ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާއާ ދެމެދު ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ.
ސެޕްޓެމްބަރު 22، 2016 ގައި "ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމާ ބެހޭ އެއްބަސްވުން" މި ނަމުގައި ސޮއިކުރި އެއްބަސްވުމާއެއްގޮތަށް ސްޓްރާޑާއިން ކުއްޔާއި ޖޫރިމަނާ ދައްކާފައިނުވާތީ، މި ސަރުކާރު އައި ފަހުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.
މިކަމާއި ގުޅޭ ގޮތުން، ޕްލޭނިން މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ސޮއިކުރައްވައި ސްޓްރާޑާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަލަކާ އަބްދުއްރަހީމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން 26 ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމަށް ފަހު މިނިސްޓްރީއާ ހަވާލުކުރަން ވާނެ ކަމަށެވެ.
އަދި މި މުއްދަތު ތެރޭ ބިން ހުސްކުރުމަށް ފަހު ހަވާލު ނުކޮށްފިނަމަ އެ މިނިސްޓްރީން ތަން ހުސްކުރުމުގެ މަސައްކަތް ފަށާނެކަމަށް ވެސް ސިޓީގައި ވަނީ ބުނެފަ އެވެ.
މި މައްސަލަ އާއި ގުޅިގެން ސިވިލް ކޯޓުން 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 26ގައި ހުކުމް ކުރީ އެ ބިން ސަރުކާރާއި ހަވާލު ކުރުމަށާއި، ބިން ހަވާލުކުރާ ދުވަހާ ހަމައަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށެވެ.
އެ ނިންމުން ސްޓްރާޑާއިން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެހެން ނަމަވެސް ހައިކޯޓުން މިދިޔަ އޮކްޓޯބަރު މަހު ނިންމީ ސިވިލް ކޯޓުގެ އަމުރު ދަމަހައްޓާށެވެ.