
އޮމިކްރޯން ވޭރިއެންޓް ހަލުވި ކަމާއެކު ފެތުރި މާލެއާއި ރާއްޖެ ތެރޭގައި ބަލީގެ ހާލަތު ދަނީ ބޮޑުވަމުންނެވެ. އެޗްޕީއޭ އިން ބުނާ ގޮތުން ދުވާލެއްގެ މައްޗަށް 1000 ގާތްކުރާ އަދަދަށް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ.
ބަލީގެ ހާލަތު ބޮޑުވެފައިވާ އިރު ބައެއް ދަރިވަރުންނާއި ޓީޗަރުން މިވަގުތު ތިބީ ކަރަންޓީނު ގައެވެ. މީގެ ކުރިން ކޮވިޑްގެ ހާލަތު ބޮޑުވަފައި ވަނިކޮށް ވެސް ސްކޫލްތައް ބަންދުކޮށް، އޮންލައިން ކޮށް ވަނީ ކިޔަވައި ދީފައި ވެއެވެ. އޭގެ ސަބަބުން ސްކޫލް ދަރިވަރުންނަށާއި، ޓީޗަރުންނަށް ވެސް ކިޔެވުމުގަ އާއި ކިޔަވައި ދިނުމުގައި، ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނެވެ.
ނަމަވެސް ދެވަނަ ޓާމަށް ސްކޫލް ފެށިގެން ދާއިރު، މިއަދު ވެސް އެ ހާލަތު ތަކުރާރު ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ގިނަ ބެލެނެވެރިން ދަނީ ބުނަމުންނެވެ.
ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރު ވަމުން އަންނަ ކަމަށް ބުނެ ސިއްހީ މާހިރުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރަމުންނެވެ. ފިޔަވަޅު ވަރުގަދަ ކުރުމާއެކު މާސްކު އެޅުމަށް ދަނީ މަޖުބޫރު ކުރަމުންނެވެ. އަދި ކުރީގެ ވޭރިއަންޓް، ޑެލްޓާ އަށް ވުރެ އަވަހަށް ފެތުރޭލެއް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ސިއްހީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.
ބައެއް ދަރިވަރުންނާއި ޓީޗަރުން މިވަގުތު ކަރަންޓީނު ގައި ތިބިއިރު، ސްކޫލްތައް ހުޅުވިފައި ވާތީ އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅާލުމުން އެފަރާތުގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް ވިދާޅުވީ މިދަނޑިވަޅުގައި ގިނަ ކޭސްތައް ފެންނަމުންދާއިރު ސްކޫލުތަކުގެ ގިނަ ޓީޗަރުން ވެސް ޕޮޒިޓިވެ އަދި ކަރަންޓީނުވެސް ކުރެވިފައިވާނެކަން އެނގޭ ކަމަށެވެ.
" ނަމަވެސް ސްކޫލްތައް ބަންދުކުރެވޭނީ ހާލަތު ގޯސްވެ އެންމެ ފަހު މަރުހަލާގައި،" އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވަމުންދާއިރު، މި ދަނޑިވަޅުގައި ކުދިން ސްކޫލަށް ފޮނުވުމަކީ ރައްކާތެރިކަމެއް ކަމަކަށް ގިނަ ބެލެނެ ވެރިން ގަބޫލެއް ނުކުރެ އެވެ. އެކުދިން ސްކޫލަށް ފޮނުވަން ކިތަންމެ ބޭނުން ނަމަވެސް، ނުރައްކާ އޮތުމުން ބެލެނިވެރިން ދަނީ ސްކޫލަށް ފޮނުވުމަށް ފަސް ޖެހެމުން ކަމަށާއި، އެއް މާހައުލެއްގައި ދަރިވަރުން ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހުމަކީ ބަލި ފެތުރި އެކަމުގެ ބިރުވެރިކަން ވަރަށް ބޮޑު ކަމެއް ކަމަށް ބެލެނެވެރިން ބުނެއެވެ.
މިކަމާއި ގުޅިގެން ބައެއް ސްކޫލް ތަކައް ގުޅާލުމުން އެފަރާތުން ބުނެފައި ފުރަތަމަ ހަފްތާގައި ސްކޫލް ކަންތައްތައް މެނޭޖްކުރެވޭނެ ކަމަށާއި، ޕެންޑަމިކް ތެރޭގައިވެސް ރަނގަޅަށް މެނޭޖް ކުރެވިގެން ކުރިއަށް ކިޔަވުން ގެންދެވޭނު ކަމަށެވެ.