ads
މިނިސްޓަރު ނަސީމް ޕްރެސްގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ކޮވިޑް-19: އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަން ނިންމައިފި!
ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ހަލުވި ކަމާއިއެކު ފެތުރެން ފަށާފައި ވުމުން، ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރަން ނިންމައިފި އެވެ.

ރާއްޖެއިން ކޮވިޑް ކޭސްތައް ގިނަ ވާން ފެށުމުން ދަތުރުކުރުމުގައި 72 ގަނޑިއިރުގެ ޕީސީއާރް ނެގަޓިވް ޓެސްޓެއް އޮވެގެން ނޫނީ ދަތުރު ނުކުރެވޭ ގޮތަށާއި، 50 އަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކުރުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިހާރު އޮތީ މާސްކު އެޅުން މަޖްބޫރުކޮށް ފިޔަވަޅުތަކެއް ވަރުގަދަކޮށްފައެވެ.

ރާއްޖޭގެ އޮންލައިން ނޫހަކަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަލީގެ ނުރައްކާ އަނެއްކާވެސް ބޮޑުވެފައި މިވާ ދަނޑިވަޅުގައި ރައްކާތެރި ކަމުގެ ގޮތުން އިތުރު ފިޔަވަޅުތައް އެޅުމާއި ގުޅޭ ގޮތުން މާދަމާ އަނެއްކާވެސް ބައްދަލުވުމެއް ބާއްވަން ނިންމަވާފައި ވާކަމަށެވެ. އަދި މިނިސްޓްރީން އަމަލު ކުރަމުން ގެންދާނީ، ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ބަލި ޖެހޭ މީހުންގެ އަދަދު މާލޭގައި އިތުރުވަމުން ދިޔަ ނަމަވެސް އަދި މާލޭގައި ކާފިއު ހިންގުމާއި ގުޅޭ ގޮތުން ގޮތެއް ނިންމަވާފައި ނުވާކަމަށެވެ. އެހެން ނަމަވެސް ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ ފުރިހަމައަށް ނެގުމަށް މިނިސްޓަރު ވަނި އިލްތިމާސް ކުރައްވާފައެވެ. 

2022 ވަނަ އަހަރު ފެށުނު ފަހުން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަންނަނީ އިންތިހާ ދަރަޖައަށް އިތުރު ވަމުންނެވެ. އެގޮތުން ބަލި މިހާ ގިނަ އަދަދަކަށް ފެތުރެމުން ދަނީ، ކޮވިޑް-19 ގެ ވޭރިއަންޓެއް ކަމަށްވާ "އޮމިކްރޮން" ގެ ސަބަބުން ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފައެވެ. 

އަދި ކުރިއަށް ހުރި ދުވަސްތަކުގައި މިއަދަދުތައް އިތުރުވެގެން ދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިކަމަށް ފުރިހަމައަށް ތައްޔާރަށް ތިބި ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ. 

ރާއްޖޭގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ރާއްޖެއިން މި ބައްޔަށް އިތުރު، 967 ފަރާތެއް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 475 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. 

ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު، 101،418 އަށް އަރާފައި ވާއިރު، މިބަލިން މިހާތަނަށް 95،259 މީހުން ވަނީ ރަނގަޅުވެފައެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑުމިޓު ކޮށްގެން 22 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް މިބަލީގައި 265 މީހަކު ވަނީ މަރުވެފައެވެ. 

20%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް