ ގައިމައްޗަށް ފުންމާލާ އިއްފަތް ފޭރިގަތީ ފަހަރިއެއްގެ ދަރަޖަ ހަނދާނުގައި ވެސް ނެތް ހާލުގައެވެ. 

ނަމަވެސް އެ ބިރުވެރި ކަމާއި ކަނު އަނދިރި ކަމުގެ ތެރެއިން ސަލާމަތް ވާނެ އެއްވެސް ގޮތެއް އަހަންނަކަށް ނުފެނުނެވެ. އޭނާ އަހަރެންގެ ހަށިގަނޑުން އުފާވެރިކަން ލިބިގަންނަމުންދިޔައިރު ހަޅޭލަވަމުން، ދެކޮޅުހެދުން ނޫން ކަމެއް އަހަންނަކަށް ނުކުރެވުނެވެ. އަހަރެން ރުއި ރުއިމާއި، ކުރި އާދޭހަށް ބެލުމެއްނެތި އޭނާގެ އެދުން އޭނާ ފުއްދުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީއެވެ.

އިހްސާސްކުރެވުނު ބިރުވެރި ކަމާއި ލިބުނު ޝޮކާއިއެކު އޭނާ ދިއުމަށްފަހުވެސް އަހަންނަށް އެދުގައި ގުޑި ނުލައި އޮވެވުނީއެވެ. ހަމަހޭވެރިކަންވެ، އެ އަނިޔާވެރިކަމުން ސަލާމަތްވިކަން އަހަންނަށް އިހްސާސް ކުރެވުނީވެސް އިރުކޮޅެއް ފަހުންނެވެ. އެއާއިއެކު ކުއްލިއަކަށް އެނދުން ފުންމައިގެން ތެދުވެ އަހަރެން ދުއްވައިގަތީ އެތަނުން ނިކުންނާށެވެ. ދާނެ ވަކިތަނެއް ސިކުޑީގައި ބަހައްޓައިގެނެއް ނޫނެވެ. ބޭނުންވީ އެ ބިރުވެރި އަދިރިކަމުން ނިކުމެ ސަލާމަތްވާށެވެ.

އެ ކަޅު އަނދިރިކަމުގައި ދާނެ ވަކި މަންޒިލެއް އަހަރެންގެ ނެތެވެ. ނަމަވެސް އެގެއިން ނިކުމެގެން ވަކި ހިސާބަކަށް ދިއައީ ދުވަމުންނެވެ. އެ ގެ ލޮލުކޮޅުން އޮބާލަންދެން އަހަރެން ދުވީމެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގޭ ހާލުގައެވެ. ދުވެދުވެ ވަރުބަލިވުމުން ދެން ފެށީ ހިނގާށެވެ. އޭރުވެސް ހިތްބާރަށް ތެޅެމުންދިޔައެވެ. 

ހިނގާ ހިނގާ ވަރުބަލިވުމުން މަގުމަތީ އަހަރެން އިށީނީމެވެ. ސަލާން ޖަހާ މީހެއް ފަދައިން މަގުމަތިވެފައި އެ ރޭ އަހަރެން އިނީ އެ އަނިޔާވެރިޔާގެ އަނިޔާއިން ހިތާއި މެޔާއި ލަނގޮޑި ޗިސް ވެފައިވާ ހާލުގަ އެވެ. އަހަރެން އެބުރި ރަށަށް އައީ އޭގެ އަނެއްދުވަހު އަލިވިލުމުންނެވެ.

އެއީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ ރެއެެއް ނޫނެވެ. އެއީ އަހަރެންގެ ކަޅު މާޒީގެ ހިތި ސަފުހާތަކެވެ. މުޅި ހަޔާތް ބަދަލުވި ރެއެވެ. 

އާޒިމް އޭނާގެ ބޭބެގެ އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތީ ދުނިޔޭގެ އެދުމުން ފުރިގެންހުރެ ވަގުތީ އުފުލަކަށެވެ. ފަހުންވާނެ ނުވަތަ އެކަމުގެ ސަބަބުން މީހަކަށް ލިބޭނެ ގެއްލުމަށް އެއްވެސް ވަރަަކަށް ވިސްނާލުމެއް ނެތިއެވެ. 

ކަޅު މާޒީގެ ތެރެއިން އަލި ކަމެއް ފެނުން އެދި މާލޭގެ އަމާން ކަމެއް ނެތް މާހައުލުގައި ދަންވަރު އެކަނިމާ އެކަނި ހޭދަކުރި ބިރުވެރި އެރޭގެ ހަނދާން "ސީއެންއެމް" އާއި ފަރާ ހިއްސާކުރީ ހިތުގައި އުފެދިފައިވާ ނަފުރަތާއި ރުޅިވެރިކަމުން ހިތް އަނދަ އަނދާ ހުރި ހާލުގައި އަސަރާއިއެކުއެވެ.

ފަރާ ބުނާގޮތުން ދިރިއުޅުމަކީ އިމްތިހާނެކެވެ. އެ އިމްތިހާނާ ކުރިމަތި ލެވޭނީ ހިތްވަރު ހުރެގެންނެވެ. ނަމަވެސް އޭނާއަކީ މިއަދު ރޭގަނޑުގެ ކަޅު އަދިރިކަމަށް ބިރުގަންނަ މީހެކެވެ. ސަބަބު އޮތީ މާޒީގެ ކަޅު އަދިރިކަމާއި ގުޅިފައެވެ. 

ފަރާ ބުނީ، އޭނާ ރޭގަނޑުގެ އަނދިރިކަމަށް ބިރުގަންނަން މަޖުބޫރު ކުރުވީ ފިރިމީހާގެ އެންމެ ލޯބިވާ ކޮއްކޮ ކަމަށެވެ. ބަޔަކު އެވާހަކަ ގަބޫލް ނުކުރި ނަމަވެސް ފަރާގެ ފިރިމީހާ އެވާހަކަތައް ގަބޫލު ކުރާތީ ހިތްހަމަ ޖެހޭ ކަމަށެވެ. 

އެޑިޓަރުގެ ނޯޓް:

މިއީ ރާއްޖެތެރޭ ރަށެއްގެ އަންހެނަކަށް ދިމާވި ހަގީގީ ހާދިސާއެކެވެ. މި އާޓިކަލްގައި ހިމަނާފައި މިވަނީ އޭނާ ސީއެންއެމްއަށް އެކަން ހިނގިގޮތް ކަމަށް ކިޔާދީފައިވާ ގޮތަށް އެއްވެސް އުނިއިތުރެއް ނުގެނެސް އެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ ވާހަކަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި ބޭނުންކޮށްފައިވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ. 

10%
ކަމުގޮސްފި
26%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް