
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ވަނީ، 55،055 ފަތުރުވެރިއަކު ޒިޔާރަތް ކޮށްފައެވެ.
ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 4،588 ފަތުރުވެރިން ޒިޔާރަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާއިރު، އެވްރެޖްކޮށް ފަތުރުވެރިޔަކު ރާއްޖޭގައި ނުވަ ދުވަސް ހޭދަ ކުރެއެވެ.
ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، ރަޝިއާއިންނެވެ. އެގައުމުން ރާއްޖެއަށް 11،007 ފަތުރުވެރިން މި މުއްދަތުގައި ވަނީ ޒިޔާރަތް ކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، އިޓަލީ އިންނެވެ. އެގައުމުން 4،313 ފަތުރުވެރިއަކު ޒިޔާރަތް ކޮށްފައި ވާއިރު، މި މުއްދަތުގައި ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، އިނގިރޭސި ވިލާތުންނެވެ. އެގައުމުން 3،085 ފަތުރުވެރިއަކު ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.
ރާއްޖެއިން އަންނަނީ ކޮވިޑް-19 އަށް ފަހު ފަތުރުވެރިން ގެނައުމަށް ހާއްސަ ކެމްޕެއިން ތަކެއް ހިންގަމުންނެވެ. ފަހަކަށް އައިސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަންނަނީ ވަރަށް ބޮޑަށް ފުޅާ ވަމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް ރާއްޖެއަށް 1،321،932 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.
މިއަހަރު ޓޫރިޒަމް މިނިސްޓްރީން ލަފާ ކޮށްފައި ވަނީ ރާއްޖެ އަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށެވެ.