ads
އަރަބިއްޔާގެ އިމާރާތުގެ މައްސަލައިގައި ބެލެނިވެރިން ކުރި އިހްތިޖާޖެއް---- (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އަރަބިއްޔާ ދާއިމީ ވާނީ ބާ ޖަމާލުއްދީންގައި، އެމަސައްކަތް ދަނީ ކުރިއަށް: މުޖާހިދު
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ހަދަން ސަރުކާރުން ނިންމާފައިވަނީ ބާ ޖަމާލުއްދީން ބިމުގައި ކަަމަށާއި އެތަނުގައި ހަދާ އިމާރާތުގެ ޑިޒައިން ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 35 ވަނަ ރަސްމީ އާއްމު ޖަލްސާގައި، މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލްގެ އެމްޑީޕީ މެމްބަރު އަހުމަދު ޒަމީރު ވަނީ ބާޖަމާލުއްދީން ބިމުގައި އަޅަން ބޭނުންވަނީ ޕާކެއް ކަމަށާއި އެތަނުގައި ބޭސްމަންޓެއްލާފައި އަޑިއަށް ޕާކު ކުރެވޭ ގޮތަށް މަތީގަ ޕާކް ހަދާ ގޮތަށް އެތަން ތަރައްގީކުރުމަކީ ސިޓީ ކައުންސިލުގެ ވެސް ވިސްނުން ކަމަށް ވިދާޅުވެ، އެގޮތަށް ކައުންސިލަށް ޒަމީރުވަނީ ހުށަހަޅުއްވަފައެވެ.  

އެކަމާއި ގުޅިގެން އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީ ވަގުތީގޮތުން ހިންގި އިމާރާތުގައި ހުޅުވި އަރަބިއްޔާގެ ވަގުތީ އިމާރާތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު "ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެކަމާއި ބެހޭގޮތުން ސުވާލުކުރުމުން ޑެޕިއުޓީ މިނިސްޓަރު މުޖާހިދު ވިދާޅުވީ، އަރަބިއްޔާ ސްކޫލް އަޅަން ސަރުކާރުން ނިންމި ބިމަކީ ބާ ޖަމާލުއްދީން ހުރި ބިން ކަމަށާއި އެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށެވެ. 

"އެހެންވީމަ އެކަން އެގޮތަށް ކުރިއަށް ދާނީ. އެކަން އެގޮތަށް ކުރިއަށް ދަންދެން އަޅުގަނޑުމެންގެ ވިސްނުމަކީ ބޮޑުތަކުރުފާނު މަގުގައި އަޅާ ދަރުމަވަންތަ ސްކޫލު އަޅާ ނިމުނީމަ އެތަނަށް އެ ސްކޫލުގެ ދަރިވަރުން ބަދަލުވާނެތާ ދެއްތޯ. އެތަނަށް އެކުދިން ބަދަލުވީމަ އަރަބިއްޔާ ދަރިވަރުން އެތަނަށް ބަދަލުވުން. އެތަން މިތަނަށްވުރެ ތަނަވަސްވާނެ،" މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ، ބާ ޖަމާލުއްދީންގައި އަޅާ އަރަބިއްޔާ ސްކޫލުގެ ޑިޒައިން ފައިނަލައިޒް ކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށާއި ވަރަަށް އަވަހަށް އެތަނުގެ ޑިޒައިން އާއްމުކުރާނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލު ބާ ޖަމާލުއްދީނަށް  ބަދަލުނުކޮށް އެތަނުގައި ޕާކެއް އެޅުމަށް ހުށަހެޅުއްވި ސަބަބާއި ބެހޭގޮތުން "ސީއެންއެމް" އާ ވާހަކަދައްކަވަމުން މެމްބަރު ޒަމީރު ވިދާޅުވީ، އެގޮތަށް ހުށަހެޅުއްވީ ބާ ޖަމާލުއްދީން ބިމަކީ ސްކޫލެއް ބަދަލުކުރާވަރުގެ ތަނެއް ނޫންކަމަށްވުމުންނާއި، މައްޗަންގޯޅި ރައްޔިތުންވެސް ބޭނުންވަނީ އެތަނުގައި ޕާކެއް އޮތުމަށް ކަމަށް ވާތީ ކަމަށެވެ. 

އެގޮތަށް ހުށަހެޅުއްވި ދެވަނަ ސަބަބެއްގެ ގޮތުގައި ޒަމީރު ފާހަގަކުރެއްވީ، ބާ ޖަމާލުއްދީން ސްކޫލް ހުރި ސަރަހައްދަކީ ޓްރެފިކް ބޮޑު، ސްކޫލެއް ހުރުމަށް އެކަށީގެންވާ ތަނަކަށް ވުރެ ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ބެލެވެރިންނަށް ތަކްލީފުދޭ ތަނަކަށް ވުމެވެ. 

ޒަމީރު އެގޮތަށް ފާހަގަ ކުރެއްވީ ބާޖަމާލުއްދީން ސްކޫލުގައި ދަރިވަރުން ކިޔަވަމުންދިޔަ އިރުވެސް އެތަނުގެ ޓްރެފިކްގެ ސަބަބުން ސްކޫލުތައް ނިމޭ ވަގުތު ބާރުބޮޑުވާ ބޮޑުވުމަށް އިޝާރާތްކޮށެވެ. ޒަމީރު ވިދާޅުވީ، އެކަން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ތަހަންމަލުކޮށްފައި ކަމަށާއި އެގޮތުން ބަލާއިރު ވެސް އެއީ ސްކޫލެއް ހުރުން އެންމެ އެކަށީގެންވާ ތަނެއް ނޫންކަމަށް ދެކޭ ކަމަށެވެ. 

ޓްރެފިކާއި ބެހޭގޮތުން އޮތް ކަންބޮޑުވުމާއި ބެހެގޮތުން ސުވާލުކުރުމުން މުޖާހިދު ވިދާޅުވީ، ރާއްޖޭގައި ހުރި އެންމެ ބޮޑު ތައުލީމީ އިންސްޓިޓިއުޝަން، "ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން" އެތައް ސަތޭކަ ކުދިންނާ އެކު ވެސް ހިންގީ އެތަނުގައި ކަމަށާއި، އޭރު ވެސް ޓްރެފިކް މެނޭޖް ކޮށްގެން އެކަން ކުރިކަމަށެވެ.

" އެކި މީހުންގެ ހިޔާލު ތަފާތު ވާނެ ދެއްތޯ. އެެތައް ސަތޭކަ ކުދިންނާ އެކު ކުރީގެ ރާއްޖޭގެ އެންމެ ބޮޑު ތައުލީމީ އިންސްޓިޓިއުޝަން ވެސް ހިންގެވީ އެތަނުގައި ދެއްތޯ. އެހެންވީމަ ޓްރެފިކަކީ މެނޭޖްކުރީމަ މެނޭޖް ކުރެވޭނެ އެއްޗެއް ދެއްތޯ. ރަނގަޅަށް މެނޭޖް ނުކުރެވިއްޖެނަމަ ބޮއްސުންވެސް ލާފާނެ ކަމެއް. އެހެންވީމަ އެކަންކަމަކީ ރަނގަޅު ކުރެވޭނެ ކަމެއް،" މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު އިތުރަށް ވިދާޅުވީ، އެތަނަކީ އަރަބިއްޔާ ސްކޫލް އިމާރާތްކުރަން އެކަށީގެންވާ ބިިމެއްކަމަށާއި މިހާރު އިމާރާތްކޮށްފައިވާ ވަގުތީ އިމާރާތުގައި ހަ މަސް ވަރު ދަރިވަރުން ކިޔަވާނެ ކަަމަށެވެ. އަދި އެއަށް ފަހު އަރަބިއްޔާގެ އާ އިމާރާތް ހެދުމާއި ދެމެދު ހޭދަވާ މުއްދަތުގައި ދަރިވަރުން ކިޔަވަމުންދާނީ އަލަށް އިމާރާތް ކުރާ ދަރުމަވަންތަ ސްކޫލުގައި ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް